ދިވެހި ލީގުގައި ހެޑް ކޯޗު މަރްޔާން ސެކުލޮސްކީ ކޯޗަކަށް ނެތި މާޒިޔާއިން އއ. މާޅޮސް 0-6 ބަލިކޮށް އެޓީމަށް ދިމާވެފައިވާ ދަތިތަކުން އަރިއިގަތުމުގެ މަސައްކަތް ފަށައިފިއެވެ.
މިދިޔަ އަހަރުގެ ދިވެހި ލީގުގެ ޗެމްޕިއަން މާޒިޔާއިން ދެވަނަ ބުރުގެ ފުރަތަމަ ތިން މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ދ. ކުޑަހުވަދޫ އާއި އެޓީމު ބައްދަލުކުރި މެޗެވެ. އޭގެ ފަހުން ޓީސީ އަތުން ބަލިވެ ގދ. ތިނަދޫ އަތުން މާޒިޔާ ވަނީ އެއްވަރުވެފައެވެ.
ދެވަނަ ބުރުގައި ނެރެފައިވާ ނަތީޖާ ތަކުގެ ސަބަބުން މާޒިޔާއިން ވަނީ ކޯޗު ސެކުލޮސްކީ އާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުނުން ކޮންޓްރެކްޓު ދެފަރާތުން އެއްބަސްވެގެން އިތުރު ނުކުރަން ނިންމާފައެވެ.
މެޗަށް މާޅޮސް ޓީމު ނިކުތްއިރު އެޓީމުން އެންމެ ފަހުން ކުޅުނު މެޗުން ނިއު ރޭޑިއަންޓު އަތުން ވަނީ 1-7 ބަލިވެފައެވެ. ނަމަވެސް ދެވަނަ ބުރުގެ ފުރަތަމަ މެޗުން މާޅޮސް ވަނީ ގްރީން ސްޓްރީޓްސް އަދި މިލަންދޫގެ މައްޗަށް ކުރި ހޯދާފައެވެ.
މިމެޗުން ހޯދި މޮޅާއެކު މާޒިޔާ މިވަގުތު ލީގުގެ ތިންވަނަ މަގާނުގައި އޮތީ 11 މެޗުން ލިބިފައިވާ 23 ޕޮއިންޓާއެކުއެވެ. މެޗުން ބަލިވި މާޅޮސް އޮތީ ތާވަލުގެ ހަވަނަ މާގާމުގައި 11 މެޗުން ހޯދި އަށް ޕޮއިންޓާއެކުއެވެ.
މެޗަށް ނިކުތްއިރު މާޒިޔާގެޑިފެންޑަރު އަމްދާން އަލީއަށް ފުރަތަމަ އެގާރައިން ޖާގައެއް ނުލިބެއެވެ. އަމްދާން އާއި ހިލާފަށް އިސްމާއިލް އީސަ ފުރަތަމަ އެގާރައިން ވަނީ ސްޓާޓްކޮށްފައެވެ. މާޅޮސް ޓީމުން ބިދޭސީ ޑިފެންޑަރު ބޯޓެންއަށް ކާޑު ހަމަވެފައިވުމުން އެނާ ނުކުޅެއެވެ. އޭނާ ނެތުމުން މާޅޮސްގެ ޑިފެންސް ފެނުނީ އާދައިގެކޮށެވެ.
މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ ފަސްވަނަ މިނިޓުގައެވެ. މިލަނޑަކީ އުމައިރު ނަގައިދިން ހުރަހެކެވެ. ބޯޅައިގައި ޖަހަން އަޝްހަދް އަލީ އެރިނަމަވެސް އޭނާގެ ފައިގައި ބޯޅަ ލައްވާ ނުލައި ގޮސް ގޯލްގެ ތެރެއަށް ވަނެވެ.
ފުރަތަމަ ގޯލް ޖެހިތާ މިނިޓެއް ތެރޭގައި އުމޭރު ވަނީ ދެވަނަ ގޯލް ކާމިޔާބުކޮށްދީފައެވެ. މެދުތެރެއިން ކުޅުނު ބޯޅަ ހިފައގެން ވަދެ އުމެއިރު ވަނީ ގޯލްގެ މަތީ ކަނަށް ފޮނުވާލާފަ އެވެ.
10 ވަނަ މިނިޓުގައި މާޒިޔާއިން ތިންވަނަ ލަނޑު ޖެހިއެވެ. އަންދްރޭ ކެރިޗްއަށް އިސްމާއިލް އީސަ ކުޅުނު ބޯޅަ އޭރިޔާ ތެރއިން ކެރިޗް ފޮނުވާލުމުން ގޯލްގެ ތެރެއަށް ވަނީ މާޅޮސް ކީޕަރު ފައިގައި ޖެހިފައެވެ.
ހާފް ބްރޭކަށް ދިއުމުގެ ކުރިން ޔަޝްފާދް ވަނީ މާޒިޔާއަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ. ދެކުޅުންތެރިޔަކު ކައިރިން ކަޓުވާލުމަށްފަހު މުލަކޭ ފޮނުވަލި ބޯޅަ އަމާޒުވި ގޯލްގެ ތިރީ ކަނަށެވެ.
މާޅޮސް ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މިލަނޑު ކާމިޔާބުކޮށް މެޗުގެ ނަތީޖާ 0-5 ބަދަލުކޮށްލީ އަޝްހަދް އަލީ (އަޑޭ) އެވެ.
މާޒިޔާގެ ހަ ވަނަ ލަނޑު ޖަހަައި އުމެއިރު ހެޓްރިކް ހެދީ ލިބުނު ޕެނަލްޓީ އަކުން 81 ވަނަ މިނިޓްގައެވެ. މި ޕެނަލްޓީ އަކީ އަލީ ސަމްދޫހު އަށް މަޅޮހުގެ އޭރިއާ ތެރެއިން އެޓީމުގެ ކުޅުންތެރިޔަކު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.