ކުޅިވަރު

މާޒިޔާގެ ކޯޗަކަށް އިންމަ ހަމަޖައްސައިފި

މަގާމު ހުސްވެފައިވާ މާޒިޔާގެ ކޯޗް ކަމަށް ގައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗް އިސްމާއީލް މަހްފޫޒް (އިންމަ) ހަމަޖައްސައިފި އެވެ.

އިންމަ މާޒިޔާގެ ކޯޗް ކަމާ ހަވާލުވީ އަންނަ އަހަރުގެ ނިޔަލަށެވެ. ދެހާސް ހަ ވަނަ އަހަރު ފުރަތަމަ ޑިވިޝަންގައި ވާދަ ކުރަން ފެށި މާޒިޔާ، ރާއްޖޭގެ އެންމެ މަތީ ފުޓްބޯޅައިގެ ދައުރު ފެށީ އިންމަ އާއެކު އެވެ. ދެހާސް ސާދަ ވަނަ އަހަރާ ހަމައަށް އޭނާ މާޒިޔާގައި މަސައްކަތް ކުރި އެވެ. އޭނާ މާޒިޔާގެ ކޯޗް ކަމުން އިސްތިއުފާ ދިނީ 2014 ވަނަ އަހަރު ސީޒަންގެ މެދުތެރެއިން ނެވެ.

މާޒިޔާގެ ކޯޗްގެ މަގާމު ހުސްވީ، މި ސީޒަނަށް މާޒިޔާގެ ކޯޗް ކަމަށް ހަމަޖެއްސި މެސަޑޯނިއާގެ މަރުޖާން ސެކޮލޮސްކީއާ އެކު އިތުރަށް ކުރިއަށް ނުދާން މާޒިޔައިން ނިންމުމުން ނެވެ. މާޒިޔާ ސީޒަނަށް ކުރިމަތިލީ، ސީޒަންގެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރުމުގެ އުންމީދުގަ އެވެ. ސެކްލޮސްކީގެ ކޯޗް ކަމުގެ ދަށުން، މާޒިޔާ އަށް ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑާއި، މޭލޭ ލީގް ކާމިޔާބު ކޮށްދިނެވެ. އަދި އޭއެފްސީ ކަޕްގެ ދެ ވަނަ ބުރާ ވަރަށް ގާތަށް އޭނާ މާޒިޔާ ގެންގޮސް ދިނެވެ.

ސެކްލޮސްކީގެ ކޯޗް ކަމުގައި އުނދަގޫ ހާލަތަކަށް އައީ މިހާރު ކުރިއަށްދާ ދިވެހި ޕްރިމިއާ ލީގް ދެ ވަނަ ބުރުން ފެށިގެން ނެވެ. ދެ ވަނަ ބުރުގެ މުހިންމު ދެ މެޗެއް މާޒިޔާ އަށް ގެއްލި ލީގް ޗެމްޕިއަންކަން ނުލިބޭނެހެން ހީވުމުން މާޒިޔާއިން ސެކްލޮސްކީއާ އެކު ކުރިއަށް ނުދާން ނިންމި އެވެ. މާޒިޔާއިން ބުނީ އޭނާއާ އެކު ހަދާފައިވާ ކޮންޓްރެކްޓް މުއްދަތު ހަމަވީ ކަމަށެވެ. އަދި އިތުރަށް ކޮންޓްރެކްޓް އާ ނުކުރަން ނިންމީ ކަމަށް މާޒިޔާއިން ބުނެ އެވެ.

މާޒިޔާއާ އިންމަ ހަވާލުވީ، ގައުމީ ޓީމުގައި އޭނާ އަދާ ކުރަމުން ދިޔަ މަގާމުން އިސްތިއުފާ ދިނުމަށް ފަހު އެވެ.