ބޮލީވުޑް

ސިދާތް "ރޭސް 3" ދޫކޮށްލީ ޑެއިޒީ ބަތަލާ އަކަށް ވުމުން

Nov 2, 2017

ހުނަރުވެރި ޒުވާން އެކްޓަރު ސިދާތް މަލްހޯތުރާގެ ތްރިލާ ފިލްމު "އިއްތިފާގު 2" ހުކުރު ދުވަހު ރިލީޒްކުރާއިރު، މަޝްހޫރު ތްރިލާ ފްރެންޗައިޒް، ރޭސް ސިލްސިލާގެ ތިން ވަނަ ފިލްމު "ރޭސް 3" ގެ މުހިންމު ރޯލެއް ކުޅެން ލިބުނު ފުރުސަތު އޭނާ ދޫކޮށްލައިފި އެވެ.

ސުޕަސްޓާ ސަލްމާން ޚާން ލީޑްރޯލުން ފެނިގެންދާ "ރޭސް 3" ގެ ދެވަނަ ލީޑްރޯލު ކުޅެން ސިދާތަށް ލިބުނު ފުރުސަތު އޭނާ ދޫކޮށްލުމުން ގިނަބަޔަކަށް ލިބުނީ ބޮޑު ހައިރާންކަމެކެވެ.

ސަލްމާން ފަދަ ބޮޑު ތަރިއަކާ އެކު އަދި "ރޭސް" ފަދަ ކާމިޔާބު ސިލްސިލާއެއްގެ ފިލްމަކުން ހުށަހެޅުން ލިބުމުން އެ ފުރުސަތު އެހާ އަވަހަށް ސިދާތް ދޫކޮށްލީ ކީއްވެގެން ކަމާ މެދު އޮތީ ސުވާލު އުފެދިފަ އެވެ.

ބުނެވޭ ގޮތުގައި ސިދާތަށް އެ ފިލްމުގެ ދެވަނަ ލީޑް ކުޅެން ލިބުނު ފުރުސަތު ދޫކޮށްލީ، އޭނާގެ ބަތަލާގެ ރޯލު ޑެއިޒީ ޝާހް ކުޅޭކަން އެނގުމުންނެވެ.

ސަލްމާން އާއެކު "ޖެއި ހޯ" ކިޔާ ފިލްމަކުން ބޮލީވުޑަށް ނިކުތް ޑެއިޒީ އަކީ މިހާތަނަށް މާ ބޮޑެތި ފިލްމުތައް ކުޅެފައިވާ ބަތަލާއެއް ނޫނެވެ.

ކަރަން ޖޯހަރުގެ ބެލުމުގެ ދަށުން ބޮލީވުޑަށ ނިކުތް ސިދާތް މިހާތަނަށް މުޅިން ވެސް ފިލްމުތައް ކުޅެފައި ހުރީ ވަރަށް މަޝްހޫރު ބަތަލއިންނާ އެކު އެވެ. އެހެންކަމުން "ރޭސް 3" އިން ރަނގަޅު ރޯލެއް ލިބުނަސް، އޭނާގެ ބަތަލާ އަކަށް ޑެއިޒީ އުޅޭތީ އޭނާ އާއެކު އެ ފިލްމު ކުޅުންވީ ސިދާތް މާ ގަޔާވި ކަމަކަށް ނޫނެވެ.

ސިދާތް މިހާތަނަށް ކުޅެފައިވާ ފިލްމުތަކުގައި އޭނާ އާއެކު ބަތަލާގެ ރޯލުތަކުން ފެނިގެން ގޮސްފައިވާ ތަރިންނަކީ އާލިއާ ބަޓް އާއި ޕަރިނީތީ ޗޯޕްޅާ އާއި ޝްރަދާ ކަޕޫރު އަދި ކެޓްރީނާ ކައިފް އާއި ޖެކުއަލީން ފާނެންޑޭޒް ފަދަ ބަތަލާއިންނެވެ.

ރެމޯ ޑިސޫޒާ ޑައިރެކްޓްކުރާ "ރޭސް 3" ގައި ސިދާތްގެ އެ ރޯލު ދޫކޮށްލުމުން މިހާރު އެ ރޯލު ކުޅެން ހަމަޖައްސާފައިވަނީ ބޮބީ ޑިއޯލެވެ.

ސަލްމާނާ އެކު ބަތަލާގެ ރޯލުން ޖެކުއަލީން ފާނެންޑޭޒް ފެނިގެންދާ މި ފިލްމުގައި ކުުރީގެ ދެ ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދިޔަ އެއްްވެސް ތަރިޔަކު ފެނިގެންނުދާނެ އެވެ.

މި ފިލްމުގެ މުހިންމު ރޯލަކުން ސާގިބް ސަލީމް ވެސް ފެނިގެންދާނެ އެވެ.

ސަލްމާން ނުބައިބައި ރޯލަކުން ފެނިގެންދާ މި ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އަދި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފިތުރު އީދާ ދިމާކޮށެވެ.