ބޮލީވުޑް

10 އަހަރު ފަހުން ޝާހިދު އިމްތިޔާޒުގެ ފިލްމެއް ކުޅެނީ

Nov 2, 2017

ބޮލީވުޑްގައި ދެހާހުގެ އަހަރުތަކުގައި އުފެއްދި އެންމެ ކާމިޔާބު ރޮމޭންޓިކް ކޮމެޑީ ފިލްމަށް މީގެ ދިހަ އަހަރު ކުރިން ރިލީޒްކުރި "ޖަބްވީ މެޓް" ވާނެ އެވެ.

ކުރީގެ ދެ ލޯބިވެރިން ކަމަށްވާ ޝާހިދު ކަޕޫރާއި ކަރީނާ ކަޕޫރު ލީޑްރޯލު ކުޅެފައިވާ އެ ފިލްމު ރިލީޒްކުރިތާ ދިހަ އަހަރު މިދިޔަ ހަފްތާގައި ވެފައިވާއިރު، އެ ފިލްމުގައި ފެނިގެންދިޔަ އަދިތްޔަ (ޝާހިދު) އަދި ގީތް (ކަރީނާ) ގެ ޖޯޑަށް ބެލުންތެރިންގެ ހިތް ވަނީ ދެވިފަ އެވެ.

އިމްތިޔާޒު އަލީ ޑައިރެކްޓްކޮށްފައިވާ "ޖަބްވީ މެޓް" ގެ ކަާމިޔާބަށް ދިހަ އަހަރު ފުރުން ފާހަގަކޮށް، ޝާހިދާ އެކު އިތުރު ލޯބީގެ ފިލްމެއް އުފައްދަން ވަނީ ނިންމާފަ އެވެ.

ޑައިރެކްޓަރު އިމްތިޔާޒު އާއި ޝާހިދު ގުޅިގެން ގެނެސްދިން ފިލްމުގެ ކާމިޔާބާ އެކު އެ ދެމީހުން ދެން އުފައްދާ ފިިލްމުގެ މަޝްވަރާތައް މިހާރު އަންނަނީ ކުރަމުންނެވެ.

ހެއްވާ މަޖާ ލޯބީގެ ކަންތައްތަކެއް ފެނިގެންދާ އެ ފިލްމުގައި ޝާހިދާ އެކު ބަތަލާގެ ރޯލު ކުޅޭނެ ތަރިޔަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެ އެވެ.

ޝާހިދު އާއި ކަރީނާ ރުޅިވިފަހުން އެކުގައި ކުޅެފައިވާ ފިލްމަކީ މިދިޔަ އަހަރު ނިކުތް "އުޅްތާ ޕަންޖާބް" އެވެ. ނަމަވެސް އެ ފިލްމުގައި އެ ދެތަރިން އެކުގައި އެންމެ މަންޒަރަކުން ވެސް ފެނިގެން ނުދެ އެވެ. އެކުގައި ޝާހިދާއި ކަރީނާ ފިލްމު ކުޅެން ފަސްޖެހޭއިރު މި ދެތަރިން މި ފިލްމުގައި ފެނިގެން ދިއުމަކީ ނާދިރު ކަމެކެވެ. އަދި ޝާހިދާ އެކު އެހެން ބަތަލާއެއް ގެނެސްގެން "ޖަބްވީ މެޓް" ގައި ދެއްކުވި ޖާދޫ އިމްތިޔާޒަށް ދެއްކިދާނެތޯ އެއީ މިހާރު އުފެދެމުން އަންނަ ސުވާލެކެވެ.

މި ފިލްމުގައި މަސައްކަތް ކުރަމުން އަންނަ ފަރާތަކުން ބުނެފައިވާ ގޮތުގައި ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އެޕްރީލްގެ ތެރޭގަ އެވެ. އަދި ފިލްމުގެ މަންޒަރުތައް ނަގާނީ އިންޑިއާގެ އިތުރުން ބޭރުގެ ބައެއް ގައުމުތަކުގަ އެވެ.

ޝާހިދުގެ ދެން އެންމެ އަވަހަށް ރިލީޒްވާ ފިލްމަކީ އަންނަ މަހުގެ އެއްވަނަ ދުވަހު ނިކުންނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތީ" އެވެ.

އޭނާ މިހާރު އަންނަނީ ޝްރީ ނާރާޔަން ސިންގް ޑައިރެކްޓްކުރާ "ބައްޓީ ގުލް މީޓަރު ޗަލޫ" ކިޔާ ފިލްމެއް ކުޅެން ތައްޔާރުވަމުންނެވެ.