ބޮލީވުޑް

ޝާހްރުކާއެކު އައިޝްވާރިޔާ ބޭނުންވަނީ މޮޅު ފިލްމެއް

Nov 2, 2017

ފުލުފުލުގައި ފިލްމުތައް ކުޅެން ބަތަލާ އައިޝްވާރިޔާ ރާއީ އަށް ކިތަންމެ ވަރަކަށް ފުރުސަތު ލިބުނަސް އޭނާ ކުޅޭނެ ފިލްމުތައް ނިންމަނީ ފަސް އަހަރުގެ ދަރިފުޅު އާރަދްޔާގެ އެއްވެސް ކަމަކަށް ބުރުނާރާ ގޮތަށެވެ.

ދަރިފުޅު ހުރިހާ ކަމެއް އަމިއްލަ އަށް ކުރަމުން އައިޝްވާރިޔާ އަށް މިފަހަކަށް އައިސް ކުޅެވެނީ އަހަރަކު ފިލްމެކެވެ. އައިޝްވާރިޔާ އެންމެފަހުން ކުޅެފައިވާ ފިލްމަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ނިކުތް ޑައިރެކްޓަރު ކަރަން ޖޯހަރުގެ "އޭ ދިލްހޭ މުޝްކިލް" އެވެ.

އަންނަ ހަފްތާގައި "ފަންނޭ ޚާން" ކިޔާ ފިލްމެއްގެ ޝޫޓިން އައިޝްވާރިޔާ، މަޝްހޫރ އެކްޓަރުން ކަމަށްވާ އަނިލް ކަޕޫރާއި ރާޖްކުމާރު ރާއޯ އާއެކު ފަށާނެ އެވެ. އެ ފިލްމު ކުޅެން އައިޝްވާރިޔާ ސޮއިކުރި ފަހުން ވެސް އޭނާ އަށް ގިނަ ފިލްމުތަކަކުން ވަނީ ފުރުސަތު ލިބިފަ އެވެ.

އޭގެތެރެއިން އެއް ފިލްމަކީ ޝާހްރުކް ޚާނާ އެކު ކުޅެން ލިބުނު ފިލްމެކެވެ. ޝާހްރުކާ އެކު އިތުރު ފިލްމެއް ކުޅެން ބޭނުންވެގެން އައިޝްވާރިޔާ އުޅޭތާ ދުވަސްތަކެއް ވެއްޖެ އެވެ. ނަމަވެސް ހުށަހެޅުން ލިބުނު ފިލްމުގެ ސްކްރިޕްޓާ މެދު ހިތްހަމަނުޖެހޭތީ އައިޝްވާރިޔާ ވަނީ އެ ފިލްމު ދޫކޮށްލާފަ އެވެ.

"އައިޝްވާރިޔާ އެންމެ ބޮޑަށް ބަލަނީ ފިލްމުގެ ސްކްރިޕްޓްގެ މޮޅުކަމަށް. ޝާހްރުކާ އެކު ފިލްމެއް ކުޅެން ބޭނުންވެފައި ހުއްޓަސް ސްކްރިޕްޓާ މެދު ގަޔާ ނުވެގެން އޭނާ ވަނީ އެ ފިލްމު ދޫކޮށްލާފައި،" އައިޝްވާރިޔާގެ ގާތްފަރާތަކުން ބުނެފައިވެ އެވެ.

އެ ފިލްމުގައި އައިޝްވާރިޔާގެ ކުރީގެ ފިރިމީހާގެ ރޯލުން ފެނިގެން ގޮސްފައިވަނީ ޝާހްރުކެވެ. އަދި ފަހުން ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ރަންބީރު ކަޕޫރާ އެވެ.

ޝާހްރުކާ އެކު ފިލްމެއް ކުޅެން ލިބުނު ފުރުސަތު އައިޝްވާރިޔާ ދޫކޮށްލުމުން އެ ދެތަރިން އެކުގައި ފިލްމަކުން ފެންނާނެ ދުވަހަކަށް އިންތިޒާރކުރަމުން އައި ފަރާތްތަކުން މިޖެހުނީ އިތުރު އިންތިޒާރެއް ކުރާށެވެ.

"މޮހައްބަތޭން" އާއި "ޖޯޝް" އަދި "ދޭވްދާސް" ފަދަ ފިލްމުތައް އެކުގައި ކުޅެފައިވާ އައިޝްވާރިޔާ އާއި ޝާހްރުކްގެ އެންމެ ކާމިޔާބު ފިލްމަކީ "ދޭވްދާސް" އެވެ.