ދުނިޔެ

މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމުގެ އިޝާރާތެއް މުގާބޭ ދެއްވައިފި

Nov 2, 2017
2

ޒިންބާބުވޭގެ ރައީސް ރޮބަޓް މުގާބޭ، އެ ގައުމުގައި އަލުން މަރުގެ ހުކުމް ތަންފީޒު ކުރަން ފަށާނެ ކަމުގެ އިޝާރާތެއް ދެއްވައިފި އެވެ. މުގާބޭ އެހެން ވިދާޅުވީ އެ ގައުމުގައި އާދަޔާހިލާފަށް މީހުން މެރުން އާންމުވެފައިވާ ވަގުތެއްގައި، އެ ގައުމުގެ މިނިވަން ކަމަށް ހަނގުރާމަ ކުރި ބޭފުޅެއްގެ ޖަނާޒާގައި ބައިވެރިވަޑައިގެން ވާހަކަފުޅު ދައްކަވަމުން މިދިއަ ބުދަ ދުވަހު އެވެ.

ޒިންބާބުވޭގެ ގާނޫނުއަސާސީ ބުނާ ގޮތުން މަރުގެ ހުކުމް ތަންފީޒު ކުރުމަށް އެއްވެސް ހުރަހެއް ނެތެވެ. ނަމަވެސް 2005 ވަނަ އަހަރުން ފެށިގެން މަރުގެ ހުކުމް ތަންފީޒު ކުރުން އެ ގައުމުގައި ވަނީ ހުއްޓާލާފަ އެވެ.

މުގާބޭ ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރަން އޭނާ ތާއީދު ކުރެއްވި ނަމަވެސް އޭނާގެ ކެބިނެޓް އެ މައްސަލާގައި ހިޔާލު ތަފާތު ކަމަށެވެ.

"މަރުގެ ހުކުމް އިއްވާ މީހުންނަށް ހުކުމް ތަންފީޒު ކުރާ ވާހަކަ ދެން އިވިއްޖެއްޔާ ގަބޫލު ކުރައްވާ މުގާބޭގެ ވިސްނުން ގާއިމު ވެއްޖެކަން،" މުގާބޭ ވިދާޅުވި އެވެ.

އުމުރުފުޅުން 93 އަހަރުގެ މުގާބޭ ވިދާޅުވީ ފުލުހުންގެ ވެރިޔާ އޭނާއަށް އެރުވި ކުށުގެ ރިޕޯޓަށް ބައްލަވާފައި ހައިރާންވެ ވަޑައިގެންނެވި ކަމަށާއި އަދި އެ ގައުމުގައި މީހުން މެރުން އާންމުވެފައިވާ މިންވަރު ފެނި ކަންބޮޑުވެ ވަޑައިގެންނެވި ކަމަށެވެ.

"އެއް ބަޔަކު އަނެއް ބަޔަކަށް ފުރާނާއާ ކުޅެ މީހުން މަރަނީ. މިއީތޯ އަހަރެމެން މި ގައުމު މިނިވަން ކުރި ސަބަބަކީ؟" މުގާބޭ ސުވާލު ކުރެއްވި އެވެ. "އަހަރެމެން ބޭނުންވަނީ އެކަކު ގޮސް އަނެކު މަރާލާ ތަނެއްގެ ގޮތުގައި މި ގައުމު އޮންނާކަށް ނޫން، އެކަމަކު އެންމެނަށް އުފާވެރި ސުލްހަވެރި ތަނެއްގެ ގޮތުގައި މި ގައުމު އޮންނަން،"

ޒިންބާބުވޭގައި 2013 ވަނަ އަހަރު އެކުލަވައިލި ގާނޫނުއަސާސީ ބުނާ ގޮތުން އަންހެނުންނާއި 18 އަހަރު ނުފުރޭ ކުޑަ ކުދިންނާއި 69 އަހަރުން މަތީ މީހުންގެ މައްޗަށް މަރުގެ ހުކުމެއް ނުހިނގަ އެވެ. އެ ފަރާތްތަކަކީ ގާނޫނުއަސާސީން ހާއްސަ އިމްތިޔާޒްތަކެއްދީ މަރުގެ ހުކުމުން އިސްތިސްނާވާ ބައެއްގެ ގޮތުގައި ގާނޫނުން ކަނޑައަޅާފައިވާ ބައެކެވެ.

މިހާރުވެސް މަރުގެ ހުކުމް އިއްވާފައިވާ 93 މީހަކު ޒިންބާބުވޭގެ ޖަލުތަކުގައި އެބަތިއްބެވެ. އިންސާނިއްޔަތަށް މަސައްކަތް ކުރާ ޖަމިއްޔާ އެމްނެސްޓީން ގެންދަނީ މަރުގެ ހުކުމް އުަވާލަން ޒިންބާބުވޭގެ ސަރުކާރަށް ގޮވާލަމުންނެވެ.