ބޮލީވުޑް

ޝާހިދު މޫނު ފޮރުވައިގެން ކޮން ކަމެއް؟

Nov 3, 2017
1

ޝާހިދު ކަޕޫރުގެ ދެން އެންމެ އަވަހަށް ރިލީޒްވާ ފިލްމަކީ އަންނަ މަހުގެ އެއްވަނަ ދުވަހު ސިނަމާތަކުގައި ދައްކަން ފަށާ "ޕަދްމާވަތީ" އެވެ.
ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އުފައްދާ އެ ފިލްމުގައި ޝާހިދު ކުޅެފައިވަނީ ކުރީގެ ރަސްލަކެއް ކަމަށްވާ ރަވަލް ރަތަން ސިންގްގެ ރޯލެވެ.

"ޕަދްމާވަތީ" ގައި ރަސްލަކެއްގެ ރޯލު ކުޅެން ޝާހިދު ވަނީ ސިފަޔާއި ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ. ޝާހިދު ވަނީ އެ ފިލްމަށް މަތިމަހާއި ތުނބުޅި އަދި އިސްތަށިގަނޑު ވެސް ވަރަށް ދިގުކޮށްފަ އެވެ. އެ ފިލްމުގައި ޝާހިދު ނަގަންޖެހޭ ހުރިހާ މަންޒަރެއް ނަގައި ނިންމާލާފައިވާއިރު، އޭނާ އަނެއްކާ ވެސް ވަނީ ސިފަޔަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ. ދިގުކޮށް ހުރި އިސްތަށިގަނޑާއި ތުނބުޅި މިހާރު ވަނީ ކޮށާލާފަ އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ޝާހިދު، އަންހެނުން މީރާ އާއި ދަރިފުޅު މިޝާ އާއެކު މުމްބައި އެއާޕޯޓުން ނިކުތްއިރު ހުރީ މޫނުމަތި ނިވާވާނެހެން ސްކާފެއް އައްސާފަ އެވެ. އަދި ބޮލިގައި ތޮއްޕެއް ވެސް އަޅާފަ އެވެ.

ޝާހިދު މިހާރު އިސްތަށިގަނޑާއި ތުނބުޅި އަށް ގެނެސްފައި ހުރި ބަދަލު ފޮރުވަން ކިތަންމެ މަސައްކަތެއް ކުރިއަށް ދައުރުވަމުން އަންނަ ފޮޓޯތަކަށް ބަލާލުމުން އޭނާގެ ދިގު އިސްތަށިގަނޑު ވަރަށް ކުރުކޮށް ކޮށާލާފައިވާކަން އެނގެ އެވެ.

ކުއްލި އަކަށް ސިފަޔަށް ބަދަލު ގެނެސް، ފޮރުވަން މާ ވަރަކަށް މަސައްކަތްކުރާތީ މިއީ ޝާހިދު ދެން ކުޅެން ފަށާ ފިލްމެއްގައި އޭނާ ފެނިގެންދާނެ ގޮތް ކަމަށް އަންނަނީ ބުނަމުންނެވެ. ޝްރީ ނާރާޔަން ސިންގް ޑައިރެކްޓްކުރާ "ބައްޓީ ގުލް މީޓަރު ޗާލޫ" ގައި ފެނިގެންދާނެ ގޮތް ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް އަނެއް ބަޔަކު ވަނީ މިއީ އޭނާ ކުޅެން ހަމަޖެހިފައިވާ އިޝްތިހާރަކަށް ގެނައި ބަދަލެކެވެ. ނުވަތަ މިއީ އޭނާގެ އާ ފިލްމު ރިލީޒްކުރާތީ ޖައްސާ ސްޓަންޓަކަށް ވެސް ވެދާނެ އެވެ.

"ބައްޓީ ގުލް މީޓަރު ޗާލޫ" ގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނި އަންނަ ޖެނުއަރީގެ ތެރޭގަ އެވެ.