ހަބަރު

ފެނަކަ މެދުވެރިކޮށް ރަށްރަށުން ފައިސާ ނެގޭނެ ގޮތް ބީއެމްއެލުން ހަދައިފި

އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސްގެ ކޭޝް އޭޖެންޓް ނެޓްވޯކް އިތުރަށް ފުޅާކުރުމުގެ ގޮތުން ފެނަކަ ކޯޕަރޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ބީއެމްއެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ އެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު އެންޑުރޫ ހީލީ ވިދާޅުވީ، ބީއެމްއެލްގެ ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރުމުގެ ގޮތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ފެނަކައިގެ ހިދުމަތް ފޯރުކޮށްދޭ 116 ރަށަކުން ފައިސާ ނެގުމުގެ ހިދުމަތް ބީއެމްއެލްގެ ކަސްޓަމަރުންނަށް ދެވިގެންދާނެ ކަމަށް ހީލީ ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ، ފެނަކަ އަކީ ރާއްޖޭގެ ގިނަ ރަށްތަކަށް އަސާސީ ހިދުމަތް ފޯރުކޮށްދެމުންދާ ކުންފުންޏެއް ކަމަށާއި ފެނަކަ މެދުވެރިކޮށް ބީއެމްއެލްގެ ގިނަ ކަސްޓަމަރުންނަށް ފައިސާ ނެގުމުގެ ހިދުމަތް ފޯރުކޮށް ދެވިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ ވަސީލަތްތައް ތަންދޭ މިންވަރަކުން ބީއެމްއެލަށް އެހިތެރިކަން ފޯރުކޮށް ދެމުންދާނެ ކަމަށެވެ.

ކޭޝް އޭޖެންޓުންގެ ހިދުމަތުކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަސާސީ ބޭންކިން ހިދުމަތްތައް ފޯރުކޮށްދިނުމަށް ބީއެމްއެލުން ފަށާފައިވާ ހިދުމަތެކެވެ. 2014 ވަނަ އަހަރު ތައާރަފްކުރި އެ ހިދުމަތުގެ ދަށުން ބޭންކްގެ 200 އަށްވުރެ ގިނަ ކޭޝް އެޖެންޓުން އަތޮޅުތަކުގައި ހިދުމަތް ދެމުންދެއެވެ.