ކުޅިވަރު

ކޭއެޗް އެކެޑަމީގެ އިކެޑެން ރޯޑްރިލޭއަށް ބޮޑު ތަރުހީބެއް

Nov 2, 2017

ރާއްޖޭގެ ކުރީގެ އެއް ވަނަ ދުވުންތެރިޔާ ޑރ. ހުސައިން ހަލީމް (ކުޑަ ހުސައިން) ކޭއެޗް ސްޕޯޓްސް އެކެޑެމީން އިންތިޒާމު ކޮށްގެން މާދަމާ ހުޅުމާލޭގައި ބާއްވާ 'އިކެޑެން' ރޯޑް ރިލޭ ރޭހަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ. ކުޑަ ހުސައިން ބުނީ ހުޅުމާލޭގައި ބާއްވާ އިވެންޓަށް 300 ވުރެ ގިނަ ބައިވެރިން ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.

އިކެޑެން އަކީ ޖަޕާން ލަފުޒެކެވެ. މަގު މަތީގައި ބާއްވާ ދިގު ރިލޭ ރޭހަށް ނިސްބަތް ކުރާ ލަފުޒެކެވެ. އިކެޑެން ހާއްސަ ވަނީ ޓީމު އިވެންޓްގެ ރިލޭ ރޭހެއްގެ ގޮތުގަ އެވެ. ކޮންމެ ޓީމެއްގައި ވެސް ހިމެނެނީ ހަތެއް ނުވަތަ ފަސް ދުވުންތެރިންނެވެ. ކޮންމެ ޓީމެއްގައި ހިމެނޭ ކޮންމެ ދުވުންތެރިޔަކުވެސް ކަޑަތު ކުރާނީ ވަކި ހިސާބަކަށެވެ. ރިލޭ ފަށާ ދުވުންތެރިޔާ އަތުގައި އޮންނަ ފޮތިކޮޅު އޭނާ ނިމޭ ހިސާބަށް ދިއުމުން ދެން ހުންނަ ދުވުންތެރިޔާ އަތަށް ފޮތިކޮޅު ދޭން ޖެހެ އެވެ.

މާދަމާ ބާއްވާ، ރޭހަށް ޓީމެއްގައި ހިމެނުމަށް ފުރުސަތު ދީފައި ވަނީ، ފަސް ބައިވެރިން ނަށެވެ. އިކެޑިން ރޯޑް ރިލޭ ރޭހަކީ، ކުޅިވަރުގެ ރޮނގުގައި ކުރިއަށް ދިއުމަށް ކުޑަހުސައިން އަށް ދޮރު ހުޅުވާލަދިން، ދިވެހި ކުޅިވަރުގެ ބައްޕަ، މުހައްމަދު ޒާހިރު ނަސީރު ލެގަސީ ދެމެހެއްޓުމަށް ހުސައިން ހިންގާ ހަރަކާތެކެވެ. ކުޑަ ހުސައިން ސިފަ ކުރާ ގޮތުގައި ކުޅިވަރުގެ ތެރެއިން ލައިފެއް އޭނާ އަށް ބިނާ ކުރެވުނީ ޒާހިރު ދެއްވި ހިތްވަރުން ނެވެ.

ކުޑަ ހުސައިން: ނަމަށް ވުރެ "ބޮޑު"

މާދަމާ ހެދުނު 6:30 ގައި ހުޅުމާލޭގައި ފަށާ އިކެޑެން ރޯޑް ރިލޭ ރޭހުގައި ކުޑަކުދިންނަށް ހާއްސަ ކެޓަގަރީ އާއި އިންޓަ ސްކޫލާއި އިންޓަ ކޮލެޖާއި އިންޓަ އޮފީސް އަދި ކުލަބު ތަކަށާއި ޓީމުތައް، އެކެޑެމީގެ ކެޓަގަރީވެސް މި ރިލޭގައި ހިމެނޭ ކަމަށް ކޭއެޗް އެކެޑެމީން ބުންޏެވެ.

ހަތަރު އަހަރާއި ހަތް އަހަރާ ދެމެދުގެ ކުދިން ހިމެނޭ ޓީމު 400 މީޓަރުގެ ރޭސް ފުރިހަމަ ކުރާނެ އެވެ. އަށް އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންގެ ޓީމު ދުވާނީ 800 މީޓަރުގެ ރިލޭގަ އެވެ.

ދެ ވަނަ ކެޓަގަރީ އަކީ އިންޓަ ސްކޫލްގެ 10 ކީލޯމީޓަރެވެ. 16 އަހަރުން ދަށުގެ އުމުރު ފުރާގެ މި ކެޓަގަރީގައި ކޮންމެ ޓީމެއްގައިވެސް ހިމެނޭނީ ފަސް ދުވުންތެރިން ނެވެ. ކޮންމެ ދުވުންތެރިޔަކުވެސް ކަޑަތު ކުރާނީ ދެ ކިލޯ މީޓަރެވެ. އިންޓަ ކޮލެޖް ކެޓަގަރީވެސް ކުރިއަށް ދާނީ ހަމަ މިގޮތަށެވެ.

އިންޓަ އޮފީސް ކެޓަގަރީއަކީ ކުރިން ބުނި ކެޓަގަރީއަށް ވުރެ އުނދަގޫ ޗެލެންޖެކެވެ. މިކެޓަގަރީގައި 21.1 ކިލޯ މީޓަރު ކަޑަތު ކުރަން ޖެހެއެވެ. ކޮންމެ ޓީމެއްގެ ވެސް ފުރަތަމަ ހަތަރު ދުވުންތެރިންނަށް އޮތީ ފަސް ވަނަ ދުވުންތެރިޔާ އަށް ވުރެ ކުޑަ ޗެލެންޖެކެވެ. ފުރަތަމަ ހަތަރު ދުވުންތެރިންގެ ތެރެއިން ކޮންމެ ދުވުންތެރިޔަކުވެސް ދުވާނީ ހަތަރު ކީލޯ މީޓަރުގެ ރޭހެކެވެ އެވެ. ފަސް ވަނަ ދުވުންތެރިޔާ ނުވަތަ ރިލޭ ނިންމާ ދުވުންތެރިޔާ، 5.1 ކިލޯމީޓަރު ކަޑަތުކޮށް ރޭސް ނިންމަން ޖެހެ އެވެ.

ކުލަބުތަކާއި ޓީމުތައް އަދި އެކެޑެމީ ތަކުގެ ކެޓަގަރީގައިވެސް އޮތީ ހަމަ އިންޓަ އޮފީސް ކެޓަގަރީގައި އޮތް ގޮތަށެވެ. ކުރިންވެސް ބުނިހެން އެކެޑިން އަކީ މަގަުމަތީގައި ބާއްވާ ދިގު ދުވުމުގެ ރިލޭ އެކެވެ.

ރާއްޖޭގައި އިކެޑިން ރޯޑް ރޭސް އެންމެ ފުރަތަމަ ބޭއްވީ 90 ގެ ކުރީކޮޅުގެ އަހަރުތަކުގަ އެވެ. ނަވާރަސްތޭކަ ނުވަދިހަ ތިން ވަނަަ އަހަރު ބޭއްވި އިކެޑިން ރޭހުގައި ކުޑަ ހުސައިން އަކީ މުހިންމު ތަރި އެކެވެ. އެފަހަރު އެއް ވަނަ ހޯދި ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ޓީމުގައި އެންމެ މުހިންމު ދުވުންތެރިޔަކީ ހުސައިން އެވެ.