ހަބަރު

އިދިކޮޅުގެ ހާއްސަ ޖަލްސާއެއް މިރޭ ދިއްދޫގައި

އިދިކޮޅު ޕާޓީތަކުގެ ހާއްސަ ޖަލްސާއެއް މިރޭ ހއ. ދިއްދޫގައި ބޭއްވުމަށް ނިންމައިފި އެވެ.

މި ޖަލްސާއަށް މިހާރު ވަނީ އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުން އެ ރަށަށް ވަޑައިގެންފަ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުﷲ ޝާހިދާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ހިމެނިވަޑައިގަންނަވަ އެވެ.

އޭގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު ކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ އަބްދުލް ލަތީފާއި މަޑުއްވަރީ ދާއިރާގެ މެންބަރު ކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނާ މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެންބަރު ކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނާ ސައުދު ހުސެއިން ވެސް ވަނީ ދިއްދޫއަށް ވަޑައިގެންފަ އެވެ.

އިދިކޮޅުގެ ބޮޑު ޖަލްސާއެއް ދިއްދޫގައި މިރޭ ބާއްވާއިރު، އެ ދާއިރާގެ ބައި އިލެކްޝަން އިލެކްޝަން ކޮމިޝަނުން ވަނީ އިއުލާންކޮށްފަ އެވެ. އަދި އެކަމަށް ބަޖެޓް ވެސް ވަނީ ހޯދާފަ އެވެ.

އިލެކްޝަން ބާއްވާނެ ދުވަހެއް އިއުލާންކޮށްފައިނުވީ ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމް ދިއްދޫއަށް ވަޑައިގެން އެ ދާއިރާގެ ބައި އިލެކްޝަން ކެމްޕެއިން ޕީޕީއެމްއިން ވަނީ ފަށާފަ އެވެ. ނަމަވެސް އެ ދާއިރާ ޕީޕީއެމް ނެރޭ ކެނޑިޑޭޓެއް އަދި ހާމައެއް ނުކުރެ އެވެ.