ކުޅިވަރު

ފަހު ވަގުތު ޖެހި ގޯލާއެކު ބަންގްލަދޭޝްއިން ރާއްޖެ ބަލިކޮށްފި

އޭއެފްސީ 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް ކޮލިފައިން ގުރޫޕް ބީގައި ބަންގްލަދޭޝް އަތުން ރާއްޖެ އެންމެ ފަހުވަގުތު ބަލިވެއްޖެ އެވެ.

މިއަދުގެ މެޗުގައިވެސް ރާއްޖެ ކޮޅަށް ބަންގްލަދޭޝްއިން ގޯލް ޖަހާފައިވަނީ މެޗުގެ އިތުރު ވަގުތުގެ ތެރޭގަ އެވެ. އެއްވަރުވެގެން މެޗު ނިމެން ދަނިކޮށް މެޗުގެ 91 ވަނަ މިނިޓުގައި ބްގްލަދޭޝްއިން ގޯލް ކާމިޔާބުކޮށް ތިން ޕޮއިންޓް ހޯދި އެވެ.

ކޮލިފައިންގެ ފުރަތަމަ މެޗުގައި ރާއްޖެ އާއި ލަންކާ ވާދަކުރި މެޗުންވެސް ރާއްޖެ 1-2 މޮޅުވާ ދަނިކޮށް އެމެޗުގައިވެސް އިތުރު ވަގުތުގެ ތެރޭގައި ލަންކާއިން ނަތީޖާ ހަމަހަމަކޮށް ޕޮއިންޓެއް ހޯދި އެވެ.

ގްރޫޕުގައި މިވަގުތު އެއްވަނަ މަގާމުގައި ހަތަރު ޕޮއިންޓާއެކު އޮތީ ބަންގްލަދޭޝްއެވެ. ދެވަނަ މަގާމުގައި އޮތީ މިއަދު ލަންކާ 0-10 ބަލިކުރި އުޒްބެކިސްތާން އެވެ. ތަޖަކިސްތާން، ރާއްޖެ އަދި ލަންކާއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. މީގެ ތެރެއިން ތަޖަކިސްތާން އަދި އުޒްބެކިސްތާން ކުޅެފައިވަނީ އެންމެ މެޗެކެވެ. ރާއްޖެ، ބަންގްލަދޭޝް އަދި ލަންކާ ވަނީ ދެމެޗު ކުޅެފަ އެވެ.

ގްރޫޕްގައި ރާއްޖެއިން އެންމެ އަވަހަށް ކުޅޭ މެޗުގައި ނިކުންނާނީ ހޮނިހިރު ދުވަހު އުޒްބަކިސްތާންއާ ދެކޮޅަށެވެ. މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މެންދުރު 12:00 ގައެވެ.