ކުޅިވަރު

ޓްވިޓާ ކޮމިޔުނިޓީގެ 'ޓްވިޓްސަލް'ގެ މެއިންސްޕޮންސަރަކަށް ދިރާގު

Nov 2, 2017

ޓްވިޓާގައި ހަރަކާތްތެރިވާ ދިވެހިން އިސްނަގައިގެން ކޮންމެ އަހަރަކުވެސް ބާއްވާ "ޓްވިޓްސަލް" ފުޓްބޯޅަ މުބާރާތުގެ މެއިން ސްޕޮންސަރަކަށް ދިވެހި މުވާސަލާތީ ކުންފުނި ދިރާގު ހަމަޖައްސައި އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.

އެއް ދުވަހަށް ނުވަތަ ވަންޑޭ ކަޕެއްގެ ގޮތުގައި ކުރިއަށްގެންދާ މި މުބާރާތް، މިއަހަރު ބާއްވަން ހަމަޖެހިފައި ވަނީ ޑިސެމްބަރު މަހު އަށް ވަނަ ދުވަހު އެވެ. މިއީ މި މުބާރާތް ބާއްވާ އަށް ވަނަ އަހަރެވެ. މުބާރާތް އެންމެ ފުރަތަމަ ބޭއްވީ 2009 ވަނަ އަހަރު އެވެ. އޭރު ޓްވިޓާގެ ފޯރި، މިހާރު މި އޮތް ވަރަކަށް ޒުވާނުންގެ މެދުގައި އޭރަކު ނެތެވެ. އެހެންވެ އެންމެ ފުރަތަމަ އަހަރު މި މުބާރާތް ކުޅުނީ މުބާރާތެއްގެ ސިފައިގައެއް ނޫނެވެ.

"އެންމެ ފުރަތަމަ ޓްވިސްޓަލް ވަރަށް ކުޑަ. ދެޓީމު ހަދައިގެން ކުޅުނީ ހަމަ ދުވަހެއް ކަނޑައަޅާފަ އެންމެ މެޗެއް ކުޅުނީ،" މިދިޔަ އަހަރު އަވަސްއާ ވާހަކަ ދައްކަމުން ޓްވިޓްސަލްގެ އިންތިޒާމްގައި އިސްކޮށް ހަރަކާތްތެރިވާ އީވާން ބުނެފައި ވެއެވެ.

މީގެ އަށް އަހަރު ކުރިން ޓްވިޓްސަލްގެ ނަމުގައި ފެށި މުބާރާތް ފެށީ، ރާއްޖޭގެ ޓްވިޓާ ކޮމިޔުނިޓީގެ އެންމެން އެއްތަނަކަށް އެއްވެލައި ހަރަކާތެއް އިންތިޒާމު ކުރުމުގެ އަމާޒުގަ އެވެ.

ދެ ޓީމުން، ފެށި ހަރަކާތް މިއަދު ފޯރިގަދަ ފުޓްސަލް މުބާރާތަކަށް ވެއްޖެ އެވެ. ރާއްޖޭގެ މުއާސަލާތީ ހިދުމަތްދޭ އެންމެ ބޮޑު ކުންފުނިން ސްޕޮންސާ ކުރި މުބާރާތުގެ ޓީމުތަކުގެ އަދަދު މިއަހަރު އިތުރު ވެއްޖެ އެވެ.

މި މުބާރާތް ފޯރިގަދަވެ، ރާއްޖޭގެ މައި ފުޓްބޯޅަ އިދާރާ، އެފްއޭއެމް ވެސް އޮތީ މި އަހަރު ޓްވިޓާ ކޮމިޔުނިޓީގެ ރަސްމީ ޕާޓްނަރެއްގެ ގޮތުގަ އެވެ.

މިއަހަރު ޖުމުލަ 12 ޓީމު ވާދަ ކުރާނެ އެވެ. އެއީ ގާތްގަނޑަކަށް 120 ކުޅުންތެރިން ނެވެ. މިދިޔަ އަހަރު އަންހެން ޑިވިޝަންގައި ވާދަ ކުރީ ތިން ޓީމެވެ. ނަމަވެސް މިފަހަރު ހަތަރު ޓީމު ބައިވެރިވެ އަންހެން ޑިވިޝަންވެސް ފޯރިގަދަ ވެއްޖެ އެވެ.

ފިރިހެން ޑިވިޝަންގައި އަށް ޓީމު ވާދަ ކުރާއިރު ދެ ގުރޫޕް ހިމެނެ އެވެ. ސެމީ ފައިނަލަށް ދާނީ ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެވެ. އަންހެން ޑިވިޝަންގައި ހިމެނޭ ކޮންމެ ޓީމެއް އެއް ޓީމް އަނެއް ޓީމާ ކުޅުމަށްފަހު ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

ޓްވިޓްސަލް ގެ ތެރެއިން އުފަންވެފައިވަނީ ޒުވާން ޓްވިޓާ ކޮމިޔުނިޓީގެ އެކުވެރިކަން އެކަންޏެއް ނޫނެވެ. ޓްވިޓްސަލްއިން 'ޓްވިޓާސް ކެއާސް' ގެ ނަމުގައި މުޖުތަމައުގެ ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިޖުތިމާއީ ހަރަކާތެއްވެސް ކުރިއަށް ގެންދެ އެވެ. އެގޮތުން މިިދިޔަ އަހަރު ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިން އިރު މި އަހަރު އެހީތެރިކަން ފޯރުކޮށްދޭން ހަމަޖެހިފައިވަނީ ކެއާ ސޮސައިޓީއަށެވެ. ޓްވިޓްސަލް އިން ވަނީ އެ ހަރަކަތަށް އެހީތެރިވުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފަ އެވެ.