ބޮލީވުޑް

އައިޝްވާރިޔާ ހިކެން ޖިމަކަށް ނުދޭ

Nov 3, 2017

މަޝްހޫރު ބަތަލާ އަދި ކުރީގެ ރީތީގެ ރާނީ އައިޝްވާރިޔާ ރާއީގެ ރީތި ކަމުގެ ވާހަކަ އަނެއްކާވެސް މާ ގަދަަޔަށް ދެކެވެން ފަށާފައިވަނީ ހިކެން އައިޝްވާރިޔާ ބޭނުންކުރާ ސިއްރަކީ ތެލެއް ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކުރުމުންނެވެ.

މިިދިޔަ ބުދަ ދުވަހު 44 އަހަރު ފުރުނު އައިޝްވާރިޔާގެ ލޫޅާފަތި ރީތި ހަށިގަނޑާއި އޮމާން ހަންގަނޑުގެ ސިއްރަކީ ގުދުރަތީ ފަތްޕިލާވެލިން އުފައްދާފައިވާ ހާއްސަ ތެލެކެވެ.

އެއްބަޔަކު، އެ ތެލަކީ އިންޑިއާގެ ކެރެލާއަށް ނިސްބަތްވާ ފެކްޓަރީއަކުން ހަދާ ތެލެއްކަމަށް ހަބަރުތަކުގައި ބުނެފައިވާތީ އެ ތެޔޮ ލިބޭނެ ގޮތެއް ހޯދުމުގައި އުޅުނުއިރު އަނެއް ބަޔަކު ވަނީ އުމުރުން 44 އަހަރުވީ އިރުވެސް އައިޝްވާރިޔާ ގައިގެ ހަން އެހާ އޮމާންވެ ޅަ ކަމަށް ދައްކަނީ ބޮޓޮކްސް ޖަހައި ގަވައިދުން ފޭޝަލް ހަދައި އަގު ބޮޑު ކްރީމްތައް މޫނުގައި އުނގުޅާތީ ކަމަށް ބުނަން ފަށާފަ އެވެ. އަދި ގަވާއިދުން ޖިމަށް ގޮސް ކަސްރަތު ކުރާތީ އޭނާގެ ހަށިގަނޑު އެހާ ރީތިކޮށް ހުންނަނީ ކަމަށް ވެސް ބުނެފައިވެ އެވެ.

އައިޝްވާރިޔާގެ ފިރިމީހާ އެކްޓަރު އަބީޝެކް ބައްޗަން ބުނަނީ އައިޝްވާރިޔާ ދުވަހަކު ވެސް ހިކެން ޖިމަށް ނުދާ ކަމަށެވެ.

އަބީޝެކް ދިން އިންޓަވިއެއްގައި ބުނީ އައިޝްވާރިޔާ އަކީ ފިސާރި މަންމައެއް ކަމަށެވެ. އަދި އޭނާ ވަނީ އަނބިމީހާއަށް ތައުރީފު ބަންޑުން ކޮށްލާފަ އެވެ. އަބީޝެކް ބުނީ އެ ދެމަފރިިންނަށް ދަރިފުޅު އާރަދްޔާ ލިބުމާއެކު ފިލްމީ ކެރިއަރުގައި އައިޝްވާރިޔާ ބުރެކި ޖައްސާލީ ހުރިހާ ވަގުތެއް ދަރިފުޅާއެކު ހޭދަކުރަން ބޭނުންވާތީ ކަމަށެވެ.

"އާރަދްޔާގެ ހުރިހާ ކަމެއް ވެސް ކުރަނީ އައިޝްވާރިޔާ އަމިއްލައަށް. އައިޝްވާރިޔާއަކީ ހަމަ ފިސާރި މަންމަ އެކޭ ބުނާނީ. އޭނާގެ ހުރިހާ ކަމަކަށް ވުރެން އިސްކަން ދޭނީ ދަރިފުޅަށް. ދަރިފުޅުގެ ކަންކަން ހުންނަ ގޮތަކަށް އޭނާގެ އެހެނިހެން ކަންކަން ހަމަޖައްސާނީ،" އަބީޝެކް ބުނެފައިވެ އެވެ.

އާރަދްޔާ ވިހައިގެން އައިޝްވާރިޔާ ވަނީ ފިލްމީ ދާއިރާއިން ގާތްގަނޑަކަށް ތިން އަހަރުގެ ބްރޭކެއް ނަގާފަ އެވެ. އެ ބްރޭކްގައި ވެސް އައިޝްވާރިޔާ މުޅިން ވެސް ފެނިފައިވަނީ ދަރިފުޅުގެ ގޮވައިގެން އުޅެނިކޮށެވެ. ބޮލީވުޑްގެ އެހެނިހެން ބަތަލާއިން ގޮތަށް ޕާޓީތަކާއި ހަފްލާތަަކަށް ދިއުމަކީ އެއް އިރެއްގައި ވެސް އައިޝްވާރިޔާ ކުރި ކަމެއް ނޫނެވެ. މިހާރު ވެސް ހަފްލާ އަކަށް ނުވަތަ ޕާޓީ އަކަށް ދާނަމަ އޭނާ އާއެކު ފިރިމީހާ އަބީޝެކް ދާނެ އެވެ.

އާރަދްޔާ ވިހޭތާ އަހަރެއް ވެސް ނުވަނީސް އައިޝްވާރިޔާ ވަނީ ކާންސް ފިލްމު ފެސްޓިވަލްގައި ރެޑްކާޕެޓުގައި ހިނގާލާފަ އެވެ. ބަނޑު ބޮޑު އިރު ފަލަވި ގޮތަށް އައިޝްވާރިޔާ ނުހިކި ރެޑް ކާޕެޓުގައި ހިނގާލުމުން އޭނާއަށް އެތަކެއް ބަޔަކު އޭރު ވަނީ މަލާމާތްކޮށްފަ އެވެ. އެކަންވީ އަބީޝެކް ވަރަށް ހިތްހަމަނުޖެހުނު ކަމަކަށެވެ.

އައިޝްވާރިޔާ މާ ފަލަކަމަށް ބުނެ، މީޑިއާއިން އޭނާއާ ދިމާކޮށްލުމުން އެކަމާ އަބީޝެކް ރުޅި އައުމުން ވެސް އައިޝްވާރިޔާ ހަމަޖެހިފައި ބުނެލީ އެގޮތަށް ކިޔާ އެއްވެސް އެއްޗަކުން އޭނާ އަށް ކުރާނެ އަސަރެއް ނޯންނާނެ ކަމަށެވެ.

އަބީޝެކް ވަނީ އައިޝްވާރިޔާ ވަރަށް ރަނގަޅަށް ދަންނަ މީހެއް ނަމަ އޭނާ އަކީ ދުވަހަކު ވެސް ޖިމަށް ގޮސްގެން ހިކުނު މީހެއް ނޫންކަން އެނގޭނެ ކަމަށް ބުނެފަ އެވެ.

"އައިޝްވާރިޔާ ޖިމަށް ދިޔައީ 2006 ވަނަ އަހަރު 'ދޫމް 2" ކުޅެން އަހަންނާ އުދޭ ޗޯޕްޅާއާ ރިތިކް އޭނާ ގަދަކަމުން ގެންދިޔައިމަ. އެ ނޫނީ ދުވަހަކު ވެސް ހިކެން އައިޝްވާރިޔާ ޖިމަކަށް ނުދޭ،" އައިޝްވާރިޔާގެ ސާދާ ކަމަށް ތައުރީފު ކުރަމުން އަބީޝެކް ބުނެފައިވެ އެވެ.

"ދޫމް 2" ކުޅެނިކޮށް އުފެދުނު ގާތްކަމުގެ ތެރެއިން އަބީޝެކް އާއި އައިޝްވާރިޔާ ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު އޭގެ ޖެހިގެން އައި އަހަރު ވަނީ ކައިވެނިކޮށްފަ އެވެ. ދުނިޔޭގެ ހުރި އެންމެ ރީތި އަންހެނާގެ ގޮތުގައި ގިނަބަޔަކު ގަބޫލުކުރާ އައިޝްވާރިޔާ އަށް އޭނާގެ ހިތް ދެވުނީ އަބީޝެކް ބުނާގޮތުން ނަމަ އައިޝްވާރިޔާގެ ސާދާ ކަމުންނެވެ. އޭނާގެ ކިބައިގައި އެއްވެސް ބޮޑާވުމުގެ ސިފައެއް ނުހުންނާތީ އެވެ.

އައިޝްވާރިޔާގެ ރީތިކަމުގެ ސަބަބުން މީހުން އޭނާ އަށް ދޭ ސަޕޯޓާއި ލޯބި ގަބޫލުކުރަނީ ހިތުގެ ފުންމިނުން. ދުވަހަކު ވެސް އައިޝްވާރިޔާ ފްލައިޓްގެ ވަކި ސީޓެއް ނުލިބިގެން ވަކި ކާރެއްގައި ތަނަކަށް ނުދެވިގެން ޝަކުވާއެއް ނުކުރާނެ. އޭނާގެ ހުރިހާ ސަމާލުކަމެއް ހުންނާނީ މަސައްކަތް ފުރިހަމަ އަށް ނިންމުން،" އަބީޝެކް ބުނެފައިވެ އެވެ.