ބޮލީވުޑް

ސާރާ ބޮލީވުޑަށް ނިކުންނަ ފިލްމު ރިލީޒްކުރުން ފަސްކޮށްފި

Nov 4, 2017

މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާން އާއި ކުރީގެ އަންހެނުން އަމްރިތާ ސިންގްގެ ދޮށީ ދަރިފުޅު ސާރާ އަލީ ޚާން ބޮލީވުޑަށް ނިކުންނަ ފިލްމުގެ މަންޒަރުތައް މިހާރު އަންނަނީ ޝޫޓްކުރަމުންނެވެ.

އަބީޝެކް ކަޕޫރު ޑައިރެކްޓްކުރާ "ކެދާރްނާތް" ގައި ސާރާ އާއެކު ބަތަލުގެ ރޯލުން ފެނިގެންދާނީ ޒުވާން އެކްޓަރު ސުޝާންތް ސިންގް ރާޖްޕުތެވެ.

މި ފިލްމުގެ ފުރަތަމަ ޝެޑިއުލްގެ މަންޒަރުތައް އުއްތަރްކަންދްގައި މަހެއްހާ ދުވަހުން ނިންމާލުމަށްފަހު ފިލްމުގެ ކްރޫއިންނާއި ތަރިން އެނބުރި މުމްބައި އަށް އައިސްފައިވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ. ބާކީ ހުރި މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ މުމްބައިގެ ސްޓޫޑިއޯއެއްގައި ހަދާ ހާއްސަ ސެޓެއްގަ އެވެ.

މި ފިލްމަކީ 2013 ވަނަ އުއްތަރްކަންދުގައި ހިނގި ފެންބޮޑުވުމުގެ ހާދިސާގެ ތެރޭގައި ދިމާވާ މުސްލިމް ފިރިހެން ކުއްޖަކާއި ހިންދޫ އަންހެން ކުއްޖެއްގެ މެދުގައި ހިނގާ ލޯބީގެ ކަންތައްތަކެއް ފެނިގެންދާ ފިލްމެކެވެ.

އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ރިލީޒްކުރާ ގޮތަށް ހަމަޖެހިފައި އޮތް މި ފިލްމު ރިލީޒްކުރުން އަންނަ އަހަރުގެ ފަހުކޮޅަށް ފަސްކޮށްފަ އެވެ. އެވެ.

ފިލްމު އުފައްދާ ފަރާތުން އެ ގޮތަށް ނިންމާފައިވަނީ ފިލްމުގައި ފެންބޮޑުވުމުގެ ހާދިސާ ވަރަށް ރަނގަޅަށް ގެނެސްދޭން ބޭނުންވާތީ އެކަމަށް ހަދާ ސެޓަށް ގިނަ ވަގުތު ބޭނުންވެ އެވެ. އެގޮތުން އެ މަންޒަރުތައް ވެސް ނަގަން ވަރަށް ގިނަ ވަގުތު ބޭނުންވާތީ ފިލްމުގެ ޝޫޓިން ނިންމަން ކުރިން ލަފާކުރި ވަރަށް ވުރެން ގިނަ ވަގުތު ބޭނުންވަނީ އެވެ.

ފެންބޮޑުވި ހާދިސާ ދައްކުވާ މަންޒަރުތައް ނަގަން ހަދާ ސެޓު ނިމޭނެ ކަމަށް ވަނީ އަންނަ ފެބްރުއަރީގެ ނިޔަލަށެވެ. އަދި ފިލްމުުގެ ހުރިހާ މަންޒަރެއް ނަގައި ނިމެނޭ ކަމަށް ވަނީ އަންނަ އަހަރުގެ ޖޫން އަށެވެ.

ގުދުރަތީ ހާދިސާއަކުން ފެންބޮޑުވި މަންޒަރުތައް ވިހާވެސް އަސްލާ އެއްގޮތަކަށް ދެއްކުމަށް ފިލްމުގެ ޕްރޮޑިއުސަރުން ވަނީ ލޮސް އެންޖަލިސް އަށް ނިސްބަތްވާ ވީއެފްއެކްސް ޓީމެއް ވެސް އެ މަންޒަރުތައް ނެގުމަށް ނަގާފަ އެވެ.

އެކަމާ ގުޅޭގޮތުން ފިލްމުގެ ޕްރޮޑިއުސަރު ޕްރޭރްނާ އަރޯރާ ބުނެފައިވަނީ އެ މަންޒަރުތައް ނަގަން ގިނަ ގޮންޖެހުންތައް ހުރި ނަމަވެސް ޑައިރެކްޓަރު އަބީޝެކަށް އޭނާ އިތުބާރުކުރާ ކަމަށެވެ.

މި ފިލްމުގެ ޝޫޓިން ތެރޭގައި ސާރާ އާއި ސުޝާންތް ބޮޑާހާކާތީ ޝޫޓިން ލަސްވަމުން އަންނަ ކަމުގެ ވާހަކަތަކެއް ވެސް މި ފަހުން ވަނީ ދެކެވިފަ އެވެ.