ބޮލީވުޑް

ބަންސާލީ ދެން އުފައްދާ ފިލްމުގެ ބަތަލާ އަކަށް ވެސް ދިޕިކާ

Nov 7, 2017

މަޝްހޫރު އަދި ކާމިޔާބު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އެންމެ ފެވަރިޓް ބަތަލާ އަކީ ދިޕިކާ ޕަދުކޯން އޭ ބުނުމުން ދޮގަކަށް ނުވާނެ އެވެ. ބަންސާލީ އެންމެފަހުން އުފެއްދި ތިން ފިލްމުގެ ވެސް ބަތަލާގެ ރޯލު ކުޅެފައިވަނީ ދިޕިކާ އެވެ. އަބަދުވެސް އެންމެ ފުރިހަމަ އަށް ފިލްމު އުފައްދާ ބަންސާލީގެ ހުރިހާ ފިލްމެއްގެ ބަތަލާގެ ރޯލު ދިޕިކާ އަށް ދޭނީ އޭނާގެ ހުނަރުވެރިކަމުގެ ސަބަބުންކަން ޔަގީނެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހު ރިލީޒްކުރާ ބަންސާލީގެ އެންމެފަހުގެ ޑައިރެކްޝަން، "ޕަދްމާވަތީ" އަށް ފަހު ދެން އުފައްދާ ފިލްމަކީ ވެސް ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ.

މަޝްހޫރު ލިޔުންތެރިން ކަމަށްވާ އަމްރިތ ޕްރީތަމް އާއި ސާހިރް ސުދިއަންވީގެ ލޯބީގެ ހަޔާތުގެ މައްޗަށް އުފައްދާ އެ ފިލްމުގެ ބަތަލާގެ ރޯލުން ވެސް ފެނިގެންދާނީ ދިޕިކާ އެވެ.

އެންމެފުރަތަމަ މި ފިލްމުގެ ބަތަލާގެ ރޯލު ހުށަހެޅީ ޕްރިޔަންކާ ޗޯޕްޅާ އަށެވެ. ހޮލީވުޑްގައި އޭނާ މަސައްކަތްކުރަމުން އަންނަ ފިލްމުތަކާއި ކުޅެމުން އަންނަ ސީރީޒް "ކުއަންޓިކޯ" ގެ މަސައްކަތް ނުނިމޭތީ ޕްރިޔަންކާ ވަނީ އެ ފިލްމު ދުކޮށްލާފަ އެވެ. ދެން އެ ރޯލު ހުށަހެޅީ ޕްރިޔަންކާގެ ދެބެއިންގެ ދެދަރި ކޮއްކޮއެއް ކަމަށްވާ ބަތަލާ ޕަރިނީތީ ޗޯޕްޅާ އަށެވެ. ނަމަވެސް ޕްރިޔަންކާ އާ މަޝްވަރާ ކުރުމަށްފަހު ޕަރިނީތީ ވަނީ ބަންސާލީގެ ހުށަހެޅުމަށް ނޫނެކޭ ބުނެފަ އެވެ.

އެ ދެތަރިން މި ފިލްމު ދޫކޮށްލުމުން އެންމެފަހުން ލިބުނީ ދިޕިކާ އަށެވެ. ބަންސާލީގެ ތިން ފިލްމެއް ކުޅެ ހެޓްރިކް ހަދައި ދިޕިކާ ވަނީ މި ފިލްމު ކުޅެން ވެސް މިހާރު ސޮއިކޮށްފަ އެވެ.

ވަރަށް އަވަހަށް މި ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައިވާއިރު، ދިޕިކާ އާއެކު ލީޑްއެކްޓަރެއްގެ ގޮތުގައި ފެނިގެންދާނީ އަބީޝެކް ބައްޗަން އެވެ.

"ޕަދްމާވަތީ" ރިލީޒްކުުރުމަށްފަހު ބަންސާލީ މި ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ވާންޖެހޭ ތައްޔާރީތައް ކުރަން ފަށާނެ. އަބީޝެކް މިހާރު ވަނީ ސާހިރްގެ ރޯލު ކުޅެން ތައްޔާރުވާން ފަށާފައި،" މި ފިލްމުގައި ހަރަކާތްތެރިވާ ކްރޫއަކު ބުނެފައިވާ ކަމަށްވެ އެވެ.

އަބީޝެކާ އެކު ދިޕިކާ މި ފިލްމުގައި ފެނިގެންދާނެކަން އަދި ފިލްމު އުފައްދާ ފަރާތުން ޔަގީންކޮށްދީފައެއް ނުވެ އެވެ. މި ދެތަރިން އެކުގައި މި ފިލްމުގައި ފެނިގެންދާނަމަ މިއީ އެކުގައި ކުޅޭނެ ތިން ވަނަ ފިލްމެވެ. މީގެކުރިން ވަނީ "ކޭލޭ ހަމް ޖީ ޖާންސޭ" އާއި "ހެޕީ ނިއު އިޔާ" ކުޅެފަ އެވެ.

ދިޕިކާ އަތުގައި ކުޅެން ހަމަޖެހިފައިވާ އެއް ފިލްމު އޮތްއިރު، އަބީޝެކް ސޮއިކޮށްފައިވާ ހަމަ އެކަނި ފިލްމަކީ އަމްރިތާ-ސާހިރްގެ ހަޔާތުގެ މައްޗަށް އުފައްދާ މި ފިލްމެވެ.