ބޮލީވުޑް

އަމީތާބާއި އާމިރްގެ ފިލްމުގެ ބަޖެޓު މާބޮޑުވެއްޖެ

Nov 7, 2017

ބޮލީވުޑްގެ އެންމެ ބޮޑެ ދެ ތަރިން ކަަމަށްވާ އަމީތާބް ބައްޗަން އާއި އާމިރް ޚާން އެކުގައި ފިލްމަކުން ފެނިލުމަކީ އެތައް ބަޔަކު އެދި އެދި ތިބި ކަމެކެވެ.

އިންޑިއާގެ އެންމެ ބޮޑު ފިލްމު އުފައްދާ ކުންފުނި، ޔާޝް ރާޖްސް އިން އުފައްދާ "ތަގްސް އޮފް ހިންދުސްތާން" އަކީ މި ދެތަރިން އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ. ޔާޝް ރާޖްސްގެ ހާޔާތުގައި ވެސް އުފައްދާ އެންމެ އަގުބޮޑު މި ފިލްމު، ބޮޑު ހަރަދެއްގެ ކޮށްގެން އުފައްދަނީ އެ ޕްރޮޑަކްޝަން ކުންފުނިން އުފެއްދި އެންމެ ކާމިޔާބު ފިލްމަށް މި ފިލްމު ވެދާނެ ކަމުގެ ފޮނި އުންމީދުގަ އެވެ.

ކަނޑު ފޭރޭ ބައެއްގެ ވާހަކަ ފެނިގެންދާ މި ފިލްމަކީ ޔާޝް ރާޖްސްއިން މިހާތަނަށް އުފައްދާ އެންމެ އަގުބޮޑު ފިލްމެވެ. ސަތޭކާ ކްރޯޑު (1000 މިލިަން) ރުޕީޒްގެ ބޮޑު ބަޖެޓަކުން އުފައްދާ މި ފިލްމުގެ ބަޖެޓުގެ ގާތްގަނޑަކަށް 90 ކްރޯޑް (900 މިލިއަން) ރުޕީޒް ވަނީ ހަރަދުވެފަ އެވެ.

އަދި ބޮޑުބައެއް މި ފިލްމުގެ ޝޫޓްކޮށް ނުނިމޭއިރު، ފިލްމުގެ ބަޖެޓު ކުރިއަށް އޮތް ތަނުގައި 100 ކްރޯޑަށް ވުރެން ބޮޑުވާނެ ކަމަށްވެ އެވެ. މިއީ އަދި ފިލްމުގެ ޕްރޮމޯޝަން ހަރަކާތްތައް ނުހިމަނައި އެކުލަވާލާފައިވާ ބަޖެޓެކެވެ. އެހެންކަމުން ފިލްމުގެ ބަޖެޓު 100 ކްރޯޑަށް ވުރެން ކުޑަނުވާނެ ކަމަށް ބެލެވެ އެވެ.

ޔާޝް ރާޖްގެ ފަރާތަކުން ވާހަކަދެއްކި ފަރާތަކުން ބުނެފައިވަނީ މި ފިލްމަށް ތަރިން ހަމަޖެއްސުމާއި ފިލްމުގެ ޝޫޓިން ކުރިއަށް ގެންދާނެ ލޮކޭޝަންތައް ކަނޑައަޅުމުގައި ވެސް ބަޖެޓުކުރަން ބަލާފައިނުވާ ކަމަށާއި ޕްރޮޑަކްޝަން ޓީމުން ބޭނުންވަނީ ބޮޑު ހަރަދެއް ކޮށްގެން މޮޅު ފިލްމެއް ކުޅެން ކަމަށެވެ.

"ބާހުބަލީ" އަށް އިންޑިއާ އާއި ބޭރުދުނިޔޭގައި ލިބުނު ބޮޑު ކާމިޔާބީ އަށް ފަހު ޕްރޮޑިއުސަރު އަދިތްޔަ ޗޯޕްޅާ ބޭނުންވަނީ "ތަގްސް އޮފް ހިންދުސްތާން" އެ ފިލްމަށް ވުރެން ބޮޑު ކާމިޔާބެއް ލިބޭނެ ފިލްމެއްގެ ގޮތުގައި އުފައްދާށެވެ.

މި ފިލްމުގެ އެކްޝަން މަންޒަރުތަކާއި ވިޝުއަލް އިފެކްޓްސް އަކީ ހިންދީ ސިނަމާ އަށް އިންގިލާބެއް ގެންނާނެ ފިލްމަކަށް ހަދަން އަދިތްޔަ ފިލްމުގެ ބަޖެޓު ބޮޑުވެދާނެ ވަރަކަށް ނުބަލަ އެވެ.

ވިޖޭ ކްރިޝްނަ އަޗާރިޔާ ޑައިރެކްޓްކުރާ މި ފިލްމުގައި ބަތަލާއިންގެ ރޯލުން ފެނިގެންދާނީ ކެޓްރީނާ ކައިފް އާއި "ޑަންގާލް" އިން ބޮލީވުޑަށް ނިކުތް ފާތިމާ ސަނާ ޝައިހް އެވެ.