ކުޅިވަރު

އިކެޑެން: ގިނަ ވަނަތަކެއް ކޭވައި އަދި ކޭއެޗްއަށް

Nov 4, 2017

ކުރީގެ އެއް ވަނަ ދުވުންތެރިޔާ ޑރ. ހުސައިން ހަލީމް (ކުޑަ ހުސައިން) ގެ ކޭއެޗް ސްޕޯޓްސް އެކެޑެމީން ބޭއްވި މޯލްޑިވެސް އެކެޑެން ރޯޑް ރިލޭގެ ގިނަ ވަނަތަކެއް ކޭއެޗް ސްޕޯޓްސް އެކަޑަމީ އާއި ކޭވައި ސްޕޯޓްސް އެކަޑަމީ ހޯދައިފި އެވެ.

އިކެޑެން އަކީ ޖަޕާން ލަފުޒެކެވެ. މަގު މަތީގައި ބާއްވާ ދިގު ރިލޭ ރޭހަށް ނިސްބަތް ކުރާ ލަފުޒެކެވެ. އިކެޑެން ހާއްސަ ވަނީ ޓީމު އިވެންޓްގެ ރިލޭ ރޭހެއްގެ ގޮތުގަ އެވެ. ކޮންމެ ޓީމެއްގައި ވެސް ހިމެނެނީ ފަސް ދުވުންތެރިންނެވެ. ކޮންމެ ޓީމެއްގައި ހިމެނޭ ކޮންމެ ދުވުންތެރިޔަކުވެސް ކަޑަތު ކުރާނީ ވަކި ހިސާބަކަށެވެ. ރިލޭ ފަށާ ދުވުންތެރިޔާ އަތުގައި އޮންނަ ފޮތިކޮޅު އޭނާ ނިމޭ ހިސާބަށް ދިއުމުން ދެން ހުންނަ ދުވުންތެރިޔާ އަތަށް ފޮތިކޮޅު ދޭން ޖެހެ އެވެ.

ހުޅުމާލޭގައި އިއްޔަ ބޭއްވި އެކެޑެންގެ ދެ ކެޓަގަރީއަކުން، ކޭއެޗް އަދި ކޭވައި އެކެޑެމީވެސް ވަނީ އެއް ވަނަ ހޯދާފަ އެވެ. އަދި ކޭވައި އެކެޑެމީ ވަނީ ޖުމުލަ ހަތް ކެޓަގަރީއަކުން ވަނަ ހޯދާފަ އެވެ. ކޭއެޗް އެކެޑަމީ ވަނީ ހަތަރު ކެޓަގަރީއަކުން ވަނަ ހޯދާފަ އެވެ.

ހާފް މެރަތޮންގެ ކުލަބު ކެޓަގަރީން އެއް ވަނަ ހޯދީ މޭޑްރަނާސް އާއި ބެޓްލްފީލްޑެވެ. މޭޑްރަނާސް އަކީ ފިރިހެން ކެޓަގަރީގެ އެއް ވަނަ ކުލަބެވެ. ބެޓްލްފީލްޑްއަކީ އަންހެން ކެޓަގަރީގެ އެއް ވަނަ ކުލަބެވެ.

މޭޑްރަނާސް އެއްވަނަ ހޯދީ 1:35.11 (އެއް ގަޑި 35 މިނެޓް 11 ސިކުންތުން) މެރަތޮން ނިންމައިގެން ނެވެ. ފިރިހެން ކެޓަގަރީން ދެ ވަނަ ހޯދީ، ކޭއެޗް އެކެޑެމީ އެވެ. ކޭއެޗްގެ ޓީމުން ރޭސް ނިންމީ 1:36:35 (އެއް ގަޑި 36 މިނެޓް 35 ސިކުންތުން ނެވެ. ތިން ވަނަ ހޯދީ ބީބީ ބްރަދާސް އެވެ. އެ ޓީމުން ރޭސް ނިންމީ 1:40:50 (އެއް ގަޑި 40 މިނެޓް 50 ސިކުންތުން) ނެވެ.

ހާފް މެރަތޮންގެ އަންހެން ކެޓަގަރީގެ އެއް ވަނަ ހޯދީ، ބެޓްލްފީލްޑް އެއް ނަންބަރު ޓީމެވެ. ދެ ވަނަ ހޯދީ ކޭއެޗް ސްޕޯޓްސް އެކެޑެމީ އެވެ. ތިން ވަނަ ހޯދީ ބެޓްލް ފީލްޑްގެ ދެ ނަންބަރު ޓީމެވެ.

ހާފް މެރަތޮން: ކުލަބު

ފިރިހެން:
އެއް ވަނަ: މޭޑް ރަނާސް - 1:35:11
ދެ ވަނަ: ކޭއެޗް އެކެޑެމީ - 1:36:35
ތިން ވަނަ: ބީބީ ބްރަދާސް - 1:40:50
އަންހެން:
އެއް ވަނަ: ބެޓްލްފީލްޑް = އެކެއް - 2:08:34
ދެ ވަނަ: ކޭއެޗް ސްޕޯޓްސް އެކެޑެމީ - 1:36:35
ތިން ވަނަ: ބެޓްލްފީލްޑް = ދޭއް - 2:15:59

ހާފް މެރަތޮންގެ އިންޓަ ސްކޫލްގެ އަންހެން ކެޓަގަރީގެ އެއް ވަނަ ހޯދީ ކޭވައި ސްޕޯޓްސް އެއްވެ. ދެ ވަނަ ހޯދީވެސް ކޭވައި ސްޕޯޓްސްގެ ޓީމަކުން ނެވެ. ފިރިހެން ކެޓަގަރީގެ އެއް ވަނަ ހޯދީވެސް ކޭވައި ސްޕޯޓްސް އެކެޑެމީން ނެވެ. ދެ ވަނަ ހޯދީ ކޭވައި ސްޕޯޓްސްއިން ނެވެ.

ހާފް މެރަތޮން: އިންޓަސްކޫލް

ފަނަރަ އަހަރުން ދަށް:
އަންހެން = އެއްވަނަ: ކޭވައި ސްޕޯޓްސް - 2:12:43
ދެ ވަނަ: ކޭވައި ސްޕޯޓްސް - 2:24:33

ފިރިހެން = އެއް ވަނަ: ކޭވައި ސްޕޯޓްސް - 1:43:00
ދެ ވަނަ: ކޭވައި ސްޕޯޓްސް - 2:43:00

ހާފް މެރަތޮންގެ އިންޓަ އޮފީސް ފިރިހެން ކެޓަގަރީގެ އެއް ވަނަ ހޯދީ ކަސްޓަމް ރެކްރިއޭޝަން ކުލަބެވެ. ދެ ވަނަ ހޯދީ އިބާން އެއާކޮންޑިޝަނިން އިން ނެވެ. ތިވަނަ ހޯދީ މޯލްޑިވްސް ސިމެންޓްގެ ޓީމުންނެވެ. އިންޓަ އޮފީސް ކެޓަގަރީގައި ވާދަ ކުރީ ކަސްޓަމްގެ ޓީމު އެކަންޏެވެ.

ހާފް މެރަތޮން: އިންޓަ އޮފީސް

ފިރިހެން:
އެއް ވަނަ: ކަސްޓަމްސް - 1:44:00
ދެ ވަނަ: އިބާން އެއަރ ކޮންޑިޝަނިންގް - 1:57:18
ތިން ވަނަ: ލަފާޒް މޯލްޑިވްސް ސިމެންޓި - 2:33:49
އަންހެން:
ކަސްޓަމްސް - 2:06:59

އިކެޑެންގެ 10 ކިލޯމީޓަރު އިންޓަ ކޮލެޖް ޔުނިވަސިޓީ ކެޓަގަރީގައި، މެޕްސް ކޮލެޖްގެ އަންހެން ޓީމާއި ފިރިހެން ޓީމު ވަނީ ވާދަ ކޮށްފަ އެވެ. ފިރިހެން ޓީމު ވަނީ 48:15 (48 މިނެޓް 15ސިކުންތުން) ރޭސް ނިންމާފަ އަންހެން ކެޓަގަރީގައި، މެޕްސްގެ އަންހެން ޓީމަށް ރޭސް ނިންމީ 1:06:30 (އެއް ގަޑި ހަ މިނެޓް 30 ސިކުންތުން) ނެވެ.

ކުޑަކުދިންގެ ކެޓަގަރީގެ 15 އަހަރުން ދަށުގެ 10 ކިޅޯމީޓަރުގެ އަންހެން ޗެމްޕިއަންކަން ހޯދީ ކޭއެޗް ސްޕޮޓްސްގެ ޓީމެވެ. އެ ޓީމުން ރޭސް ނިންމީ 57:55 ސިކުންތުން ނެވެ. ދެ ވަނަ ހޯދީ ކޭވައި ސްޕޯޓްސްއެވެ. އެ ޓީމުން ރޭސް ނިންމީ 1:06:40 ން ނެވެ. ތިން ވަނަ ހޯދީ ވެސް ކޭވައިއިން ވާދަ ކުރި ޓީމެކެވެ. އެއީ 1:06:40 ސިކުންތުން ނެވެ.

އަންހެން ކެޓަގަރީގެ އެއް ވަނަ ހޯދީވެސް ކޭއެޗް ސްޕޯޓްސް އެވެ. އެ ޓީމުން ރޭސް ނިންމީ 49:02 ން ނެވެ. ދެ ވަނަ ހޯދީވެސް ކޭއެޗް ގެ ޓީމަކުން ނެވެ. އެ ޓީމުން ރޭސް ނިންމީ 58:35 ން ނެވެ. ތިން ވަނަ ހޯދީ ކޭވައި ސްޕޯޓްސް އެވެ. އެއީ 1:04:00 ން ރޭސް ނިންމައިގެން ނެވެ.

ކޭއެޗް އެކެޑެމީގެ ފާރަތުން ވަނީ، މީގެ 29 އަހަރު ކުރިން ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ދިން ޓެރަރިސްޓް ހަމަލާގައި ޝަހީދުވި، ސިފައިންގެ ބަތަލް ޝަހީދު ހުސައިން އާދަމްގެ ހަނދާނުގައި އިއްޔަ ކުޅުދުއްފުށީގައި ކުޑަކުދިންނަށް ދުވުމެއް ބާއްވާފަ އެވެ. ހުސައިން އާދަމްއަކީ ކުޅުދުއްފުއްޓަށް އުފަން ބޭފުޅެކެވެ. ކުޑަ ހުސައިން ވަނީ ހުސައިން އާދަމްގެ ހަޔާތާ ބެހޭގޮތުން ފޮތެއް ލިޔެ ޝާއިއު ކޮށްފަ އެވެ.

ކުޅުދުއްފުށީގެ އިތުރުން ގދ. ތިނަދޫގައިވެސް ފަން ރަން އެއް ބޭއްވި އެވެ. އެއީ ދުޅަ ހެޔޮ ސިއްހަތަކަށް ކުޑަކުދިން ހޭލުންތެރި ކުރުމަށް ތިނަދޫ ރަހުއަތު ސްޕޯޓްސް އެކެޑެމީއާ ގުޅިގެން ކޭއެޗް އެކެޑެމީން ބޭއްވި ރަން އެކެވެ.

އިކެޑެންގައި، މައި ކޮލެޖަށް ކުޑަހުސައިން ވަނީ ބޮޑު ޗެލެންޖެއް ކުރިމަތި ކޮށްފައެވެ. އެއީ ކުޑަ ހުސައިން ހަދަފައިވާ ހާފް މެރަތޮންގެ ގައުމީ ރެކޯޑަށްވުރެ އަވަހަށް ރޭސް ނިންމުމެވެ. އެއަށްވުރެ އަވަހަށް ރޭސް ނިންމައިފިނަމަ ހުސައިން ހުށަހެޅީ 50000 ރުފިޔާގެ އަގު ހުރި ޗެލެންޖެކެވެ. ނަމަވެސް އެ ޗެލެންޖް އެ ޓީމަށް ފުރިހަމަ ނުކުރެވުނެވެ. މައި ކޮލެޖްގެ ޓީމަށް ރޭސް ނިންމުނީ ކުޑަ ހުސައިންގެ ރެކޯޑަށް ވުރެ އެއް ގަޑިއިރު ލަހުން ނެވެ.