ކުޅިވަރު

ޒުވާން ގައުމީ ޓީމު އުޒްބެކިސްތާން އަތުން ތަފާތު ބޮޑުކޮށް ބަލިވެއްޖެ

އޭއެފްސީ 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް ކޮލިފައިން ގްރޫޕް ބީގައި ރާއްޖެ 0-6 ބަލިކޮށް އުޒްބަކިސްތާން ގްރޫޕްގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ. މިނަތީޖާ އާއެކު ރާއްޖެ އޮތީ ތިން މެޗުން ލިބުނު އެއް ޕޮއިންޓަކާއެކު ގްރޫޕްގެ ތިން ވަނަ މަގާމުގައެވެ.

މެޗުގެ ފުރަތަމަ ގޯލް ފެނިގެންދިޔައީ މެޗުގެ 22 ވަނަ މިނިޓުގައި އުޒްބަކިސްތާންގެ ޖުވަކްލޯވްގެ ފަރާތުންނެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން އުޒްބަކިސްތާން ޓީމުން އިތުރު ގޯލެއް ކާމިޔާބުކުރިއެވެ. މި ގޯލް 38 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ކެންޔަބައޭވް އެވެ.

ދެވަނަ ހާފްގެ 53 ވަނަ މިނިޓުގައި ޝައިތޯވް ނަތީޖާ އިތުރަށް ފުޅާކުރިއެވެ. އޭގެ ހަތް މިނިޓު ފަހުން ކެންޔަބައޭވް އޭނާގެ ދެވަނަ ގޯލް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 0-4 ބަދަލުކޮށްލިއެވެ. މެޗުގެ 67 މިނިޓުގައި އަޝްކަރޯވް މެޗުގެ ނަތީޖާ 0-5 ބަދަލުކޮށްލިއެވެ. މެޗުގެ ފަހު ގޯލް 71 ވަނަ މިނިޓުގައި އުޒްބެކިސްތާނަށް ކާމިޔާބުކޮށްދިނީ ރަކިމޯވް އެވެ.

އުޒްބަކިސްތާން އަކީ ރާއްޖެ ހިމެނޭ ގްރޫޕް ބީގެ އެންމެ ވަރުގަދަ ޓީމެވެ. ގްރޫޕްގެ ފަހު މެޗުގައި ރާއްޖެ ހޯމަ ދުވަހު ނިކުންނާނީ ގްރޫޕް ބީ ބާއްވާ ގައުމު ތަޖިކިސްތާން އާއި ދެކޮޅަށެވެ.