ކުޅިވަރު

ފަހަތުން އަރައި އެއްވަރުކޮށް މިލަންދޫއިން މާޒިޔާ ހިފަހައްޓައިފި

Nov 4, 2017

އުރީދޫ ދިވެހި ލީގުގައި މިއަދު ހަވީރު މާޒިޔާ އާއި ށ. މިލަންދޫ ބައްދަލުކުރި މެޗު 3-3 އެއްވަރުވެގެން ނިމިއްޖެ އެވެ.

މިމެޗުގެ ނަތީޖާ އާއެކު މާޒިޔާ ތާވަލުގެ ތިން ވަނަ މަގާމުގައި އޮތީ 12 މެޗުން ލިބުނު 24 ޕޮއިންޓާއެކުއެވެ. މިލަންދޫ ޓީމަށް 12 މެޗުން ލިބުނު އައް ޕޮއިންޓާއެކު އެޓީމު އޮތީ ތާވަލުގެ ހަވަނަ މަގާމުގަ އެވެ.

މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ މާޒިޔާ ޓީމުންނެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު މާޒިޔާއިން މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ 23 ވަނަ މިނިޓުގައެވެ. މިލަންދޫ ގޯލް ކުރިމަތިން ލިބުނު ހިލޭ ޖެހުމެއް ގޯލްގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން މިލަނޑު ކާމިޔާބުކުރީ މާޒިޔާގެ ބިދޭސީ ޑިފެންޑަރު މިލޯސް ކޮވަސެވިޗް އެވެ.

މާޒިޔާއިން ލީޑު ނެގިތާ މާގިނަ އިރުތަކެއް ނުވެ މިލަންދޫއަށް މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވިއެވެ. މިލަންދޫގެ އިޝާން (ސައްޓު) ކުޅުނު ބޯޅައެއް މާޒިޔާގެ އޭރިޔާ ތެރެއިން ލިބުނީ އެޓީމުގެ އަބްދުﷲ އިކުވާން އަށެވެ. އޭނާ މާޒިޔާގެ ކީޕަރު މަހްމޫދް ބޯމަތިން ފޮނުވާލި ބޯޅަ ޖެހުނީ ގޯލްގެ އަރިމަތީ ދާގަނޑުުގައެވެ.

މާޒިޔާއިން މިލަންދޫގެ ގޯލަށް ނުރައްކާ ކުރަމުން އައިސް މެޗުގެ 34 ވަނަ މިނިޓުގައި އަރިމަތިން އިސްމާއިލް އީސާ (މެސީ) ނަގައިދިން ހުރަހެއް ކެރިޗް ބޮލުން ކުރިއަށް ފުނަވާލިއެވެ. އެބޯޅަ ސާފުކޮށްލަން އުޅުމުގެ ތެރޭގައި މިލަންދޫ ޓީމުގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ގޯލްގެ ތެރެއަށް ވަނެވެ.

މެޗުގެ 37 ވަނަ މިނިޓުގައި މާޒިޔާއިން މެޗުގެ ނަތީޖާ އިތުރަށް ފުޅާ ކުރިއެވެ. މެދުތެރެއިން މާޒިޔާގެ ފޯވާޑް ކެރިޗް ސާފުކޮށްލި ބޯޅަ މިލަންދޫގެ ޑިފެންޑަރު މުހައްމަދު ނިޒާން ބޯލުން ސާފުކޮށްލަން އުޅުނު ބޯޅަ އަޝްހަދު އަލީ (އަޑޭ) ވަނީ ހޯދައިގެން އޭރިޔާ ތެރެއަށް ވަދެ ގޯލްގެ ކަނަށް ފޮނުވާލައިގެން މެޗުގެ ނަތީޖާ 0-3 ބަދަލުކޮށްލި އެވެ.

ދެވަނަ ހާފް ފަށައިގެން މާޒިޔާއިން ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް މެޗުގެ 54 ވަނަ މިނިޓުގައި މިލަންދޫއިން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 1-3 ބަދަލުކޮށްލިއެވެ. މިލަނޑު މިލަންދޫ ޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ މިސްބާހުއެވެ. މާޒިޔާގެ އޭރިޔާ ތެރެއިން އެޓީމުގެ ޑިފެންޑަރު ހަސަން ޝިފާޒް ކައިރިން ނައްޓާލުމަށްފަހު މިސްބާހު ވަނީ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލާފައެވެ.

ފުރަތަމަ ގޯލް ޖެހިތާ ހަތަރު މިނިޓު ފަހުން މިސްބާހު އިތުރު ލަނޑެއް ކާމިޔާބުކޮށް މިލަންދީ މެޗުގެ ތެރެއަށް ގެނެސްދިނެވެ. މާޒިޔާ ޑިފެންޑަރުންގެ ބޯމަތިން ކުޅުނު ބޯޅަ ހިފައިގެން ވަދެ މިސްބާހު ވަނީ ބޯޅަ ހޯދަން ނިކުތް މާޒިޔާ ކީޕަރު މަހްމޫދް ބޯ މަތިން ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ.

މެޗުގެ 77 ވަނަ މިނިޓުގައި މިލަންދީއިން އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-3 ބަދަލުކޮށްލިއެވެ. އަރިމަތިން މިލަންދޫ ކުޅުންތެރިޔަކު ނެގި ހުރަހެއް މާޒިޔާ ކީޕަރު މަހްމޫދް އަތުން ޖައްސައި ބޭރުކޮށްލި ނަމަވެސް އިޝަން އިބްރާހިމް (ސައްޓު) ވަނީ އެބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މެޗުގެ ނަތީޖާ މިލަންދޫއިން އެއްވަރުކުރުމާއެކު މާޒިޔާއިން ޓީމު ވަރަށް ބޮޑަށް ކުރިއަށް ޖައްސައިގެން ކުޅެން ފެށިއެވެ. ނަމަވެސް މިލަންދީ ޓީމުން ވަނީ މާޒިޔާ ހިފަހައްޓައި މެޗުން ޕޮއިންޓެއް ހޯދާފަ އެވެ.