ކުޅިވަރު

އުނދަގޫ މޮޅަކުން ޓީސީ ނިއު އާ ކައިރިއަށް

Nov 5, 2017

އއ. މޮޅޮސްއާ ދެކޮޅަށް 1-0 މޮޅުވެ، އުރީދޫ ދިވެހި ޕްރިމިއާ ލީގްގެ ތާވަލުގެ އެއް ވަނައިގައި އޮތް ނިއުރޭޑިއަންޓާ އެއް ޕޮއިންޓާ ގާތަށް، ޓީސީ ޖެހިލައިފި އެވެ.

ނިއު އެއް ވަނައިގައި އޮތީ 30 ޕޮއިންޓާއެކު އެވެ. ޓީސީ މެޗުން މޮޅުވުމުން އެ ޓީމަށް ވަނީ 29 ޕޮއިންޓް ލިބިފަ އެވެ. ނަމަވެސް، މާދަމާ ހަވީރު ދ. ކުޑަހުވަދޫއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، ނިއު އަށް އަލުން ޓީސީއާ ހަތަރު ޕޮއިންޓް ފެއަށް ޖެހި ލެވޭނެ އެވެ.

ލީގް ހޯދުމުގެ ފުރުސަތު މިހާރު އޮތީ، އެ ދެ ޓީމަށެވެ. ދެ ވަނަ ބުރުގައި މޮޅުވުމުގެ ރަނގަޅު ޓްރެކެއް ދަމަހައްޓަމުން އައި، ޓީސީ އަށް ހުއްޓުމެއް އައީ މިދިޔަ ހަފުތާގައި މިލަންދޫއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވުމުން ނެވެ.

އެ ޓްރެކް ދަމަހައްޓަމުން އައިނަމަ، ޓީސީ އަށް މާޅޮސްގެ މެޗުން ތިން ޕޮއިންޓް ހޯދައި އެއް މެޗު އިތުރަށް ކުޅެގެން އެއް ވަނަ އަށް އެރުމުގެ ފުރުސަތު އޮތީ ހެވެ.

ދެ ވަނަ ބުރުގެ މެޗުތަކުގައި ޓީސީގެ ފަރާތުން އެންމެ ބޮޑަށް ފާހަގަ ކުރެވޭ ކަމަކީ، މެޗުގެ މުހިންމު ވަގުތު ތަކުގައި ލަނޑު ޖެހުމެވެ. އެއީ ކޮންމެ ހާފެއްގެ ވެސް ކުރީ ކޮޅު ނުވަތަ ހާފުގެ ފަހު ކޮޅުގަ އެވެ. މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ޓީސީ ލީޑް ނެގީ ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތުގަ އެވެ.

މާޅޮސްއާ ދެކޮޅަށް މިރޭ ކުޅުނު މެޗުގައިވެސް އެ ޓީމުން ލީޑް ނެގީ ފުރަތަމަ ހާފު ފެށުނު ތަނުން ނެވެ. ގާތް ގަނޑަކަށް ހަތަރު މިނެޓް ކުޅެވުނު އިރު ޓީސީ އޮތީ ލީޑް ގަ އެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) އެވެ.

އިއްބެ އެ ލަނޑު ކާމިޔާބު ކުރުމުގައި މާޅޮސްގެ ޑިފެންސްގެ މައްސަލަ ވަރަށް ބޮޑަށް ފާހަގަ ކުރެވުނެވެ. މާޅޮސްގެ ޕެނަލްޓީ އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް އިއްބެ މާޅޮސްގެ ގޯލަށް ބޯޅަ ފޮނުވާލީ ޑިފެންސަށް ތިބި ކުޅުންތެރިންގެ ކައިރިން ނެއްޓި ގަތުމަށް ފަހު އެވެ. އަދި މާޅޮސްގެ ކީޕަރު އިބްރާހިމް ޒަމީރު ވެސް ހުރީ ބޯޅަ ހުރަސް ދަނޑި މަތިން ބޭރަށް ދާނެ ކަމަށް ބަލަހައްޓައިގެން ނެވެ. ނަމަވެސް އިއްބެ ބޯޅަ ފޮނުވާލީ ޒަމީރުގެ ބޯމަތިން އޮހިގެންދާ ގޮތަށެވެ.

އޭގެ ފަހުން ވެސް ޓީސީއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އޭގެ ތެރެއިން ތަނަވަސްވި ބައެއް ފުރުސަތުތައް މާޅޮސްގެ ކީޕަރު ޒަމީރު ވަނީ ހުޝިޔާރު ކަމާއެކު ދިފާއު ކޮށްފަ އެވެ.