ރާއްޖެ ކުޅިވަރު

ރިލޭ އެނބުރި ނިއު އަށް

ގައުމީ ޓީމުގެ ޑިފެންޑަރު ރިލްވާން ވަހީދު (ރިލޭ) ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ނިއު ރޭޑިއަންޓަށް ބަދަލުވެއްޖެ އެވެ.

ރިލޭ ވަނީ 2012 ވަނަ އަހަރާއި 2013 ވަނަ ވަނަ އަހަރު ނިއު އަށް ކުޅެފަ އެވެ. ނިއުގެ ކޮންޓުރެކްޓްގައި މި އަހަރު ފެށުނުއިރު ރިލޭ ހުރި ނަމަވެސް، ޑިސިޕްލިނަރީ މައްސަލައެއްގައި މި އަހަރުގެ ޖެނުއަރީ މަހު ނިއު އިން ވަނީ ރިލޭ ދޫކޮށްލައިފަ  އެވެ.

ނިއު އިން ދޫކޮށްލުމުން ރިލޭ މާޒިޔާ އަށް ބަދަލުވި ނަމަވެސް، ސީޒަންގެ މެދުތެރެއިން މާޒިޔާ އިން ވެސް ވަނީ ރިލޭ ދޫކޮށްލައިފަ އެވެ.

ނިއު އިން މި އަހަރު ރިލޭ ދޫކޮށްލީ ނިއުގެ ފަރިތަކުރުމެއްގައ ނިއުގެ ކެޕްޓަން އަދި ގޯލްކީޕަރު އިމްރާން މުހައްމަދާ ހިނގި ޒުވާބެއްގެ ތެރެއިން، ސަޕޯޓަރުންނާ ކުޅުންތެރިން ކުރިމަތީ އިމްރާނާ ދިމާލަށް ތަކުރާރުކޮށް ހުތުރު އެއްޗެހި ގޮވި މައްސަލައިގަ އެވެ.

ދެހާސް ތޭރަ ވަނަ އަހަރު ނިއު އިން ހޮވި 23 އަހަރުން ދަށުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ރިލޭ ބުނީ ކުރިން ދިމާވި ޑިސިޕްލިނަރީ މައްސަލައާމެދު މިހާރު ހިތާމަކުރާ ކަމަށާއި މިހާރު އޭނާ ބޭނުންވަނީ ނިއުއާއެކު އިތުރު ކުރިއެރުންތައް ހޯދަން ކަމަށެވެ.

"ކުރިން ދިމާވި ކަންތައްތަކާމެދު ހިތާމަކުރަން. އެކަމަކު މިހާރު ބޭނުންވަނީ ކުޅުންތެރިއެއްގެ ގޮތުގައި ކުރިއަރަން. އަހަރެން ގަބޫލްކުރާ ގޮތުގައި އަހަރެން ބޭނުންވާ ކުރިއެރުންތައް ހޯދަން އެންމެ ރަނގަޅު ކްލަބަކީ ނިއު،" ނިއުގެ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ރިލޭ ބުންޏެވެ. "އަހަންނަށް އެނގޭ ނިއުގެ ވަރަށް ގިނަ ސަޕޯޓަރުން އަހަރެން އެ ޓީމަށް ކުޅެން ބޭނުންވާކަން. އެ ސަޕޯޓަރުން ވެސް ހިތްހަމަޖައްސަން އަހަރެން އެނބުރި މިއައީ."