ކުޅިވަރު

ލީގް ޗެމްޕިއަންކަމާ ޕޮއިންޓަކާ ނިއު ގާތް ކޮށްފި

Nov 5, 2017

ދ. ކުޑަހުވަދޫގެ މައްޗަށް 3-0 މޮޅުވެ، އުރީދޫ ދިވެހި ޕްރިމިއާ ލީގްގެ ޗެމްޕިއަންކަން ކަށަވަރު ކުރަން ނިއު އަށް ބާކީ އެންމެ ޕޮއިންޓަކަށް ވެއްޖެ އެވެ.

މި މަހު 19 ވަނަ ދުވަހު، ޓީސީއާ ދެކޮޅަށް ކުޅޭ މެޗު އެއްވަރު ކޮށްލެވުނަސް ނިއު އަށް ލީގް ޗެމްޕިއަން ކަން ލިބިގެން ދާނެ އެވެ. ލީގް ހޯދުމުގެ ރޭޙުގައި ނިއު އާ ވާދަ ކުރަނީ ވެސް މިހާރު ޓީސީ އެވެ. ނަމަވެސް ދެ ޓީމުގެ ދެ މެދުގައި ހަތަރު ޕޮއިންޓްގެ ފަރަގު އެބަހުއްޓެވެ.

އޭޝިއަން ކަޕްގެ ޖާގަ ގެއްލިފައިވާ ގައުމީ ޓީމަށް ވަގުތު ދިނުމުގެ ގޮތުން ދިގު މުއްދަތަކަށް ލީގް މެދު ކަނޑާލުމަށްފަހު އަލުން ލީގް ފަށާނީ ވެސް ނިއު އާ ޓީސީގެ މެޗުން ނެވެ. މިއަދު ކުޑަހުވަދޫ އަތުން މޮޅުވުމުން ނިއު ވަނީ 33 ޕޮއިންޓް ހަމަ ކޮށްފަ އެވެ. ޓީސީ އަށް ލިބިފައި ވަނީ 29 ޕޮއިންޓެވެ. މި ދެ ޓީމު ކުޅޭ މެޗު އެއްވަރު ވެއްޖެ ނަމަ، ނިއު އަށް ލިބޭނީ 34 ޕއޮިންޓެވެ. ޓީސީ އަށް 30 ޕޮއިންޓެވެ.

އެ މެޗު އެއްވަރުވެ ލީގްގެ ފަހު މެޗުގައި، ގްރީން ސްޓްރީޓާ ދެކޮޅަށް ޓީސީ ކުޅޭ މެޗުން އެ ޓީމު މޮޅުވެ، ފަހު މެޗުގައި މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗުން ނިއު ބަލި ވިޔަސް ޓީސީއަށް ނިއު އާ އަރާ ހަމަ ނުކުރެވޭނެ އެވެ. އޭރުންވެސް ޓީސީއަށް ލިބޭނީ 33 ޕޮއިންޓެވެ.

މިއަދު ކުޑަހުވަދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ނިއުގެ ތިން ލަނޑުވެސް ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ލަނޑު ޕެނަލްޓީ އަކުން 52 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ އެޑްރިއަން ގަލާޑޯ އެވެ. އެ ޕެނަލްޓީ އާމެދު ސުވާލުި އުފެދުނެވެ. ނިއުގެ އިބްރާހިމް ފަޒީލް (އޮއްޕޮ) އަށް ކުޑަހުވަދޫ ޓީމުގެ އިބްރާހިމް ރަޝާދު ހުރަސް އެޅީ އޭރިގެ ރޮނގު މަތިން ނެވެ. އޮއްޕޮ ވެއްޓުނީ އޭރިއާ ތެރެއަށެވެ. މެޗަށް އިންސާފު ކުރަން ހުރި ބިދޭސީ ރެފްރީ ނިންމީ ޕެނަލްޓީ އެއް ކަމަށެވެ.

ނިއުގެ ދެ ވަނަ ލަނޑު 65 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، އަލީ ފާސިރު (ސެންޓޭ) އެވެ. ތިން ވަނަ ލަނޑު އޭގެ ހަތަރު މިނެޓް ފަހުން ކާމިޔާބު ކުރީ ސްޓިވަން މާކޮވިޗެވެ.

ގައުމީ ޓީމަށް ލީގް މެދުކަނޑާލުމުގެ ކުރިން ކުޅޭ ފަހު މެޗުގައި، މިރޭ ނިކުންނާނީ ގދ. ތިނަދޫ އާއި ގްރީން ސްޓްރީޓެވެ.