ކުޅިވަރު

ލީގްގެ އެންމެ ބޮޑު ނަތީޖާ ތިނަދޫއަށް

Nov 6, 2017
6

ގްރީން ސްޓްރީޓްގެ މައްޗަށް 7-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، މިއަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި އެންމެ ތަފާތު ބޮޑު ނަތީޖާ ގދ. ތިނަދޫއިން ހޯދައިފި އެވެ.

މި ފަހަރުގެ ލީގްގައި، އެއް މެޗެއްގައި ހަތް ލަނޑު ޖަހާފައި ވަނީ ތިނަދޫގެ އިތުރުން ނިއުރޭޑިއަންޓެވެ. ނަމަވެސް ނިއު، ހަތް ލަނޑު ޖެހި ނަމަވެސް އެ ޓީމު ކޮޅަށް ލަނޑެއް ވެދެފައި ވުމުން، ހަތް ލަނޑުގެ ލީޑެއް ނިއު އަކަށް ނުލިބެ އެވެ. ނިއު ވަނީ ލީގްގައި ދެ ފަހަރަށް އެ ނަތީޖާއިން މޮޅުވެފަ އެވެ. އެއީ ފުރަތަމަ ބުރުގައި، ކުޑަހުވަދޫ އާއި ދެ ވަނަ ބުރުގައި މާޅޮސްއާ ދެކޮޅަށެވެ.

ދިވެހި ޕްރިމިއާ ލީގްގެ މުޅި ތާރީހްގައި އެންމެ ތަފާތު ބޮޑު ނަތީޖާއެއް ނިކުތް މެޗުގެ ރެކޯޑް އޮތީ ނިއު އަތުގަ އެވެ. އެއީ 2013 ވަނަ އަހަރު، ވީބީ އައްޑޫ އެފްސީއާ ދެކޮޅަށް 10-1 މޮޅުވެގެން ނެވެ.

ގްރީންއާ ދެކޮޅަށް ތިނަދޫއިން ޖެހި ހަތް ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ، ބިދޭސީ ފޯވަޑް އިވާން ހެނާންޑޭޒް އަވީލާ (ޗިޗާ) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ އޭނާ އެވެ. ތިނަދޫގެ ފުރަތަމަ ލަނޑު 15 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަންސަރު އިބްރާހިމް (އަންކޮ) އެވެ.

ދެ ވަނަ ލަނޑު އަވީލާ ކާމިޔާބު ކުރީ 21 ވަނަ މިނެޓްގައެވެ. ތިން ވަނަ ލަނޑު ލިބުނު ޕެނަލްޓީ އަކުން އޭނާ ކާމިޔާބު ކުރީ 31 ވަނަ މިނެޓްގަ އެވެ. އޭގެ މިނެޓެއް ނުވަނީސް އޭނާ ވަނީ ތިނަދޫގެ ލަނޑު ކާމިޔާބު ކޮށް ހެޓްރިކް ހަދާފަ އެވެ. ފުރަތަމަ ހާފު ތިނަދޫއިން ނިންމާލީ ހަތަރު ލަނޑުގެ ލީޑެއްގައި އޮވެގެން ނެވެ

ދެ ވަނަ ހާފުގައި ތިނަދޫއަށް، ގްރީން ގޯލް ހުޅުވާލަ ދިނީ އަހްމަދު ރިޒްވާން އިސްމާއީލް (ރިޒޭ) އެވެ. އެ ލަނޑު ކާމިޔާބު ކުރީ 52 ވަނަ މިނެޓްގަ އެވެ. އޭގެ ހަތަރު މިނެޓް ފަހުން އޭނާ ވަނީ، ތިނަދޫގެ ގެ ހަ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ތިނަދޫގެ ހަތް ވަނަ ލަނޑު 86 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް އަލީ ހައިޝަމް އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން، ތިނަދޫގެ ކޯޗް އަލީ ސުޒޭން ބުނީ، ގަދަ ހަތަރެއްގެ ޖާގަ ހޯދަން ވާދަ ކުރާ ރޭހުގައި އެންމެ ބޮޑަށް ވާދަ ވެރިކޮށް އޮތް ގްރީން ސްޓްރީޓް ކޮޅަށް ޖެހޭ ކޮންމެ ލަނޑަކީ ދެ ލަނޑު ޖެހުން ކަހަލަ ކަމެއް ކަމަށެވެ.

"ގާތްގަނޑަކަށް 14 ގޯލް ގްރީން ނޫން އެހެން ޓީމެއް ކޮޅަށް ޖެހުން ކަހަލަ ކަމެއް ހަތް ގޯލް ޖެހީމަ މި ލިބުނީ،" ސުޒޭން ބުންޏެވެ. "އެހެންވީމަ ގޯލް ޑިފަރެންސުންވެސް މި އަތުލަން ޖެހޭ ބައި އިރާދަ ކުރެއްވިއްޔާ މި އަތުލެވުނީ ދެންއޮތީ ޕޮއިންޓަށް މަސައްކަތް ކުރުން ދެން އޮތީ މާޅޮސް ވަރަށް ފޯމުގައި މި ފެންނަނީ އެހެންވީމަ ބެލެންސް މެޗެއްގެ ތެރެއިން މާޅޮސް ކައިރިންވެސް ތިނަދޫއަށް ޕޮއިންޓް ހޯދޭނެ."

ގްރީންގެ ކޯޗް ސޮބާހް މުހައްމަދު ބުނީ ޓީމު އޮތީ އުނދަގޫ ހާލަތެއްގައި ކަމަށާއި މުސާރައިގެ މައްސަލަ އުޅޭތީ ކުޅުންތެރިންގެ ކިބައިން ދަނޑުމަތީގައި ފެންނަން ޖެހޭ މިންވަރު ފެނިގެން ނުދާ ކަމަށެވެ.