ކުޅިވަރު

ގްރީންގެ ފޯމު ދަށަށް ދިޔައީ މިހެންވެ

ގދ. ތިނަދޫއާ ދެކޮޅަށް ރޭ ކުޅުނު މެޗު 7-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ގްރީން ސްޓްރީޓް ބަލިވެދާނެ ކަމަކަށް އެއްވެސް ބަޔަކަށް ގަބޫލެއް ނުކުރެ އެވެ. އެއީ މި ސީޒަންގައި ގްރީން ނެރެފައިވާ ރަނގަޅު ނަތީޖާތަކާއި މި ސީޒަންގެ ހުރިހާ ޓީމެއް ބަލި ކުރި ހަމަ އެކަނި ޓީމުގެ ޝަރަފް ގްރީން އަތުގައި އޮތުމުންނެވެ.

ފުޓްބޯޅައިގެ ވަރުގަދަ ބާރުތަކާއި ތަޖުރިބާ ހުރި ޓީމުތައް ފެއަށް ޖައްސާލުމަށްފަހު، އެޓީމުން މާލޭ ލީގް ނިންމާލީ ލީގް ޗެމްޕިއަންކަމާ ދާދީ ގާތުންނެވެ. ނަމަވެސް ދިވެހި ޕްރިމިއާ ލީގް ނިމުމަކާ ހަމަޔަށް ދިޔައިރު ގްރީން ސްޓްރީޓުން ކުރިން ފެނުނު ރޫހް ވަނީ ގެއްލިފަ އެވެ. އަތުލެވޭ ކަހަލަ ބައެއް މެޗުތަކުން އެ ޓީމު ބަލިވީ މާ ފަސޭހައިންނެވެ.

ޓީމުގައި އޮތް ރޫހަށް ބަދަލު އައުމުން އެކަމުގެ ސަބަބު ހޯދަން ގްރީން ސްޓްރީޓްގެ ކޯޗް ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ)އާ ސުވާލު ކުރުމުން، އޭނާ ވަނީ މައްސަލަ ކޮންމެ ވެސް ވަރަކަށް ތިލަކޮށްފަ އެވެ. ރޭ ތިނަދޫއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު މީޑިއާ ވާހަކަ ދައްކަމުން އޭނާ ބުނީ ޓީމު މިހާބޮޑަށް ބަލިވީ ކުޅުންތެރިންގެ ފަރާތުން ފެންނަން ޖެހޭ އަސްލު ކުޅުން ނުދެއްކިގެން ކަަމަށެވެ. އެހެން ދިމާވުމުގައި ޓީމަށް ކުރިމަތިވެފައި އޮތް މާލީ މައްސަލަ ސޮބާ ފާހަގަ ކުރި އެވެ.

"މީގައި އެބަހުރި ބައިވަރު މައްސަލަ، ހާއްސަކޮށް ފައިނޭޝިއަލީ މައްސަލަ ދިމާވީމަ ކުޅުންތެރިންގެ މޯޓީވޭޝަނަށް އަސަރު ކޮށްގެން ފަހަކަށް އައިސް ނަތީޖާ ދަށް ވެގެން މި ދިޔައީ،" ސޮބާ ބުންޏެވެ.

"އެއީ އަޅުގަނޑު ފާހަގަ ކޯށްލާނެ ކަމަކީ އެއްގޮތަކަށްވެސް އަޅުގަނޑު ޒިންމާ ނުނަގާކަށް ނޫން އަޅުގަނޑަށް ބުނެވޭނީ ވަކި ގޮތަކަށް ކަންކަން ކުރަން ނަމަވެސް ކުޅުންތެރިންގެ އެ ކެރެކްޓާ އެ އެޓިޓިޔުޑް ދަނޑުމަތީގައި ނުފެނިއްޖެ ކަމަށްވަންޏާ އެއްވެސް ކޯޗަކަށް އަދި އަޅުގަނޑެއް ނޫން އެހެން މީހަކު އަޔަސް ޖާދޫއެއް ނެހެދޭނެ،"

ސޮބާ ބުނީ ފައިނޭންޝިއަލް މައްސަލަ އޭނާ ކުޅުނުއިރުވެސް އޮންނަ ކަމަށާއި ނަމަވެސް މިހާރުގެ ކުޅުންތެރިން ވިސްނާ ގޮތް ތަފާތު ކަމަށެވެ.

"ފައިނޭޝިއަލް މައްސަލަ މިއީކީ އަޅުގަނޑުމެންގެ ޓީމަށް އެކަނި ދިމާވެގެން އުޅޭ މައްސަލައެއް ނޫން ފެށުނީން ސުރެ ހަމަ އަޅުގަނޑުމެން ކުޅުނުއިރުންސުރެ އުޅޭ މައްސަލަތަކެއް މިއީ ބައިވަރު މައްސަލަތަކާއި ފައިނޭންޝިއަލް މައްސަލަތަކާއެކު މިއަދުގެ ނަތީޖާ މިހާ ދަށް ކޮށް މިދިޔައީ،" ސޮބާ ބުންޏެވެ.

"ބެއްލެވި ބޭފުޅުންނަށް އެނގިލައްވާނެ ހަމަގައިމުވެސް ގްރީން ސްޓްރީޓްގެ ކުޅުންތެރިންގެ 100 ޕަސަންޓް ލައިގެނެއް ނޫން ދަނޑު މަތީގައި އެ ކުޅުނީކީ އެކަން ހަމަގައިމުވެސް އެނގޭނެ."

އޭނާ ބުނީ ކުޅުންތެރިންގެ ފަރާތުން ފެންނަން ޖެހޭ ޕާފޯމަންސް އެފަދަ މައްސަލަތަކެއް ހުރެއްޖެނަމަ ނެރުމަކީ އުނދަގޫ ވާނެ ކަމެއް ކަމަށެވެ.

ގްރީން ސްޓްރީޓްގައި ސޮބާގެ ކުރިމަގު އޮތީ ކިހިނެއްތޯ ސުވާލު ކުރުމުން އޭނާ ބުނީ ގްރީންގެ ކުރިމަގާ ބެހޭގޮތުން އެއްޗެއް ބުނަން އޭނާ އަށް ނޭންގޭ ކަމަށާއި ގްރީންއިން އޭނާގެ މަގުސަދު ހާސިލު ނުވަންޏާ އެހެން ތަނަކުންވެސް އޭނާގެ މަގުސަދު ހާސިލު ކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

"މިތަނުން އަޅުގަނޑުގެ މަގްސަދު ހާސިލު ވާން ނެތް ކަމަށް ވަންޏާ އެހެންތާކުންވެސް ކުރާނަން ގިވްއަޕެއް ނުކުރާނަން،" ސޮބާ ބުންޏެވެ.

"ގްރީން ސްޓްރީޓްގައި އަޅުގަނޑުގެ ކުރިމަގާ ބެހޭގޮތުން އެއްޗެއް ބުނަން ތަންކޮޅެއް އަވަސް ކަންނޭންގެ އަދި އެބައޮތް ވަރަށް ވަގުތު އެއްވެސް މީހަކަށް އަންނަ ގޮތަށް އައިސް ބޮންތީގަ ހިފެނީކީ ނޫން އަޅުގަނޑު މިއަހަރު ފެށިއިރުވެސް ބުނިން އަޅުގަނޑު މި ނިކުންނަނީ ވަރަށް އުނދަގޫ ޗެލެންޖެއްގައޭ މުޅިން އާ ޓީމެއް ގޮވައިގެން މިކަމަށް ޓީމުގެ މެނޭޖްމެންޓް ހަމަގައިމުވެސް ވަރަށް އާ އަޅުގަޑަށް ހީވަނީ މިއަދާ ހަމަޔަށް އައިރު ވަރަށް ބައިވަރު އާ ކަންތައްތަކެއް ދަސް ކޮށްފާނެ ކަން ނޭންގެ."

ގްރީންގެ މެނޭޖަރު އިލްޔާސް އުމަރު ބުނީ ސީޒަންގެ ކުރީ ކޮޅުވެސް މުސާރަ ނުދެވި ތިން މަސް ދިޔަ ކަމަށެވެ. ނަމަވެސް އޭރު މޮޅުވަމުން ދިއުމުން ހަމައެކަނި ފައިނޭންޝިއަލީ މައްސަލަ އުޅޭ ކަމަށް ނުބުނުވޭނެ ކަމަށެވެ.

"ސީޒަންގެ ކުރީ ކޮޅު އެފްއޭއެމުން މެދުވެރިކޮށް ކުންފިނިތަކުން ކުލަބުތަކަށް ފައިސާ ދޫކުރަންދެން ތިން މަސް ވަރު މުސާރަ ނުދެވި ދިޔަ، ނަމަވެސް އޭރު ދިޔައީ މޮޅުވަމުން،" އިލްޔާސް އުމަރު ބުންޏެވެ. "ޕާފޯމަންސް މީހާބޮޑަށް ދަށްވުމުގެ އެންމެ މައިގަނޑު ސަބަބަކީ ކުޅުންތެރިންގެ އިންޖަރީ އާއި ޖުލައި ޓްރާންސްފާގައި ގެނައި ބައެއް ކުޅުންތެރިންގެ ފަރާތުން އެންމެ ރަނގަޅު ޕާފޯމަންސެއް ނުފެނުން."

ގްރީންގެ ފޯވަޑް އަހްމަދު ރަޝީދު (އަންމަޑޭ) އަށް އަނިޔާވެ އޭނާއަށް މި ސީޒަންގައި އެއްވެސް މެޗެއް ދެން ނުކުޅެވޭނެ އެވެ. މި ސީޒަންގައި އެންމެ މޮޅަށް ކުޅެމުން ދިޔަ ޔޫކްރޭންގެ ސޮބެލް އިލިއާވެސް ހުރީ އަނިޔާއެއްގައެވެ. އަދި މިހާރު ކީޕަރު ޖޫން ކޮޗީވެސް ހުރީ އަނިޔާގަ އެވެ.

ޖުލައި ޓްރާންސްފާގައި އެ ޓީމަށް ގެނައި ބައެއް ކުޅުންތެރިންގެ ފަރާތުން އެންމެ އެދެވޭ ޕާފޯމަންސެއްް ނުފެނުނެވެ. މުހުތާރު ނަސީރު (ޓޫކިލޯ) އާއި ބިދޭސީ ކުޅުންތެރިޔާ ވިލިއަމް މަކޯގެ ފަރާތުންވެސް އެންމެ އެދެވޭ ކުޅުމެއް ނުދެއްކެ އެވެ.