ވިޔަފާރި

އެމެރިކާ، ރާއްޖެ ޓޫރިޒަމްގެ މުހިންމު ގައުމަކަށް

އެމެރިކާއިން މި އަހަރުގެ ނިޔަލަށް އައި ޓޫރިސްޓުންގެ އަދަދު ބޮޑުތަކުން އިތުރުވުމާއެކު، އެ ގައުމަކީ ރާއްޖޭގެ ޓޫރިޒަމްގެ މުހިންމު ގައުމަށް ވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރިން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން، އެ މުއްދަތަށް އެމެރިކާއިން ރާއްޖެއަށް 27,407 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކުރި 23,014 ޓޫރިސްޓުންނާ އަޅާބަލާއިރު 19.1 ޕަސެންޓް އިތުރުވުމެކެވެ. އަދި މި އަދަދަކީ އެ ގައުމުން ވަނީ އެ ބައްރުން އައި ޓޫރިސްޓުންގެ 2.7 ޕަސެންޓް ހިއްސާކޮށްފަ އެވެ.

އެމެރިކާ އިން ސެޕްޓެމްބަރު މަހު އެކަނި 2,744 މީހުން އައިސްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އައިސްފައިވަނީ 2,668 މީހުންނެވެ. މިއީ 2.8 ޕަސެންޓުގެ ކުރިއެރުމެކެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ނެރެފައިވާ ސެޕްޓެމްބަރު މަހުގެ ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެ މަހު 105,984 ޓޫރިސްޓުން ރާއްޖެ އަށް އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 101,909 މީހުންނާ އަޅާ ބަލާއިރު ހަތަރު ޕަސެންޓް އިތުރު އަދަދެކެވެ.

އެމެރިކާ އިން ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު އިތުރުވަމުންދާއިރު، އެ ގައުމުން ރާއްޖެއަށް އަންނަ މީހަކު 17.24 ގަޑިއިރު ދަތުރު ކުރަންޖެހެ އެވެ. އަދި ރާއްޖޭން އެމެރިކާއަށް ސީދާ ފްލައިޓުތަކެއްވެސް ނޯވެއެވެ.