ބޮލީވުޑް

ޖާންވީ ބޮލީވުޑަށް ނިކުންނަ ފިލްމުގެ ޝޫޓިން އަންނަ މަހު ފަށަނީ

Nov 7, 2017

މަޝްހޫރު ބަތަލާ ސްރީދޭވީގެ ދޮށީ ދަރިފުޅު ޖާންވީ ކަޕޫރު ބޮލީވުޑަށް ނެރުމުގެ ޒިންމާއާ ހަވާލުވެގެން އުޅެނީ މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރެވެ.

މިހާރު ބޮލީވުޑްގައި އެންމެ ގަދަޔަށް ފިޔަ ޖަހަމުން އަންނަ ޒުވާން ތިން ތަރިން ކަމަށްވާ ވަރުން ދަވަން އާއި އާލިއާ ބަޓް އަދި ސިދާތް މަލްހޯތުރާ އަކީ ވެސް ކަރަން ބޮލީވުޑަށް ނެރުނު ތިން އެކްޓަރުންނެވެ.

ކަރަން ޕްރޮޑިއުސްކުރާ މަރާތީ ކާމިޔާބު ފިލްމު "ސައިރަތް" ގެ ރީމޭކުން ޖާންވީ ބޮލީވުޑަށް ނިކުންނަނީ ޝާހިދު ކަޕޫރުގެ އެއްބަނޑު ކޮއްކޮ، އިޝާން ކައްތަރުއާ އެކު އެވެ.

ކަރަން އުފެއްދި "ބަދްރިނާތް ކީ ދުލްހަނިޔާ" ގެ ޑައިރެކްޓަރު ޝަޝަންކް ކައިތާން ޑައިރެކްޓްކުރާ އެ ފިލްމުގެ މަސައްކަތް މަޑުޖެހިފައިވާތީ ޖާންވީ އާއި އޭނާގެ މަންމަ ސްރީދޭވީ، ކަރަން ދެކެ ހިތްހަމަނުޖެހިގެން އުޅޭކަމުގެ ވާހަކަތަކެއް ދެކެވިފައި ވަނިކޮށް ފިލްމުގެ ޝޫޓިން އަންނަ މަހުގެ އެއްވަނަ ދުވަހު ފަށަން މިވަނީ ނިންމާފަ އެވެ.

ފިލްމުގައި މަސައްކަތްކުރާ ފަރާތަކުން ޔަގީން ކޮށްދީފައިވާ ގޮތުގައި "ސައިރަތް" ހިންދީ ރީމޭކުގެ ޝޫޓިން އަންނަ މަހުގެ އެކެއްގައި ފަށާނެ އެވެ.

އަދި ނަމެއްދީފައިނުވާ އެ ފިލްމުގެ މަސައްކަތް ކަރަން މަޑުޖައްސާލައި، ރަންބީރު ކަޕޫރާއި އާލިއާ ބަޓް ކުޅޭ އަޔާން މުކަރްޖީގެ ފިލްމުގެ މަސައްކަތް އަވަދެނެތި ކުރަމުން އަންނަ ކަމުގެ ވާހަކަތއް ދެކެވެމުން އަންނަ ދަނޑިވަޅެއްގަ އެވެ.

މަޝްހޫރު ތަރިންގެ ދަރިން ބޮލީވުޑަށް ނިކުތުމަށް ތައްޔާރުވަމުން އަންނައިރު، ޖާންވީ އާއެކު އެ ދާއިރާ އަށް ނިކުންނަ އަނެއް ބަތަލާ އަކީ ސައިފް އަލީ ޚާން އާއި ކުރީގެ އަންހެނުން އަމްރިތާ ސިންގް ދަރިފުޅު ސާރާ އަލީ ޚާން އެވެ. ސާރާގެ ފުރަތަމަ ފިލްމުގެ ޝޫޓިން ސެޕްޓެމްބަރުގައި ފެށިގެން ކުރިއަށްދާއިރު އެ ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

އަދި ޖާންވީ އާއި އިޝާންގެ ފިލްމު އަންނަ އަހަރުގެ އެޕްރީލް ހިސާބުގައި ސިނަމާތަކާ ހަމައަށް އަންނާނެ ކަމަށްވެ އެވެ.

ސާރާ އާއި ޖާންވީގެ ތެރެއިން ބޮލީވުޑްގައި ކާމިޔާބު ހޯދާނެ ފަރާތަކާ ގުޅޭގޮތުން މިހާރު ވެސް އެކި ވަރުގެ ބަހުސްތައް ކުރިއަށްދެ އެވެ.

ބްލޮކްބާސްޓާގެ ދަރަޖަ ލިބިފައިވާ "ސައިރަތް" ކުޑަ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. މިދިޔަ އަހަރު ނިކުތް އެ ފިލްމަކީ މަރާތީ ފިލްމުތަކުގެ ތެރެއިން 100 ކްރޯޑް ލިބުނު ފުރަތަމަ ފިލްމެވެ.