ހަބަރު

ކުޑަކުދިން ކުށުން ދުރުކުރަން ގައުމީ މަހާސިންތާއެއް

ކުޑަކުދިން ކުށުން ދުރުކުރުމަށް ގައުމީ މަހާސިންތާއެއް ފަށައިފި އެވެ. މިއީ މިފަދަ މަހާސިންތާއެއް ގައުމީ ފެންވަރުގައި ބާއްވާ ފުރަތަމަ ފަހަރެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އާއި ޔުނިސެފް ގުޅިގެން ބަންޑޮސް އައިލޭންޑް ރިސޯޓްގައި މިއަދު ފެށި މަހާސިންތާ އަކީ ކުޑަކުދިން ކުރާ ކުށްތަކުން ދުރުކުރުމަށް ކުރިއަށް އޮތް ދެ އަހަރު ދުވަހު އެކަށައަޅާ ޕްރޮގްރާމްތަކާއި އެކްޝަންޕްލޭން އަދި ސްޓްރެޓެޖީތައް ކަމާގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ކުރުމަށް ބާއްވާ މަހާސިންތާއެކެވެ. މަހާސިންތާގައި މިހާރު ކުރަމުންދާ މަސައްކަތްތަކާއި ކުރިއަތް އޮތް ތަނުގައި ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް އެކްޝަން ޕްލޭނެއް އެކްލަވާލާނެ އެވެ.

މަހާސިންތާ ފެށުމުގެ ގޮތުން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ، ބާއްވާ ސެމިނާތަކުގައި ލިޔެލާ ކަރުދާހަކުން ނުވަތަ އެކުލަވާލާ އެކްޝަން ޕްލޭނަކަށް އަމަލު ނުކުރާނަމަ އެކަމުގެ އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށެވެ. އަދި ވިދާޅުވީ، މިކަންކަމުގައި ކުރަންޖެހޭ ކަންކަމަކީ ވަކި މުއައްސަސާއެއްގެ ޒިންމާއެއް ކަމަށް ނުދެކި ހުރިހާ މުއައްސަސާއަކުން ވެސް ގުޅިގެން މަސައްކަތް ކުރުމުން މީގެން ފުރިހަމަ ނަތީޖާއެއް ނުކުންނާނެ ކަމަށެވެ.

ޝުޖާއު ވިދާޅުވީ، އެކްޝަން ޕްލޭން އެކުލަވާލާއިރު ކަނޑައަޅާ ލަނޑުދަނޑިތަކަކީ އުނދަގުލުން ހާސިލްވާ ލަނޑުދަނޑިތަކަށްވުރެ ބޮޑަށް ފަސޭހައިން ވާންހުރި ކަންކަން ލަނޑުދަނޑިތަކުގައި ކަނޑައެޅުމުން އެކަންކަމުގައި ނުކުންނަ ނަތީޖާ މާ އެދެވިގެންވާނެ ކަމަށެވެ.

"ކޮންމެ ގައުމެއްގައި ވެސް އެންމެ މުހިންމު އެއްބަޔަކީ ކުޑަކުދިން، އެހެންކަމުން ކުޑަކުދިން ރަނގަޅު ގޮތުގައި ހަމަ މަގަށް އެޅުވިއްޖެ ނަމަ އެގައުމެއްގެ މުސްތަގުބަލް އުޖާލާ ވެގެންދާނެ،" އަލީ ޝުޖާއު ވިދާޅުވި އެވެ.

ތިން ދުވަހުގެ މުއްދަތައް މިއަދު ފެށި މަހާސިންތާގައި ކުޑަކުދިން ކުށްތަކަށް އަރައިގަތުން ހުއްޓުވުމަށް މަސައްކަތްކުރާ ސަރުކާރުގެ މުއައްސަސާތަކާއި އެންޖީއޯސްތަކާއި ސްކައުޓްސް އާއި ގާލްގައިޑްސް އަދި ހިއުމަން ރައިޓްސް ކޮމިޝަނުން ބައިވެރިވެފައި ވެއެވެ. މަހާސިންތާގައި 70 އަށްވުރެ ގިނަ ފަރާތަކުން ބައިވެރިވެފައި ވެއެވެ.