ހަބަރު

"ޓެރަރިޒަމާ ދެކޮޅަށް މުހިންމު ކާމިޔާބީތަކެއް ހާސިލް ކުރެވިއްޖެ"

ރައީސް އަބްދުﷲ ޔާމީން ސަރުކާރުން ޓެރަރިޒަމާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، މުހިއްމު ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެގޮތަށް ވިދާޅުވީ، އދ ގެ ކައުންޓަ ޓެރަރިޒަމް ކޮމިޓީ އެކްޒެކަޓިވް ޑައިރެކްޓްރޭޓް ސީ ޓެޑް އަދި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގުޅިގެން ދެކުނު އަދި އިރުދެކުނު އޭޝިޔާގެ ގައުމުތަކަށް އަމާޒުކޮށްގެން ހޮލިޑޭއިން ކަނޑޫމާ މޯލްޑިވްސް ރިސޯޓްގައި މިއަދު ފެށި ސަރަހައްދީ ބައްދަލުވުމުގައި އެވެ.

ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ޓެރަރިޒަމަކީ މިއަދު ދުނިޔޭގެ ހުރިހާ ގައުމަކުންވެސް ކުރިމަތިލާން ޖެހިފައިވާ ނުރައްކަލެއް ކަމަށާއި ޓެރަރިޒަމާއި ދެކޮޅަށް ހުރިހާ ގައުމަކުންވެސް ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި ޓެރަރިޒަމާއި ނުރައްކާތެރި ހައްދުފަހަނަ އެޅުމާއި ދެކޮޅަށް ދޭދޭ ގައުމުތައް މަސައްކަތްކުރުމުގައި އެންމެ އިސްކަމެއް ދޭންޖެހޭ ކަމަކީ އެކަށީގެންވާ ގާނޫނީ އޮނިގަނޑެއް ހަދައި އެއޮނިގަނޑުގެ ތެރެއިން އެޅެން ހުރި ފިޔަވަޅުތައް ހަރުދަނާ ގޮތެއްގައި އެޅުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ހާއްސަ އިސްނެންގެވުމުގެ މަތިން، ޓެރަރިޒަމާ ދެކޮޅަށް ދިވެހިރާއްޖޭގެ ސަރުކާރުން ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، މުހިއްމު ކާމިޔާބީތަކެއް ހާސިލްކޮށްފި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ޓެރަރިޒަމާއި ހައްދުފަހަނަ އަޅާފައިވާ ފަރާތްތަކާއިމެދު އެކަށީގެންވާ ފިޔަވަޅު އެޅުމުގެ ގޮތުން ތަހުގީގަށް ބޭނުންވާ މައުލޫމާތު ބަދަލުކުރުމާއި ކުށްވެރިން ބަދަލުކުރުމުގެ އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާ ގޮތެއްގައި އެޅުން މުހިންމު ކަމަށެވެ. އަދި ވިދާޅުވީ، ބައިނަލްއަގްވާމީ އޮނިގަނޑުގެ ތެރެއިން މައުލޫމާތާއި ލިޔެކިޔުން ބަދަލުކުރެވޭނެ އިންތިޒާމުތައް އުފެއްދުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ.

"އުސޫލުތައް އެކަށައެޅުމުގައިވެސް އިންސާނީ ހައްގުތަކަށާއި އިޖްތިމާއީ ދުޅަހެޔޮކަމަށް ރިއާޔަތްކުރުމާއެކު އާދަޔާހލާފު ހަރުކަށި އަދި އެކަށީގެންނުވާ އުސޫލުތައް ހިޔާރުކޮށްގެން ނުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ތިން ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވޭނެ ދާއިރާތަކަކީ ޓެރަރިޒަމްގެ މައްސަލަތަކުގައި ދޭދޭ ގައުމުތަކުގެ ދެމެދުގައި ރަސްމީ ލިޔެކިޔުމާއި ތަހްގީގީ ލިޔުންތައް ބަދަލުކުރުމާއި ބެހޭގޮތުންނެވެ އެ ބައްދަލުވުމުގައި ދެކުނު އަދި އިރުދެކުނު އޭޝިޔާގެ ގައުމުތަކުގެ ކައުންޓަ ޓެރަރިޒަމް ދާއިރާގައި މަސައްކަތްކުރާ މައި އިދާރާތަކުން ބައިވެރިވެފައި ވެއެވެ. ބައްދަލުުމުގައި 16 ގައުމަކުން 46 ބޭފުޅުން ބައިވެރިވެ އެވެ.