ކުޅިވަރު

ހަބޭސް އިއްބެ އަލުން ގައުމީ ސްކޮޑަށް

އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗަށް އެކުލަވާލި ގައުމީ ސްކޮޑުން ޓީސީ ސްޕޯޓްސް ކުލަބުގެ އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) އަށް ފުރުސަތު ދީފި އެވެ.

މީގެކުރިން އިއްބެއަށް ގައުމީ ޓީމުން ފުރުސަތު ދިނީ، ކޮލިފައިންގެ ފުރަތަމަ މެޗުގައި ފަލަސްތީނާ ދެކޮޅަށް މާލޭގައި ކުޅުނު މެޗަށް އެކުލަވާލި ސްކޮޑުންނެވެ. އިއްބެ ދަނީ މިހާރު ކުރިއަށްދާ ދިވެހި ޕްރިމިއާ ލީގްގެ ދެވަނަ ބުރުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

ދެ ވަނަ ބުރުގައި އޭނާގެ އެންމެ ހާއްސަ މެޗަކީ، މާޒިޔާ އަތުން 3-1 ން ޓީސީ މޮޅުވި މެޗެވެ. މެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހު ކޮޅުގައި ޓީސީއަށް މާޒިޔާގެ ގޯލް ހުޅުވައި ދިނީ އިއްބެ ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެފައި ކާމިޔާބު ކުރި ރީތި ލަނޑުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް، އޭނާ އެވެ.

އިއްބެ އެންމެ ފުރަތަމަ ގަލޮޅު ދަނޑަށް ކުޅެން އައީ މިދިޔަ އަހަރު ބޭއްވި ޕްރެޒިޑެންޓް ކަޕްގައި އޭނާގެ އުފަން ރަށް ސ. ފޭދޫ ޓީމުންނެވެ. ދެހާސް ފަނަރަ ވަނަ އަހަރު މިނިވަން ޗެމްޕިއަންޝިޕް ފޭދޫއިން ކާމިޔާބު ކުރުމުން މިދިޔަ އަހަރުގެ ޕްރެޒިޑެންޓް ކަޕުން ފޭދޫ އަށް ފުރުސަތު ދިނެވެ. އެ މުބާރާތުގައިވެސް، ރަނގަޅު ކުޅުމެއް އޭނާ ދެއްކި އެވެ.

ޓީސީން ފުރަތަމަ ޑިވިޝަން ފުޓްބޯޅަ އޭނާ ފެށީ މި އަހަރު އެވެ. ޓީސީއާއެކު އޭނާގެ ފުރަތަމަ މުބާރަތަކަށްވީ އަހަރުގެ ކުރީ ކޮޅު ބަންގްލަދޭޝްގައި ބޭއްވި ޝައިހް ކަމާލް އިންޓަނޭޝަނަލް ކަޕެވެ. އެ މުބާރާތް ޓީސީއަށް ހޯދައި ދިނުމުގައި ވެސް އިއްބެ މުހިންމު ދައުރެއް އަދާ ކުރި އެވެ.

ޓީމުން ފާހަގަ ކުރެވުނު އަނެއް ބަދަލަކީ، ކީޕަރު މުހައްމަދު އިމްރާން (ކުޑަ އިންމަ) ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުން، އޭނާގެ ބަދަލުގައި މާޒިޔާގެ ޒުވާން ކީޕަރު ހުސައިން ޝަރީފަށް ޓީމުން ފުރުސަތު ދީފައި ވުމެވެ. އޭނާ ވެސް ގައުމީ ސްކޮޑުން ފުރުސަތު ދިނީ މެދުކެނޑުމަކަށް ފަހު އެވެ.

ކީޕަރުން ނެގުމުގައި އެންމެ ހައިރާންވާން ޖެހޭ ކަމަކީ، ލީގްގެ ދެ ވަނަ ބުރުގައި މެޗެއްގައި ފުރަތަމަ 11 ގައި ކުޅުނު އެއްވެސް ކީޕަރެއް ސްކޮޑުގައި ހިމަނާފައި ނެތުމެވެ. ސްކޮޑުން ފުރުސަތު ދިން ތިން ކީޕަރުންނަކީ ވެސް ދެ ވަނަ ބުރުގައި ޓީމުތަކުގެ ބަދަލު ކީޕަރުންގެ ގޮތުގައި ބެންޗުގައި ތިބި ކީޕަރުންނެވެ.

އޮމާންއާ ދެކޮޅަށް މިދިޔަ މަހު ކުޅުނު މެޗަށް ނެގި ސްކޮޑުގައި ހިމެނި ޕްރެކްޓިހަށް ނުކުތުމަށްފަހު ޕްރެކްޓިހުން އަމިއްލައަށް ވަކިވެގެން ދިޔަ މާޒިޔާގެ އިސްމާއީލް އީސާއަށް ދެން ގައުމީ ޓީމުން ފުރުސަތު ނުދޭނެ ކަމަށް ގައުމީ ޓީމުގެ ކޯޗް ވަނީ ބުނެފަ އެވެ. އެހެންވެ އިސްމާއީލް އަށް ވެސް ޓީމުން ފުރުސަތު ދީފައި ނުވެ އެވެ.

ފަލަސްތީނާ ރާއްޖެ ކުޅޭ މެޗު އޮންނާނީ މިމަހު 14 ވަނަ ދުވަހު ފަލަސްތީންގަ އެވެ.