ހަބަރު

ސިފައިންއަށް ހުރަސް އެޅިކަމަށް ބުނެ މެމްބަރު ނިޒާރު ފުލުހަށް ގެންދަނީ

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަން ތިބި ސިފައިންގެ ބައެއްގެ ވާޖިބަށް ހުރަސް އަޅައި މާރާމާރީ ހިންގި ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

އަލީ ނިޒާރު އަވަސް އަށް އަށް މިރޭ ވިދާޅުވީ ގޮތުގައި ފުލުސް އޮފީހަށް ހާޒިރުވާން ޗިޓު ފޮނުވާފައިވަނީ މާދަމާ މެންދުރު ފަހު 2.00 އަށް ކަމަށެވެ. އޭނާ ވިދާޅުވީ ފުލުސް އޮފީހަށް ހާޒިރު ކުރަނީ މިދިޔަ ޖުލައި 31 ގައި މަޖިލީހުގެ ޗެމްބަރުގައި ތިބި ސިފައިންގެ ގާނޫނީ ވާޖިބަށް ހުރަސް އަޅައި، ސިފައިންނާ މާރާމާރީ ހިންގި ކަމަށް ބުނެ، އެ މައްސަލައިގެ ތަހުގީގަށް ބަޔާން ނެގުމަށް ކަމަށެވެ. ނަމަވެސް އެ ތުހުމަތު ދޮގު ކުރައްވައި އޭނާ ވިދާޅުވީ ' ދެނަހުރި ކަމެއް ނޫން" ކަމަށެވެ.

" ސިފައިންގެ ވާޖިބަށް ހުރަސްއަޅައި މާރާމާރީ ހިންގި ކަމަށް ޗިޓްގައި އޮތީ. އެކަމަކު އެއީ އަޅުގަނޑު ދެނަހުރި ކަމެއް ނޫން،" ނިޒާރު ވިދާޅުވިއެވެ.


ޖުލައިމަހު މަޖިލީހުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި މެދުހެންވޭރު ދާއިރާގެ އަލީ އާޒިމް އަދި ނޮޅިވަރަމު ދާއިރާގެ ހުސައިން އަރީފަށް ވެސް ވަނީ މާރާމާރީ ގެ ތުހުމަތުކޮށްފަ އެވެ. އެ ތިން މެމްބަރުން ވެސް ވަނީ އެ ތުހުމަތުތަކަށް އިންކާރުކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ގިނަ ޖަލްސާތަކެއް ބާއްވާފައިވަނީ ގިނަ އަދަދެއްގެ ސިފައިން ވައްދައިގެން މަޖިލިސް ކޮންޓްރޯލްކޮށްގެންނެވެ. އެކަމުގެ ތެރޭގައި އިދިކޮޅު މެމްބަރުންނާއި ސިފައިންނާ ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ވެސް ހިނގި އެވެ.