ކުޅިވަރު

ކުލަބަށް ނުކުޅޭ ކީޕަރުން ގައުމީ ޓީމުގައި، ސަބަބު މިއޮތީ!

އޭޝިއަން ކަޕްގައި މި އަންނަ އަންގާރަ ދުވަހު ފަލަސްތީންއާ ދެކޮޅަށް އެ ގައުމުގައި ކުޅޭ މެޗަށް އެކުލަވާލި ގައުމީ ސްކޮޑުން، މިހާރު ކުރިއަށްދާ ދިވެހި ޕްރިމިއާ ލީގްގެ ދެ ވަނަ ބުރުގައި ކުޅުނު އެއްވެސް ކީޕަރަކަށް ފުރުސަތު ދީފައި ނުވެ އެވެ.

ގައުމީ ސްކޮޑާ މެދު އަބަދުވެސް ފާޑު ކިޔާނެ އެވެ. އެއީ ކޮންމެ ގައުމެއްގައިވެސް އޮންނަ ސަގާފަތެކެވެ. ނަމަވެސް، ދެ ވަނަ ބުރުގައި ކުޅުނު އެއްވެސް ކީޕަރެއް ގައުމީ ސްކޮޑްގައި ހިމަފައި ނެތުމުން، މިފަަހަރު ފާޑު ކިޔުން އޮއްސާލީ މާބޮޑަށެވެ.

ފަލަސްތީނާ ދެކޮޅަށް ކުޅޭ މެޗުގައި ޓީމުގެ 11 އިން ފުރުސަތު ދޭނެ ކަމަށް ބެލެވެނީ ނިއު ރޭޑިއަންޓްގެ ކީޕަރު މުހައްމަދު ފައިސަލްއަށެވެ. ދެ ވަނަ ބުރުގައި، އޭނާ ހުރީ ނިއުގެ ރިޒާވް ގޯލްކީޕަރެއްގެ ގޮތުގައި ބެންޗުގަ އެވެ.

ދެން ގޯލްކީޕަރެއްގެ ގޮތުގައި، ހިމަނާފައި ވަނީ ނިއުގެ ތިން ވަނަ ކީޕަރު، އަބްދުﷲ ޒިޔަޒަން އެވެ. ލީގްގެ ދެ ވަނަ ބުރުގައި ނިއުގެ ބެންޗުންވެސް އޭނަ ނުފެނެ އެވެ. ތިން ވަނަ ކީޕަރެއްގެ ގޮތުގައި ހުރީ މާޒިޔާގެ ޒުވާން ކީޕަރު ހުސައިން ޝަރީފެވެ.

ދެ ވަނަ ބުރުގައި، ޓީމުތަކުގައި ކުޅުނު ދިވެހި ފަސް ކީޕަރުންގެ ތެރެއިން ދެ ކީޕަރަކު ހުރީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިގެން ނެވެ. އެއީ ރާއްޖޭގެ އެއް ވަނަ ކީޕަރު، ނިއުގެ އިމްރާން މުހައްމަދާއި ށ. މިލަންދޫގެ ކީޕަރު މުހައްމަދު އިމްރާން (ކުޑަ އިމްރާން) އެވެ.

ލީގްގައި ކުޅުނު އަނެއް ތިން ކީޕަރުންނަކީ، އއ. މާޅޮސްގެ ކީޕަރު އިބްރާހިމް ޒަމީރު އާއި ދ. ކުޑަހުވަދޫ ޓީމުގެ އަބްދުﷲ ޔަޒީދުގެ އިތުރުން ގްރީން ސްޓްރީޓްގެ އަހްމަދު ފައިރޫޒް އެވެ. މީހުންގެ ފާޑު ކިޔުން އަމާޒުވި ހިސާބަކީވެސް މިއެވެ. ދެ ވަނަ ބުރުގައި ކުޅުނު ކީޕަރުން ތިއްބައިމެ، ގައުމީ ޓީމުގެ މުޅި ގޯލްކީޕިން ޑިޕާޓްމެންޓް ދެ ވަނަ ބުރުގައި ނުކުޅޭ ކީޕަރުންނާ ހަވާލު ކުރުމެވެ.

ކީޕަރުން ނެގުމުގައި ހިމެނޭނީ ޓެކްނިކަލް ސަބަބުތައް: އަސްލަމް

ގައުމީ ޓީމަށް ކުޅުންތެރިން ނެގުމުގައި އެންމެ އިސް މީހަކީ ޓީމުގެ ހެޑް ކޯޗް ޑަރެން ސްޓްވާޓް އެވެ. ޓީމުގެ ގޯލްކީޕަރު ޓްރެއިނާ އަސްލަމް އަބްދުރަހީމް ބުނީ ކީޕަރުން ނެގުމުގައި، ޓީމުގެ ކޯޗް އޭނާގެ މަޝްވަރާ ހޯދާ ކަމަށާއި ކޯޗަށް މަޝްވަރާ ދިނުމުގައި ގިނަ ސަބަބުތަކެއް އޭނާ ހިމަނާ ކަމަށެވެ.

"ކީޕަރުންގެ ކަންކަމުގައި ގައުމީ ޓީމާ ހަވާލުވި އެހެން އެއްވެސް ކޯޗެއް މަޝްވަރާ ނުކުރާ ވަރަށް މިހާރުގެ ކޯޗް އަހަންނާ މަޝްވަރާ ކުރޭ، އަހަރެން ފާހަގަ ކުރާ ކަންކަމަށް ކޯޗް ވަރަށް ބޮޑަށް ރިއާޔަތް ކުރޭ" ގައުމީ ޓީމުގައި ގިނަ ކޯޗުންނާއެކު މަސައްކަތް ކުރި އަސްލަމް ބުންޏެވެ. "ކީޕަރުން ނެގުމުގައި، ޓީމުތަކުގެ ތިބި ހުރިހާ ދިވެހި ކީޕަރުންނަށް އަހަރެން ބަލަން އެހުރިހާ ކީޕަރުންގެ ފިޒީކް އާއި ޓެކްނިކް ޓޭކްނިކަލީ އެނަލިސް ކޮށްފަ ކީޕަރުން ނަގަނީ."

އަސްލަމް ބުނީ ޓީމަށް މިވެނި ކީޕަރެއް ނުނަނަގައިގެން ބައެއް އާންމުންނާ ނޫސްވެރިން ކަންބޮޑުވުން ފާޅު ކުރާ ވާހަކަ އޭނާއަށް އަޑު އިވޭ ކަމަށާއި ނަމަވެސް ޓެކްނިކަލް މީހުން ވިސްނާގޮތާއި އެހެން މީހުން ވިސްނާގަޮތް ތަފާތު ވާނެ ކަމަށެވެ.

"ތެދެއް މިތިބީ ދެ ވަނަ ބުރުގައި މެޗު ނުކުޅޭ ކީޕަރުން،" އަވަސް އިން ސުވާލުކުރުމުން ކުރިން ގައުމީ ޓީމަށް ކުޅުނު އަސްލަމް ބުންޏެވެ. "ޓީމުތަކުގެ ހުރިހާ ކޯޗުންނަށް އަހަރެން އިހްތިރާމް ކުރަން، އެ ޓީމެއްގެ ކޯޗަކަށް އެނގޭނީ އެވެނި ކީޕަރަކު މެޗަށް ނުނެރޭ ސަބަބުތައް، އެ ކީޕަރުންނަށް އެ ކުލަބަކުން ފުރުސަތު ނުލިބެނީ ޕާފޯމަންސް ގޯސްވެގެނެއް ނޫން، ފަހަރެއްގައި ވެދާނެ ލީގްގެ މިހާލަތުގެ ގޮތުން ޓީމުގެ އެއްވަނަ ކީޕަރަކަށް އެންމެ އެކަޝީގެންވާ ކީޕަރަކީ އެ ޓީމު ކުޅޭ ގޮތާއި އެކޯޗަކު ކުޅުވަން ބޭނުންވާ ގޮތާ އެންމެ އެކަޝީގެންވާ ކީޕަރަކަށް."

އަސްލަމް ބުނީ ޓީމަށް ކީޕަރުން ނެގުމުގައި "ޓެކްނީކް ޕާފެކްޓް" ކީޕަރުންނަށް ހުރިހާ ކޯޗުންނާއި ގޯލްކީޕިން ކޯޗުން ވެސް ބަލާ ކަމަށެވެ. ޓީމުގައި މިހާރު ހިމެނޭ ކީޕަރުންނަކީ، އެ ކީޕަރުންގެ ޓެކްނީކް އެހެން ކީޕަރުންނަށްވުރެ ރަނގަޅު ކީޕަރުންކަން އޭނާ ޔަގީން ކަން ދެ އެވެ.

"ވަރަށް ގިނަ ބަޔަކު ސުވާލު އުފައްދާ ކީއްވެހޭ މާޒިޔާގެ ޒުވާން ކީޕަރު [ހުސައިން ޝަރީފް] އަށް ފުރުސަތު ދީނީ، އޭނަ އަކީ ކީޕަރެއްގެ ހުންނަން ޖެހޭ ހުރިހާ ކޮލިޓީ އެއް ހުރި އަހަންނަށް އޭނާގެ ފަރާތުން ކުރިމަގެއް އޮތްކަމަށް ފެންނަ ކީޕަރެއް،" އަސްލަމް ތަފްސީލު ކޮށްދިނެވެ.

"ފަހަރެއްގައި އަތޮޅު ތެރޭގެ ޓީމަކަށް އޭނާ [ހުސައިން ޝަރީފް] ގޮސްފިއްޔާ ފުރަތަމަ 11 އިން ފުރުސަތު ލިބިދާނެ ފެންވަރު ހުރި ކީޕަރެއް، ނަމަވެސް އުމުރުން އެންމެ 19 އަހަރުގައި މާޒިޔާގައި އޭނާ ވާދަ ކުރަނީ ސީރިޔާގެ ގައުމީ ޓީމުގެ ކީޕަރާ، ކުރިން ނަމަ ކިރިގިސްތާންގެ އެއްވަނަ ކީޕަރާ."

ނިއުގެ ކީޕަރު ޒިޔަޒަން ނެގުމުގައިވެސް އޭނާ ވިސްނާފައި، ޒިޔަޒަންގެ ހުރި ޓެކްނިކާއި ދެން ތިބި ކީޕަރުންނަށްވުރެ އޭނާގެ ހުރި ހުނަރު ތަފާތު ވުމުން ކަމަށެވެ. އަދި ޒިޔަޒަންވެސް އަތޮޅު ތެރޭގެ ޓީމެއްގެ ހިމެނޭނަމަ ފަސޭހައިން ފުރަތަމަ 11 އިން ޖާގަ ހޯދާނެ ފެންވަރު ހުރި ކީޕަރެއްކަން އަސްލަމް ފާހަގަ ކުރި އެވެ. ފައިސަލް އަކީ ޓީމަށް އަރަން ތިބި ކީޕަރުންގެ ތެރެއިން ލީގްގައި ހުރި އެންމެ އިތުބާރު ބޮޑު ކީޕަރުކަން އަސްލަމް ފާހަގަ ކުރި އެވެ.