ހަބަރު

މައްސަލަ ހައްލުކޮށް އުކުޅަހަށް ކަރަންޓް ދީފި

އއ. އުކުޅަހު އިންޖީނު ގޭގައި އިއްޔެ އަލިފާން ރޯވި ހާދިސާގައި އެރަށުން ކަރަންޓް ކެނޑުނު މައްސަލަ ހައްލު ކުރުމަށްފަހު އަލުން ކަރަންޓް ދީފި އެވެ. އެރަށު އިންޖީނުގޭގައި ރޯވެފައިވަނީ ވެލްޑިން މަސައްކަތެއް ކުރުމުގެ ތެރޭގައި އެވެ.

އުކުޅަހު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ފިރާގު ވިދާޅުވީ، އިންޖީނު ގޭގައި ރަނގަޅަށްހުރި ދެ ޖަނަރޭޓަރު ބޭނުން ކޮށްގެން އިއްޔެ އިރުއޮއްސި 6:30 އެހާއިރު މުޅި ރަށަށް ކަރަންޓް ދީފައިވާ ކަމަށެވެ. އަދި ކަރަންޓްގެ ހާލަތު މިވަގުތު ރަނގަޅު ކަމަށެވެ.

ފިރާގް ވިދާޅުވީ، ސްޓެލްކޯގެ ޓީމުން ކުރި މަސައްކަތުން ރަށަށް ވަރަށް އަވަހަށް ކަރަންޓް ދީފައިވާ ކަމަށާއި ބައެއް ކަހަލަ ޓެކްނިކަލް މަސައްކަތްތައް ކުރުމަށް ކުޑަ ވަގުތު ކޮޅަކަށް ކަރަންޓް ކަނޑާލާނެ ކަމަށް ސްޓެލްކޯއިން ބުނި ނަމަވެސް އަދި ކަނޑާލާފައި ނުވާ ކަމަށެވެ.

"ކަރަންޓް މިވަގުތު ރަނގަޅު، އާންމު ހާލަތައް އައިސް ހުރީ، ފެންވެސް ރަނގަޅަށް ލިބޭ، އަދި ކަރަންޓް މައްސަލައެއް ދިމާ ނުވޭ،" ފިރާގް ވިދާޅުވި އެވެ.

އުކުޅަހު އިންޖީނުގޭގައި އިއްޔެ ރޯވި ހާދިސާގައި އިންޖީނު ގޭގެ ބޮޑު ބައެއްގައި ރޯވެ، ދެ ޖަނަރޭޓަރުވެ ރޯވެފައިވާ ކަމަށެވެ. އަދި މަރާމާތަށްފަހު އިންޖީނު ބޭނުންކުރެވޭނެ ކަމަށް އެ ރަށަށް ކަރަންޓުގެ ހިދުމަތް ދޭ ސްޓެލްކޯ އިން ބުނެފައި ވެއެވެ. އިއްޔެގެ ހާދިސާގައި އިންޖީނުގޭގައި ހުރި ހުރިހާ ތެޔޮ ޓޭންކެއްގައިވެސް ވަނީ ރޯވެފަ އެވެ.