ވިޔަފާރި

ސެމްސަންގް ނޯޓް 8 ދިރާގުން ފްރީ-އޯޑަރަށް ހުޅުވާލައިފި

Nov 8, 2017

ސެމްސަންގް ގެލެކްސީ ނޯޓް 8، ދިރާގުން ފްރީ-އޯޑަރަށް މިއަދު ހުޅުވާލައިފި އެވެ.

ދިރާގުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސެމްސަންގް ގެލެސީ 8 ގެ ފޯނު ނެރެދެއްވީ ސެންސަންގް ކުންފުނީގެ އިސް އޮފިޝަލެކެވެ.

ސެމްސަންގްގެ އެންމެ ފަހުގެ ފޯނު ދިރާގުން ވިއްކުމާ ބެހޭ ގޮތުން، އެ ކުންފުނީގެ ޗީފް މާކެޓިން އޮފިސަރު އިޒަބެލް ހާޖްރީ ވިދާޅުވީ އެ ކުންފުނިން އެންމެ ފަހުގެ ފޯނުތައް ވިއްކަމުންދާއިރު، ކަސްޓަމަރުންނަށް މި ފޯނުތައް ބޭނުން ކުރަން ހާއްސަ ޕްލޭންތައްވެސް ދެމުންދާ ކަމަށެވެ. މިގޮތުން އެ ކުންފުނިން ޕޯސްޓް ޕެއިޑަށް ދާދިފަހުން ގެނެސްފައިވާ ބަދަލުގެ މައްޗަށް އޭނާ އަލިއަޅުއްލެއްވި އެވެ.

ދިރާގުން ސެމްސަންގް 8 ގެ ފޯނު އިންސްޓޯލްމަންޓް އުސޫލުން ނަގާނަމަ ފުރަތަމަ 2،999ރ. ދައްކަން ޖެހެ އެވެ. އަދި 12 ބާރަ މަހަށް ބަހާލައިގެން ފޯނު ދޫކުރާއިރު، މަހަކު 1،059ރ. ދައްކަން ޖެހެ އެވެ. އަދި މި ގޮތަށް ފޯނު ނަގާނަމަ ހަ މަސް ދުވަސް ވަންދެއް ހަ ޖީބީ ހިލޭ ލިބޭނެ އެވެ. އަދި މި ފޯނު އެއްކޮށް ފައިސާ ދައްކާނަމަ ލިބޭނީ 15،499ރ. އަށެވެ.

ދުނިޔޭގެ ބާޒާރަށް ނިކުންނަ، އެންމެ ފަހުގެ ފޯނުތައް ދިރާގުން ދިވެހިންނާ ހަމައަށް ގެނެސްދޭއިރު މި ފޯނު ނެގުމުގެ ފުރުސަތުތައް ރާއްޖޭގެ އެކި ހިސާބުތަކުން ލިބޭނެ އެވެ. މިގޮތުން އޮންލައިންކޮށް ޕްރީ-އޯޑަރުކޮށް، ފައިސާ ދައްކާލުމުން ރާއްޖޭގެ ނުވަ ސަރަހައްދުގައި ހުރި ދިރާގު އޮޕަރޭޝަން ސެންޓަރުތަކުން ފޯނު ލިބޭނެ އެވެ.

ސެމްސަންގް ނޯޓް އަށެއް ވިއްކާއިރު، މި ފޯނާއެކު ހިލޭ ވަޔާލެސް ޖާޖަރެއް ލިބޭނެ އެވެ.