ކުޅިވަރު

ހާއްސަ އެހީއަށް ބޭނުންވާ ކުދިން ދިރާގާއެކު ކުޅިވަރު ދަނޑަށް

Nov 9, 2017

ކުޅެދޭ ކޮންމެ ކުއްޖެކޭ އެއްވަރަށް ނުކުޅެދުންތެރިކަން ހުންނަ ކޮންމެ ކުއްޖަކީވެސް ކުޅިވަރުގެ ދަނޑުގައި ވާދަކޮށް ވަނަތައް ޖަހާލެވޭނެ ބަޔެކެވެ. އެކަމުގެ އެންމެ ފުރިހަމަ މިސާލަކީ ދުނިޔޭގެ އެންމެ ބާރު ފެތުންރުންތެރިޔާ އެމެރިކާގެ މައިކަލް ފެލެޕްސް އެވެ. ގަރުނަކަށް ވުރެ ދުވަސްވީ އޮލިމްޕިކްގެ ދިގު ތާރީހްގައި، އެއް އެތުލީޓަކު ހޯދި އެންމެ ގިނަ މެޑަލް ހުރީ ފެލެޕްސްގެ ހަރުގަނޑުގައެވެ.

ނަމަވެސް މުޅި ދުނިޔެއަށް މަޝްހޫރުވެފައިވާ މައިކަލް ފެލެޕްސްއަކީ އެފެދުމުގައި "އޯޓިޒަމްގެ ސްޕެކްތަރަމް" ހުރި ފަރާތެކެވެ. އޭނާގެ އެންމެ ކުޑައިރުގައި އޯޓިޒަމްގެ އުނދަގޫ ވޭންތަކެއް އުފުލިއެވެ. އެތައް ގޮންޖެހުމެއް އުފިލިއެވެ. ނަމަވެސް އެއީ އޮލިމްޕިކް ތާރީހްގައި އުފެދުނު އެންމެ ކާމިޔާބު އެތުލީޓެވެ. ނުކުޅަދޭ ކުއްޖަކަށް ވުމުން ބައިނަލްއަގްވާމީ ރޭހަށް ނިކުންނަށް ފެލެޕްސްއަކަށް ހުރަހެއް ނެތެވެ. މިއީ މިއަދު ނިމިގެން ދިޔަ ދިރާގް ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލުން ބުނެދިން ވާހަކަ އެވެ.

ދިރާގުން އިސްނަގައިގެން، ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހައްގުގައި މަސައްކަތް ކުރާ މަދަނީ އަދި އިންސާނީ ހިދުމަތުގެ ޖަމްއިއްޔާތަކާއި ސްކޫލް މަދަރުސާތަކާ ގުޅިގެން ބޭއްވި މި ފެސްޓިވަލުން ފެނުނު މަންޒަރުން އަޅުގަނޑުވެސް އިންސްޕަޔާ ވެއްޖެއެވެ. ބައިނަލްއަގްވާމީ ޕެރަ ގޭމްސްތަކުގެ އިތުރުން އޮލިމްޕިކް ފަދަ ދުނިޔޭގެ އެންމެ ވާދަވެރި ކުޅިވަރު މުބާރާތްކުގައިވެސް ނުކުޅެދުންތެރިކަން ހުންނަ ދިވެހި ކުދިންނަށްވެސް ވާދަ ކުރެވިދާނެ ކަމުގެ އުންމީދު އަޅުގަނޑަށްވެސް ލިބިއްޖެ އެވެ. ދިރާގުގެ އެ އިވެންޓާ މެދު އެއްޗެއް ބުނެލަން އަޅުގަނޑު އެދުނީވެސް އެ ހަރަކާތުން އެ އިންސްޕްރޭޝަން އަޅުގަނޑަށް ލިބިގެން ނެވެ. މައިކަލް ފެލެޕްސްގެ މިސާލުވެސް އަޅުގަނޑު ދެއްކީ އެހެންވެއެވެ. އިއްޔެ ހަވިރު ހެންވޭރު ދަނޑުން ފެނުނު މަންޒަރުން ހަމަ ހަގީގަތުގައި ވެސް ހިތްވަރު ލިބުނެވެ.

އެ އިވެންޓުން އެންމެ އަޅައިގަތީ ކޮންމެ ގޭމަކާއެކު އެ ގޭމްގައި ބައިވެރިވާ ކުދިންނަށް ލިބިގެންދާނެ ފައިދާތައް ކިޔައި ދެމުން ގެންދާތީ އެވެ. އެއިން ކޮންމެ ކުޅިވަރަކުން އެ ކުދިންނަށް މެންޓަލީ އަދި ފިޒިކަލީ ލިބިގެންދާނެ ފައިދާ ދިޔައީ ހާމަ ކޮށްދެމުން ނެވެ. ޗެލެންޖް ނަގަން ކެރުމާއި ދޫނުކޮށް ވާދަ ކުރަން ދަސް ވާނެކަން ހާމަވެގެން ހިނގައްޖެ އެވެ.

ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް މިއަހަރުވެސް ދިރާގުން ވަނީ ވާދަ ވެރި ރޭސްތައް ބާއްވާފައެވެ. ސްކޫލްތަކާއި ނުކުޅަދުންތެރިކަން ހުންނަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ 15 މުއައްސަސާއަކުން 300 އެއްހާ ދަރިވަރުން ބައިވެރިވި ފެސްޓިވަލްގައި ދިރާގުން ވަނީ 60 މީޓަރާއި 30 މީޓަރު ހިމެނޭ ދުވުމުގެ ރޭސް ބާއްވާފައެވެ. އެއީވެސް ވާދަވެރިކޮށް ގެންދިޔަ ކުޅިވަރު ތަކެކެވެ. ކުދިންގެ ޓައިމިން އާއި ދުވުމުގެ ސްޕީޑް ދެނެގަނެ ރޭސްތަކުން ވަނަ ހޯދި ކުދިންނަށް މެޑަލް ދެވުނެވެ.

ރާއްޖޭގައި ނުކުޅެދުންތެރިންކަން ހުންނަ ކުދިން ބައިނަލްއަގްވާމީ ވާދަވެރި މުބާރާތްތަކުގައި އަދި މިހާތަނަށް ވާދަ ކޮށްފައި ނުވި ކަމުގައިވިޔަސް، ދިރާގުގެ މިހަރަކާތުން އެކަމަށް ދޮރު ހުޅުވިއްޖެއެވެ. މިއީ އެ ހަރަކާތް ބޭއްވި ހަތް ވަނަ އަހަރެވެ. ދިރާގުގެ މިއިވެންޓުން އާންމުންގެ ސިކުނޑި ހުޅުވިއްޖެ އެވެ.

ނުކުޅަދުންތެރިކަން ހުންނަ ކުދިންނަކީ ކަންކަމުން މަހުރޫމް ވެފައިވާ ބައެއް ކަމަށް ގަބޫލު ކުރާ މީހުން މަދުން ނަމަވެސް އެބައުޅެ އެވެ. މުޖުތަމައުގައި އޮތް "ކަޓް" އެ ވިސްނުން ބަދަލު ކޮށްލާނެ ހަރަކާތަކަށް ދިރާގުގެ އިވެންޓް ވެއްޖެއެވެ. ޓަނަލް ވިސްނުން ދޫކޮށް ފުޅާ ވިސްނުމެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާ މެދު ވިސްނާނެ ސިކުނޑިތަކެއް އުފެދިއްޖެއެވެ. ދިރާގަށް ސާބަހެވެ. ދިރާގާއެކު ބައިވެރި އެންޖީއޯތަކާއި ސްކޫލުތަކަށް ޝުކުރާއި ތައުރީފް ހައްގެވެ.

ފޮޓޯއިން: