ހަބަރު

ޕީޕީއެމްގެ މިލްކުވެރިކަން ވަކި ބަޔަކަށް ނުނެގޭނެ: އެމްޕީ ޝާހް

ޕީޕީއެމްގެ މިލްކްވެރިކަން ވަކި ބަޔަކަށް ނުނެގޭނެ ކަމަށާއި ޕީޕީއެމްއަކީ ވަކި ފިކުރެއްގައި އުފެދުނު ރައްޔިތުންގެ ޕާޓީއެއް ކަމަށް، މަޖިލީހުގެ މެންބަރުކަން ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ރައްޔިތުން މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު އަލީ ޝާހް ވިދާޅުވެއްޖެ އެވެ.

ޝާހްއަކީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލައިގައި ޕީޕީއެމް އިން ސޮއި ކުރި މެންބަރުންގެ ތެރޭގައި ހިމެނިިގެން އެ ޕާޓީ އިން ވަކިކުރުމުގެ ސަބަބުން ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މެންބަރެކެވެ.

އިދިކޮޅު ފަރާތްތަކުން ކުނޫޒުގައި މިހާރު ކުރިއަށް ގެންދާ ޖަލްސާގައި ޝާހް ވިދާޅުވީ، ޑީއާރްޕީ ދެބައިވެ ހިޔާލުތަފާތުވެގެން ރައީސް މައުމޫން އަބުދުލް ގައްޔޫމް އުފެއްދި ޕާޓީއަކީ ޕީޕީއެމް ކަމަށާއި ޕީޕީއެމްގެ އަސާސީ ގަވާއިދު އެކުލަވާލީ އޭރުގެ ގަބޫލުކުރުން ތަކަކީ ރައީސް މައުމޫންގެ ގަބޫލުކުރުންތައް ކަމަށްދެކި އެކަމަށް އެއްބަސްވެގެން ކަމަށެވެ. އަދި އަސާސީ ގަވާއިދު އުފެއްދިއިރު ކައުންސިލްގައި ތިބި ބޭފުޅުންނަށް ކަންކަމުގައި ދެކޮޅު ހެދުމުގެ ފުރުސަތު ލިބުނު ކަމަށާއި ނަމަވެސް ރައީސް މައުމޫން އެއްބަސްވާ ކަންކަމުގައި އެބޭފުޅުން ދެކޮޅު ނުހަދާ ކަމަށެވެ.

ޝާހް ވިދާޅުވީ، އޭރުގައި ތިއްބެވި ބޭފުޅުން ގަބޫލު ކުރީ ރައީސް މައުމޫން އަކީ 30 އަހަރުގެ ސިޔާސީ ބާނީ ކަމަށާއި ނަމަވެސް އެކަން ގަބޫލުކުރި މީހުން މިއަދު މައުމޫންގެ އުސޫލުތަކާއި ހިލާފަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ، ޕީޕީއެމް އުފެދިގެން އައީ ވަކި އުސޫލުތަކެއްގެ މައްޗަށް ކަމަށާއި ނަމަވެސް މިހާރު ތިއްބެވި ބޭފުޅުން އެ އުސޫލުތައް މިއަދު ގަބޫލު ނުކުރައްވާ ކަމަށެވެ.

"ޕީޕީއެމްގެ އޯނާޝިޕް ވަކި ބަޔަކަަށް ނުނެގޭނެ، ޑީއާރްޕީ ދެބައިވެ ހިޔާލު ތަފާތުވެގެން ރައީސް މައުމޫން އުފެއްދި ޕާޓީއަށް ކިޔަނީ ޕީޕީއެމް، ތިބޭފުޅުން ގަބޫލުކުރި 30 އަހަރުގެ ބާނީ ކޮބާތޯ، ތިބޭފުޅުން ގަބޫލު ކުރެއްވި އުސޫލު ކޮބާތޯ،" ޝާހް ވިދާޅުވި އެވެ. "2013 ވަނަ އަހަރު އޮންނާނެ ޕީއޭ ކިޔާ ޕާޓީއެއް، އެ ޕާޓީގެ ހުރިހާ މެންބަރުން ކޮބާތޯ، އޭރުވެސް ބޭނުން ކުރި ފެހި ގާނޫނު އަސާސީ މިހާރުވެސް ބޭނުން ކުރަނީ، އެއްވެސް ބޭފުޅެއްގެ ގޮނޑިއެއް ނުގެއްލޭ. އެބޭފުޅުން އެކުރެއްވި ކަމެއް އެހެން ބަޔަކު ކުރީމަ މައްސަލައަކަށް ވީ،"

ޝާހް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބުގައި އެއް ދާއިރާއަކުން އެންމެ ގިނަ ވޯޓް ސަރުކާރުގެ ކެންޑިޑޭޓަކަށް ހޯދަދިން ލީޑާޝިޕަކީ އެބޭފުޅުން ކަމަށެވެ. ނަަމަވެސް ކުރިއަށް އޮތް އެއްވެސް އިންތިހާބަކުން ފުވައްމުލަކުގެ އެއްވެސް އަވަށަކުން ސަރުކާރަށް މެޖޯރިޓީ ނުލިބޭނެ ކަމަށް ޝާހް ވިދާޅުވި އެވެ.

"މިއަދު ގަޓް ހުރި ކަމަކީ ތިބޭފުޅުންނަށް ރައްޔިތުންނަށް އަނިޔާ ކުރެވުނު ކަމަށް އިހްސާސް ކުރެވި އެކަން ގަބޫލު ކޮށް ރައްޔިތުން ކިބައިން މާފަށް އެދުން، އެއީ ގަޓް ހުރި ގޮތަކީ،" ޝާހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭނާ ސަރުކާރަށް ފެޔަށް ޖެހުނީ އޭނާ ރައްޔިތުންނާ މެދު ކުރި އުންމީދުތަކާ ދެކޮޅަށް މި ސަރުކާރުން މަސައްކަތް ކުރަމުން ދިޔުމުން ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ކޮށްދޭނެ ކަމަށް ބުނި ކަންކަން ހާލިސްވެގެން ނުދާ ކަމަށް ވެސް ޝާހް ވިދާޅުވި އެވެ.