ހަބަރު

އަންނަ އަހަރު އިންތިހާބު ބޭއްވުމާ މެދުވެސް ޝައްކު: މައުމޫން

މި ސަރުކާރުން ކަންކަން ކުރަމުން ދާގޮތަށް ބަލާއިރު އަންނަ އަހަރުގެ ރިޔާސީ އިންތިހާބު އޮންނާނެ ކަމާ މެދު އެއްވެސް ޔަގީންކަމެއް ނެތް ކަމަށް އިދިކޮޅު ކޯލިޝަންގެ އެންމެ މުހިންމު އެއް ބައިވެރިޔާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. މައުމޫން ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ކަށަވަރު ކުރަން ޖެހެނީ މިނިވަން އިންތިހާބެއް ބޭއްވޭނެ ފަދަ މާހައުލެއް ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގައި މައުމޫން ވިދާޅުވީ، އަންނަ އަހަރު ރިޔާސީ އިންތިހާބެއް އޮންނާނެ ކަމާމެދު އެއްވެސް ޔަގީންކަމެއް ނެތް ކަމަށާއި މިހާރު ކަންކަން ކުރަނީ ވަކި ބޭފުޅަކު ބޭނުންވާ ގޮތަށް ކަމަށެވެ. އަދި މިނިވަން އިންސާފްވެރި އިންތިހާބެއް އޮންނާނެ ކަމުގެ ޔަގީންކަން ލިބުމުން އިންތިހާބުގެ ކަންކަމާމެދު މަޝްވަރާ ކުރާނެ ކަމަށް މައުމޫން ވިދާޅުވި އެވެ. އޭގެ ކުރިން ރިޔާސީ އިންތިހާބާ ބެހޭ ގޮތުން މަޝްވަރާ ކުރުމަކީ ބޭކާރު ކަމެއް ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި އިދިކޮޅު ކޯލިޝަނުން މިހާރު އިސްނަގައިގެން ކުރާ ކަމަކީ އަންނަ އަހަރު މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ކުރަން ޖެހޭ މަސައްކަތް ކަމަށް މައުމޫން ވިދާޅުވި އެވެ.

"އަންނަ އަހަރު ރިޔާސީ އިންތިހާބެއް އޮންނާނެ ކަމެއްވެސް ނޭނގެ. ވަކި ބޭފުޅަކު ބޭނުންވާ ގޮތަށް ކަންކަން ކުރަނީ. އަޅުގަނޑުމެން އިންތިހާބަކަށް ދެވޭނީ މިނިވަން އިންސާފްވެރި އިންތިހާބެއް ބޭއްވޭނެ ކަމުގެ ޔަގީންކަން ލިބުނީމަ. އެހެން ނޫނީ އެއީ ބޭކާރު ކަމެއް،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ، އިސްލާހީ މަސައްކަތް ކުރިއަށްދާ ގޮތުން ސަރުކާރުން ކަންބޮޑުވާ ކަމަށެވެ. އަދި ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ވާހަކަ އޮޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން އިންތިގާލީ ރައީސްއެއް ނެރުމާއި ގުޅޭ ގޮތުން ބައްދަލުވުމުގައި މަޝްވަރާ ނުކުރާ ކަމަށް ވިދާޅުވުމުން އެވާހަކައިގެ ތަރުޖަމާ އޮޅުވާލައިގެން ބަޔަކު ކުރަމުން ދާ ކަމަށް މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ، އިންތިގާލީ ކެނޑިޑޭޓެއް ނެރެން އިދިކޮޅު ފަރާތްތަކުން މަޝްވަރާ ކުރަން ނުފަށާ ކަމަށާއި އެއީ ތެދު ހަގީގަތް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެ މަޝްވަރާތައް ފެށުމުން އެކަމާ ގުޅޭގޮތުން އެމަނިކުފާނުގެ ހިޔާލު ހާމަކުރައްވާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އަދި އޭގެ ކުރިން ބަޔަކު މީހުން އެމަނިކުފާނުގެ ވާހަކަ ގޯސްކޮށް ތަރުޖަމާކޮށްގެން އުޅޭތީ އެކަމަށް އެމަނިކުފާނު ޖޯކު ޖެއްސެވި އެވެ.

"ބުނާ ވާހަކައެއް ދިމާ އިދިކޮޅަށް އެބަ ބުނެލާ، އިދިކޮޅު ބޭފުޅުންނާއި ބައްދަލުކޮށް ނިކުންނެވުމުން ނޫސްވެރިއަކު ކުރި ސުވާލަކީ އިންތިގާލީ ކެނޑިޑޭޓަކާ ބެހޭގޮތުން މަޝްވަރާ ކުރިންހޭ ކުރި ސުވާލަކަށް އަޅުގަނޑު ޖަވާބު ދިނީ. މި ބައްދަލުވުމުގައި އިންތިގާލީ ރައީސްއާ ބެހޭގޮތުން ވާހަކައެއް ނުދައްކަން، އެހެން ބުނީމަ އޭގެ މާނަ އެ ކޮށްދެނީ އެބޭފުޅުން، އެހެންވެ މައުމޫން އެބުނީ އިންތިގާލީ ރައީސް އަކަށް މައުމޫން ތާއީދެއް ނުކުރޭ، އެހެން ވީމަ އެއޮތީ ބައިބައި ވެފައޭ، އަޅުގަނޑު ވިދާޅުވީ އެރޭގެ ބައްދަލުވުމުގައި އެވާހަކަ ނުދައްކަވާ ކަމަށް، އޭގެ މާނައަކީ އަޅުގަނޑު އިންތިގާލީ ކެނޑިޑޭޓަކަށް ދެކޮޅު ވާހަކަ އެއްނޫން،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ، ވާހަކަ އޮޅުވާލައިގެން ދެއްކުމުން ދޭހަވާ ކަމަކީ ސަރުކާރުން މި ކޯލިޝަނާމެދު ޖެހިލުންވާ ކަމެވެ. އަދި ވިދާޅުވީ ނުބުނާ ވާހަކައެއް ބުނި ކަމަށް ހަދައިގެން ދެއްކުމުން ދޭހަވާ ކަމަކީ މިއަދުގެ ސަރުކާރު އޮތީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ.