ހަބަރު

"މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށް އިސްލާހުތައް ގެންނާނަން"

ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ވަނީ އިދިކޮޅު ފަރާތްތަކަށް ލިބިފައި ކަމަށާއި މެޖޯރިޓީގެ ބޭނުން ކޮށްގެން މަޖިލީހުގެ ތެރެއިން ގެންނަން ޖެހޭ އިސްލާހުތައް ގެންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން ކުނޫޒްގައި ރޭ ބޭއްވި ޖަލްސާގައި މައުމޫން ވިދާޅުވީ، ގެންނަން ބޭނުންވާ އިސްލާހުތައް ގެންނަން ބޭނުންވަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި އިދިކޮޅު ފަރާތްތައް މަސައްކަތް ކުރަނީ ގާނޫނާ އެއްގޮތަށް ކަންތައްތައް ކުރުމަށް ކަމަށެވެ. އަދި ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ލިބިފައިވާ އެންމެ ބޮޑު ބާރަކީ ރައްޔިތުން މަޖިލީހުގެ އަގުލަބިއްޔަތު ކަމަށާއި އެ އަގުލަބިއްޔަތުގެ ބޭނުން ކޮށްގެން އިސްލާހު ގެންނާނެ ކަމަށެވެ.

މައުމޫން ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ ގޮނޑިއަކާމެދު ޝައްކެއް އުފެދިއްޖެ ނަމަ އެކަން ނިންމާނީ ސްޕްރީމް ކޯޓުން ކަމަށާއި ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ނުބުނާހާ ހިނދަކު އެ މެންބަރެއްގެ ގޮޑިއެއް ނުގެއްލޭނެ ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުގެ 45 މެންބަރުން އިދިކޮޅުގައި ތިބުމުން ގެންނަން ޖެހޭ އިސްލާހުތައް ގެންނަން ފަށާނެ ކަމަށާއި އެކަމާމެދު އެއްވެސް ބޭފުޅަކު ކަންބޮޑު ވާކަށް ނުޖެހޭނެ ކަމަށެވެ.

"ގެންނަން ބޭނުންވާ އިސްލާހުތައް ގެންނަން ބޭނުންވަނީ ގާނޫނީ އިމުގެ ތެރެއިން، އަޅުގަނޑުމެންނަކީ ގާނޫނާ އެއްގޮތަށް ކަންތައް ކުރާ ބައެއް، އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެ ބޮޑު ބާރަކީ ރައްޔިތުން މަޖިލީހުގެ އަގުލަބިއްޔަތު، މަޖިލީހުގެ އަގުލަބިއްޔަތު ވަނީ ލިބިފަ، 85 މެންބަރުންގެ ތެރެއިން 45 މެންބަރުން ވަނީ އަޅުގަނޑުމެންނަށް ސޮއި ކޮށްފަ، ބާރުގެ ބޭނުންތައް ކޮށްގެން އިސްލާހުގައް ގެނެވޭނެ، އެކަމާ ދޭތެރޭގައި ކަންބޮޑުވާނެ ކަމެއް ނެއް،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓި އިދިކޮޅަށް ލިބި ގެންނަން ޖެހޭ އިސްލާހުތައް ގެންނާނެ ކަމުގެ ބިރު ހީވުމުން ސަރުކާރުން ގާނޫނީ ފިޔަވަޅު އަޅައި ސަލާމަތީ ބާރުތައް މަޖިލީހަށް ފޮނުވައި ހުރަސް އެޅީ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތައް ހައްޔަރުކޮށް ޝަރީއަތަށް މައްސަލަ ހުށަހެޅީ ސަރުކާރަށް އޮތް ބާރު ކުޑަވުމުން ކަމަށާއި މަޖިލީހުގެ ތެރެއިން އެބޭފުޅުންނަށް ކަމެއް ކުރެވެން ނެތްކަން އިނގުނީމަ ކަމަށް މައުމޫން ވިދާޅުވި އެވެ.

މައުމޫން އިތުރަށް ވިދާޅުވީ، ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ކުރިން ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި މަޖިލީހުގެ މެޖޯރިޓީ ބޭނުން ކޮށްގެން ހުރިހާ ކަމެއްވެސް ކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ، 45 މެންބަރުން ބޭނުން ކޮށްގެން ގެންނަން ޖެހޭ އިސްލާހުތައް ގެންނާނެ ކަމަށާއި އެ އިސްލާހުތައް ނުގެނެސް ރިޔާސީ އިންތިހާބަކަށް ތައްުޔާރުވުމުގެ ބޭނުމެއް ނެތްް ކަމަށް މައުމޫން ވިދާޅުވި އެވެ.

"މަޖިލީހުގެ މެޖޯރިޓީ ބޭނުން ކޮށްގެން ހުރިހާ ކަމެއްވެސް ކުރެވޭނެ، 45 މެންބަރުން ބޭނުން ކޮށްގެން އިސްލާހުތައް ގެންނަން ޖެހޭ، އެ އިސްލާހުތައް ނުގެނެސް ރިޔާސީ އިންތިހާބަކަށް ތައްުޔާރުވުމުގެ ބޭނުމެއް ނެއް، މިހާރު މިއޮތް ސަރުކާރު އޮވެގެން މިހާރު މިއޮތް އީސީ އޮވެގެން ކިހިނެއްތޯ އިންސާފުވެރި ރިޔާސީ އިންްތިހާބެއް ބާއްވާނީ،" މައުމޫން ވިދާޅުވި އެވެ.