ކުޅިވަރު

ފަލަސްތީނުގެ މެޗަށް އަތޮޅު ޓީމުތަކުގެ ކުޅުންތެރިން ތައްޔާރެއް ނޫން

އުނދަގޫ ބޮޑު މާހައުލެއްގައި ފަލަސްތީނު ފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް މިނިވަން ޗެމްޕިއަންޝިޕްގައި ހިމެނޭ ޓީމުތަކުގެ ކުޅުންތެރިންނަށް ގައުމީ ޓީމުން ޖާގަ ދޭ ފެންވަރަށް އަދި އެކުންތެރިން ތައްޔާރު ނުވާ ކަމަށް ގައުމީ ޓީމުގެ ހެޑް ކޯޗް ޑަރެން ސްޓްވާޓް ބުނެފި އެވެ.

އޭނާ ބުނީ ދިވެހި ޕްރިމިއާ ލީގުން މިނިވަން ޗެމްޕިއަންޝިޕް ޓީމުތައް ނުވަތަ އަތޮޅުތަކުގެ ޓީމުތަކުން ފުރުސަތު ދިނުމަކީ ވަރަށް ފުރިހަމަ ހިޔާލެއް ކަމަށާއި ނަމަވެސް ލީގްގައި ކުޅޭ ފުރަތަމަ އަހަރުން ގައުމީ ޓީމުގައި ހިމެނޭ ފެންވަރަށް އެ ކުޅުންތެރިން އަދި ތައްޔާރު ނުވާ ކަމަށެވެ.

"އަހަންނަށް ހީވަނީ ލީގްގައި އަތޮޅު ޓީމުތަކަށް ފުރުސަތު ދިނީ ހަމަ އެންމެ ފުރަތަމަ ފަހަރުން އެ ކުޅުންތެރިން ގައުމީ ޓީމަށް ގެނައުމަކަށް ނޫންހެން،" ކޯޗް ބުންޏެވެ. "ހައްސަކޮށް ފަލަސްތީން ކަހަލަ އުނދަގޫ މާހައުލެއް އޮތް ގައުމެއްގައި ވަރުގަދަ ޓީމެއް އޮތް އެގައުމާ ދެކޮޅަށް ކުޅޭ މެޗަކަށް ގައުމީ ޓީމަށް ނަގާ ވަރަކަށް އެކުޅުންތެރިން އަދި ތައްޔާރެއް ނުވޭ."

ސްޓްވާޓް ބުނީ އަތޮޅު ޓީމުތަކުގެ ކުޅުންތެރިންގެ ތެރެއިން ފާހަގަ ކުރެވޭ 10 ކުޅުންތެރިން އޭނާ އަށް ފެނިފައިވާ ކަމަށެވެ. އަދި އެ ކުޅުންތެރިންނަށް ފުރަތަމަ ޑިވިޝަންގެ ކުލަބުތަކުން ފުރުސަތު ދޭނެ ކަމަށް އޭނާ އުންމީދު ކުރާ ކަމަށެވެ.

"ބައެއް މީހުން ހީކޮށްފާނެ ރަށްރަށުގެ ޓީމުތަކަށް އަހަރެން އިހްތިރާމެއް ނުކުރެޔޭ، ނޫން، އެ ޓީމުތައް ކުޅުނު ހުރިހާ މެޗެއް ކަހަލަ ގޮތަކަށް އަހަރެން ބެލިން އެ ޓީމުތަކުން އަހަންނަށް ފާހަގަ ކުރެވުނު 10 ކުޅުންތެރިޔެއްގެ ނަންވެސް ދީފާނަން،" އޮސްޓްރޭލިއާ އަށް ނިސްބަތްވާ ސްޓްވާޓް ބުންޏެވެ.

"އެ ކުޅުންތެރިން ފުރަތަމަ ޑިވިޝަންގެ ކުލަބުތަކަށް ގެނެސް ފުރުސަތުދީ ޕާފޯމް ކުރަން ފެށުމުން ދެން އެ ކުޅުންތެރިން ގައުމީީ ޓީމަށް ނަގާ ފެންވަރަށް އާދެވިދާނެ."

އޭނާ ބުނީ ބޫޓާން ފަދަ ކުޅެން ފަސޭހަ ޓީމަކާ ދެކޮޅަށް މާލޭގައި ކުޅޭ މެޗުގައި އަތޮޅު ޓީމުތަކުގެ ހިމޭނެ ކުޅުންތެރިޔަކަށް ވެސް ފުރުސަތު ދިނުމުގައި ރިއާޔަތް ކުރެވިދާނެ ކަމަށާއި ނަމަވެސް ފުރަތަމަ ފަހަރުން އޭނާ އެކަން ނުކުރާނެ ކަމަށެވެ.

"އެ ކުޅުންތެރިންނަށް ބޫޓާންއާ ދެކޮޅަށް މާލޭގައި ކުޅޭ މެޗުން ފުރުސަތު ދިނުމަކީ އަހަންނަށް ބަލައި ގަނެވޭނެ ސަބަބެއް އޮތް ކަމެއް،" ކޯޗް ބުންޏެވެ.

"[އިސްމާއިލް މަހްފޫޒް] އިންމަ އެސިސްޓެންޓް ކޯޗަކަށް ހުރި އިރު އަހަރެމެން މަޝްވަރާ ކުރިން މާލޭގައި އޮމާންއާ ދެކޮޅަށް ކުޅުނު މެޗަށް ނެގި ސްކޮޑުން ރަށްރަށުގެ ޓީމުތަކުގެ ކުޅުންތެރިންނަށް ފުރުސަތު ދިނުމާމެދު، ނަމަވެސް އަހަރެމެންނަށް އެއްބަސް ވެވުނީ އޮމާން އަތުން އެގައުމުގައި 5-0 ން ބަލިވެފައި ވުމުން އެ މެޗަކީވެސް އުނދަގޫ މެޗަކަށް ވާނެތީ އެއީ އެންމެ ރަނގަޅު ހިޔާލެއް ނޫން ކަމަށް."

ޓީމުގެ ގޯލް ކީޕަރުންނަށް ފުރުސަތު ދިނުމުގައި ދިވެހި ލީގް ދެ ވަނަ ބުރުގައި ކުޅެފައިވާ އެއްވެސް ކީޕަރަކަށް ޓީމުން ފުރުސަތު ދީފައެއް ނުވެއެވެ. އެކަމާ ގުޅިގެން ޓީމަށް ފަޑު ކިޔުން އަމާޒުވި އެވެ.

ޓީމުގެ ގޯލްކީޕަރު ޓްރެއިނާ އަސްލަމް އަބްދުރަހީމް ބުނީ ކީޕަރުން ނެގުމުގައި އޭނާ ވިސްނީ ކުރު މުއްދަތެއްގައި ޓެކްނިކަލީ ކުރިއެރުން ހޯދައިގެން މެޗަށް ނިކުމެވޭނެ ފެންވަރު ހުރި ކީޕަރުންނަށް ފުރުސަތު ދިނުމަށް ކަމަށެވެ.