ހަބަރު

އެޕޮއިންޓްމަންޓާ ނުލާ ޑޮކްޓަރަށް ދެއްކޭނެ ގޮތް ހުޅުމާލެ ހޮސްޕިޓަލުން

އެޕޮއިންޓްމެންޓް ހެއްދުމަކާނުލައި ޑޮކްޓަރަށް ދެއްކޭނެ ގޮތް ހުޅުމާލެ ހޮސްޕިޓަލްގައި ހަމަޖައްސާފައިވާ ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.

އާސަންދަ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ ކުންފުނިން ހިންގަމުން އަންނަ ހުޅުމާލޭ ހޮސްޕިޓަލްގެ ހިދުމަތް ރަނގަޅުކޮށް އެ ހޮސްޕިޓަލް އިތުރަށް ތަރައްގީ ކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ދަށުން އިއްޔެ ޓްރައިއޭޖް ހިދުމަތް ހުޅުމާލެ ހޮސްޕިޓަލްގައި ފަށާފައިވާ ކަމަށެވެ.

އާސަންދަ ކުންފުނިން ބުނީ، އެ ހިދުމަތުގެ ދަށުން ސްޕެޝަލިސްޓް ޑޮކްޓަރެއްގެ އެޕޮއިންޓްމަންޓެއް ނެތި ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް ދާ ބަލިމީހުންގެ ބަލީގެ ހާލަތު ވަޒަންކޮށް އައުޓްޕޭޝަންޓް ޑިޕާޓްމެންޓަށް ނުވަތަ އިމަޖެންސީ ރޫމަށް ރިފާ ކުރާނީ މި ހިިދުމަތުގެ ދަށުން ގާއިމް ކޮށްފައިވާ ޓްރައީއޭޖް ކައުންޓަރުން ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގަމުން އަންނަ އާސަންދަ ކުންފުނިން ވަނީ މިދިޔަ މަހު އެ ހޮސްޕިޓަލްގައި އޮންކޮލޮޖީ ސެންޓަރެއް ހުޅުވައި ކެންސަރަށް ފަރުވާދޭން ފަށާފަ އެވެ.