ހަބަރު

ބްރިޖްގެ ބީމްތައް ގެނައުން މަސްދުވަހަށް ލަސްވެއްޖެ

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ސްޓީލް ބޮކްސް ގާޑާ ބީމްތައް އަންނަ އަހަރުގެ ޖެނުއަރީ ނިމުމުގެ ކުރިން ރާއްޖެ ގެންނާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. މުއިއްޒު ކުރިން ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން އެ ބީމްތައް ރާއްޖެ ގެނެވޭނެ ކަމަށެވެ.

ބޮކްސް ގާޑާއި ބީމަކީ ބްރިޖްގެ ތަނބުތަކުގެ ދެމެދުގެ ހުސްތަނުގެ ދޭތެރޭގައި ހުންނަ ބައެކެވެ. އެ ބީމްތައް އުފައްދައިގެން ގެންނަން ނިންމާފައިވަނީ ޗައިނާ އިންނެވެ. މުއިއްޒު ވިދާޅުވީ ސްޓީލް ބޮކްސް ގާޑާ ބީމް ޗައިނާއިން ތައްޔާރުކޮށްގެން ގެންނަން ނިންމީ އޭގެ ކޮލިޓީ އާއި ފެންވަރު ރަނގަޅު ކުުރަން ކަމަށެވެ.

މާލެ ހުޅުލެ ގުޅުވައިދޭ ބްރިޖްގެ މައި ތިން ތަނބުގެ މެދުން ސްޕޭނަށް ތިން ބޮކްސް ގާޑާ ބީމް ތައްޔާރުކުރަން ޖެހެ އެވެ. އެގޮތުން 50 މީޓަރުގެ ދެ ގާޑާ ބީމާއި 22 މީޓަރުގެ ގާޑާ ބީމެއް އުފައްދާނެ އެވެ.

އެ ބީމްތައް ގެނެވޭއިރު ތަނބުތަކުގައި ކުރަންޖެހޭ ކޮންކްރީޓް މަސައްކަތްތައް ނިންމާ ލެވޭނެ ކަމަށާއި ތަނބުތަކުގެ ކޮންކްރީޓް ވީޕިއާތަކުގެ މަސައްކަތް މިހާރު ފަށާފައިވާ އިރު އެ މަސައްކަތް މިދިޔަ މަހުގެ ތެރޭގައި ނިންމާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

އެމަސައްކަތް ނިމުމުން ކޮންމެ ތަނބަކުން ދެކޮޅަށް ސަސްޕެންޑެޑް ބާސްކެޓްތަކެއް ހަރުކޮށް ކޮންކްރީޓް މަސައްކަތްތައް ބައިބަޔަށް ކުރިއަށް ގެންދާނެ އެވެ.

ބްރިޖްގެ މާލޭ ކޮޅުންނާއި ހުޅުލޭ ކޮޅުންވެސް ސްޕޭން ޑެކްގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށާއި އެ މަސައްކަތް އަންނަ ނޮވެމްބަރު މަސް ފެށޭއިރު 150 މީޓަރު ދިގު މިނުގެ ކޮންކްރީޓް ޑެކް ހަދާ ނިމޭނެ ކަމަށެވެ. އަދި ބްރިޖްގެ ހުރިހާ މަސައްކަތެއް ވެސް ކުރިއަށް ދަނީ ޝެޑިއުލާ އެއްގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިޔަށް ގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހު އެވެ.