ހަބަރު

އާދިއްތަ ދުވަހު ކުޅުދުއްފުށީ މަގުތައް ހަދަން އަލުން ފަށަނީ

ހދ. ކުޅުދުއްފުށީގެ މަގުތަކުގެ ތާރު އެޅުމުގެ މަޝްރޫއު މެދުކެނޑިފައި އޮތުމަށްފަހު އަންނަ އާދިއްތަ ދުވަހު އަލުން ފަށާނެ ކަމަށް އެ މަސައްކަތް ކުރިއަށް ގެންދާ މޯލްޑީވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ބުނެފި އެވެ.

މެދުކަނޑާލިއިރު މަސައްކަތް ކުރަމުންދިޔައީ އެ ރަށު ކަނބޯރަނި ހިނގުމުގަ އެެވެ. އެމްއާރްްޑީސީން ކުރިން ބުނީ އެ މަސައްކަތް ހުއްޓުނީން ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށާއި ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލާނެ ކަމަށެވެ. އެ މަޝްރޫއަށް 60 މިލިއަނަށްވުރެ ގިނަ ފައިސާ ހަރަދުވާނެ ކަމަށް އެކުންފުނިން ބުނެ އެވެ.

ތާރު އަޅާ ރަނގަޅު ފެންވަރަކަށް މަގުތައް ހެދުމުން މަގުތަކުގައި ފެން ހެދޭ މައްސަލައަށް ހައްލެއް އަންނާނެ ކަމަށް އެކުންފުނިން ބުންޏެވެ.

ކުޅުދުއްފުށީގައި ތާރު އެޅުމަށް ނިންމާފައިވަނީ 18 މަގެއްގަ އެވެ. އޭގެ ތެރެއިން އަދި ތާރު އަޅާފައިވަނީ މަދު މަގެއްގަ އެވެ. ތާރު އެޅި މަގުތައް ވެސް އެއްކޮށް ނިމިފައެއް ނުވެ އެވެ.

ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫއަކީ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި 2010 ވަނަ އަހަރު ފެށި މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން އެ ރަށުގެ ބޮޑު މަގު ކަމަށްވާ އަމީނީ މަގުގައި ތާރު އަޅާ ނިންމާފައިވަނީ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ. އެެހެން މަގުތަކުގެ މަސައްކަތް ވެސް އޭރު ފެށި ނަމަވެސް މަސައްކަތް ކުރިއަށް ނުގޮސް އޮވެ، ބާރު ސްޕީޑްގައި މަސައްކަތް ފަށައިގަތީ މި އަހަރުގެ މެދެއްހާތާ އެވެ.