ރާއްޖެ އާއި ސްރީލަަންކާ އަކީ އަބަދުވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ގައުމު ކަމަށާއި އެ ގުޅުން ހަލާކުކޮށްލާ އެގުޅުމަށް ހުރަސް އެޅުމުގެ ހައްގެއް އެއްވެސް މީހަކަށް ނޯންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ލަންކާ އަކީ ރާއްޖެ އާ ގާތް އަދި އިތުބާރު ހިފޭ ގައުމެއް ކަމަށެވެ.
މައުމޫން މިހެން ވިދާޅުވެފައިވަނީ މިދިޔަ ބުދަ ދުވަހު ޕީޕީއެމުން ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ވިލުފުށީ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތުގައި އެހީތެރިވެ، އެކަމުގެ އަޑީގައި އޮތީ ސްރީ ލަންކާ ސަރުކާރު ކަމަށް ވިދާޅުވެ އެ ގައުމަށް ފާޑު ވިދާޅުވުމުން ރިޔާޒަށް ރައްދު ދެއްވަމުންނެވެ.
ރިޔާޒް ވިދާޅުވީ ވެރިކަން ވައްޓާލަން އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ލަންކާއިން އެހީތެރިވެދޭ ކަމަށާއި އެއީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި މީގެ ކުރިންވެސް ރާއްޖޭގެ ވެރިކަން ވައްޓާލަން ދިވެހިން ލަންކާއާ ގުޅިގެން މަސައްކަތް ކުރިކަން ތާރީހުން އެނގޭ ކަމަށާއި މިއަދުވެސް ފެނިގެންދަނީ ހަމަ އެ މަންޒަރު ކަމަށެވެ.
ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭސްފަރުވާއަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވުމަށްފަހު ދޭތެރެ ދޭތެރެއިން ސްރީލަންކާއަށް ވަޑައިގެން އެމްޑީޕީ އަދި ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވަ އެވެ.