ކުޅިވަރު

ސެނަގާލް އަލުން ވޯލްޑް ކަޕަށް

Nov 11, 2017

ދެކުނު ކޮރެއާ އާއި ޖަޕާންގައި 2002 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި، އޭގެ ކުރީގެ ޗެމްޕިއަން ފްރާންސް ގުރޫޕް ސްޓޭޖުން ކަޓުވާލައި ކްއާޓާ ފައިނަލާ ހަމަޔަށް ދަތުރު ކުރި ސެނަގާލް އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައި ވެއްޖެ އެވެ.

އެފްރިކާ ސަރަހައްދުގެ ވޯލްޑް ކަޕް ކޮލިފައިންގެ ގުރޫޕް "ޑީ" ގައި ރޭ ދެކުނު އެފްރިކާއާ ދެކޮޅަށް ސެނަގާލް މޮޅުވީ 2-0 ން ނެވެ. މި ނަތީޖާއާ އެކު 2010 ވަނަ އަހަރުގެ ވޯލްޑްކަޕް ބޭއްވި ދެކުނު އެފްރިކާ ވަނީ ކަޓާފަ އެވެ.

އެފްރިކާގެ ޕީޓާސްބާގް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ސެނަގާލްއަށް ކާމިޔާބު ކޮށްދިނީ ވެސްޓްހަމްގެ ސްޓައިކާ ޑިއަފާ ސަކޯ އެވެ. މެޗުގެ 12 ވަނަ މިނެޓްގައި އޭނާ ލަނޑު ޖެހީ ލިވަޕޫލްގެ ސެޑިއޯ މާނޭ ތަނަވަސް ކޮށްދިން ފުރުސަތަކުން ނެވެ. ސެނަގާލްގެ ދެ ވަނަ ލަނޑަކީ އެފްރިކާގެ ތަމްސަންކް މަކީޒީ (ޓޮމީ) އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ގުރޫޕްގެ އެއް ވަނައިގައި ސެނަގާލް އޮތީ، 11 ޕޮއިންޓާއެކު ފަސް ޕޮއިންޓްގެ ލީޑެއްގަ އެވެ. އެ ޓީމާ އެންމެ ކައިރިން އޮތް ބުރުކީނާ ފާސޯއަށް ލިބިފައި ވަނީ ހަ ޕޮއިންޓެވެ. އެ ޓީމަށް ބާކީ އެއް މެޗު އެބައޮތެވެ.

ސެނަގާލްގެ ކޯޗަކަށް ހުރި އަލިއު ސީސް އަކީ، 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޓީމުގެ ކެޕްޓަނެވެ. ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ވޯލްޑް ކަޕްގައި ހޯދި ފަދަ ކާމިޔާބެއް، ކޯޗެއްގެ ގޮތުގައި އަންނަ އަހަރު ވޯލްޑްކަޕްގައި ހޯދުމަކީ ކުރީގެ މިޑްފީލްޑަރުގެ އުންމީދެކެވެ.