ހަބަރު

އިންތިގާލީ ކެނޑިޑޭޓަކަށް ތާއީދު ކުރަން އަދާލަތުން އެއްބަސްވެއްޖެ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގުޅިފައިވާ އިދިކޮޅު ފަރާތްތަކާއެކު ކޯލިޝަނެއްގެ ގޮތުގައި އިންތިހާބަށް ނިކުތުމަށް އެއްބަސްވާ ކަމަށް އަދާލަތު ޕާޓީން އިން ނިންމައިފި އެވެ.

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މިއަހަރުގެ 20 ވަނަ ބައްދަލުވުމުގައި އެ ޕާޓީން ނިންމާފައިވަނީ 2018 އަދި 2019 ވަނަ އަހަރުގެ އާންމު އިންތިހާބު ތަކުގައި ގުޅިފައިވާ ސިޔާސީ ފަރާތްތަކާ އެކު ގުޅިގެން ކުރިއަށް ދިއުމަށެވެ.

އަދާލަތު ޕާޓީން އެގޮތަށް ނިންމިއިރު އިންތިގާލީ ކެނޑިޑޭޓަކަށް ތާއިދުކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވާހަކަ ދައްކަވާފަ އެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭގޮތުން މައުމޫން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓެއް ނެރެ އިންތިގާލީ ސަރުކާރެއް ގާއިމް ކުރުމާ މެދު މަޝްވަރާ ކުރަން އަދި އަވަސް ކަމަށެވެ.

އަދާލަތު ޕާޓީން މިއަދު ނެރުނު ގަރާރެއްގައި ބުނެފައިވަނީ ގާނޫނު އަސާސީގެ ދަށުން ގާއިމްކޮށްފައިވާ ވެރިކަން ހިންގުމުގެ ނިޒާމް ރޫޅާލައި، ސަރުކާރުން ގާނޫނާ ހިލާފަށް ގާނޫނު ހެދުމުގެ ބާރުގެ ތެރެއަށް ވަދެ، ރައްޔިތުންގެ މަޖިލީހުގެ ކަންކަން ހުއްޓުވާ، ޝަރީއަތަށް ބާރު ފޯރުވާ، މިނިވަން މުއައްސަސާތަކާއި ސަލާމަތީ ބާރުތަކުގެ ތެރެއަށް ވަދެ މިނިވަން ޖުމްހޫރީ ވެރިކަމެއްގެ ސިފަތައް ދިވެހިންގެ ތެރެއިން ނިގުޅައިގެންފައިވާތީ، ދިވެހި ގައުމާިއ ރައްޔިތުން އިސްކޮށް ދައުލަތުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު އަލުން އަނބުރާ އިއާދަކުރުމަށްޓައި އިދިކޮޅު ފަރާތްތަކާއެކު ގުޅިގެން އެއްބަސްވެވޭ ޝަރުތުތަކާއެކު ކުރިއަށް ދިއުމަށް އިގުރާރުވާ ކަމަށެވެ.

އަދި ވެރިކަން ހިންގުމުގެ އެންމެ ނިޒާމުގައި ކަނޑައަޅާފައިވާ އެންމެ އަސާސީ ރުކުނަކީ އިންސާފުވެރި އިންތިހާބަކަށްވާތީ، ހާމަކަންބޮޑު ދެފުށް ފެންނަ އިންސާފުވެރި އިންތިހާބެއް ދިވެހިންނަށް ފޯރުކޮށްދެވޭނެ މަގުތައް ސަރުކާރުން ބަންދުކޮށްފައިވާ ކަމަށާއި، ރައްޔިތުންގެ އެދުމާ ދިމާ އިދިކޮޅަށް ސަރުކާރު ހިންގާ ފަރާތްތަކުން ދައުލަތުގެ ބާރުތަކުގެ މައްޗަށް އަތް ގަދަ ކުރަމުންދާ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ނެރޭނެ ކެނޑިޑޭޓެއް އަދި އިއުލާނެއް ނުކުރެ އެވެ.