ބޮލީވުޑް

އެންގޭޖްވި ވާހަކަ ސޯނަމް ދޮގުކޮށްފި

Nov 12, 2017

މަޝްހޫރު ބަތަލާ ސޯނަމް ކަޕޫރު ވިޔަފާރިވެރިއެއް ކަމަށްވާ އާނަންދް އަހޫޖާއާ ލޯބީގެ ގޮތުން އުޅޭކަން ރަސްމީކޮށް ހާމަނުކުރިޔަސް އޭނާގެ ސޯޝަލް މީޑިއާގައި އާނަންދާ ލޯބީގެ ގޮތުން ގުޅުމެއް އޮންނަކަން ދައްކަނީ ވަރަށް ފާޅުގަ އެވެ.

މި އަހަރުގެ ތެރޭގައި ސޯނަމާއި އާނަންދް ކައިވެނިކުރާނެ ކަމުގެ ވާހަކަތައް ދެކެވުނަސް އެ ވާހަކަތަކާ ގުޅޭގޮތުން ސޯނަމް އެއްވެސް ވާހަކައެއް ނުދެެއްކުމުން އެ ވާހަކަތައް ވެސް ހިނދުނީ އެވެ.

އަނެއްކާ ވެސް ސޯނަމް ކައިވެންޏަށް ތައްޔާރުވަމުން އަންނަ ކަމަށް ވާހަކަދެކެވޭއިރު، އަންނަ ޖެނުއަރީގެ ތެރޭގައި ސޯނަމް އާއި އާނަންދް އެންޖޭޖްވާން ތައްޔާރުވަމުން އަންނަ ކަމަށްވެ އެވެ.

ނަމަވެސް މިފަހަރު ވެސް ކައިވެނިކުރަން އުޅޭކަމުގެ ވާހަކަތަކަކީ ދޮގެއް ކަމަށް ސޯނަމް ވަނީ ބުނެފަ އެވެ. ސޯނަމް ވަނީ އަވަސް މުސްތަގުބަލެއްގައި ކައިވެނިކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި މިހާރު ހުރިހާ ވަގުތެއް ދޭން ބޭނުންވަނީ މަސައްކަތަށް ކަމަށް ބުނެފަ އެވެ.

މިހާތަނަށް ވެސް އާނަންދާ ދެމެދު އޮންނަ ގުޅުމާ ބެހޭގޮތުން ސޯނަމް އެއްވެސް ވާހަކައެއް ދައްކާފައިނުވާއިރު އޭނާ ވަނީ މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅުނަސް ނުވަތަ ނޫޅުނަސް އެކަމުގެ އެއްވެސް ވާހަކައެއް މީޑިއާގައި ނުދައްކާނެ ކަމަށް ބުނެފަ އެވެ.

ސޯނަމްގެ އާއިލާގެ އެކި ހަފްލާތަކުގައި ވެސް އަނަންދް ފެންނަލެއް ގިނަވެފައިވާއިރު، މި ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަހަރަކަށް ވުރެން ގިނަ ދުވަސްވެދާނެ ކަމަށްވެ އެވެ. ސޯނަމް އިންޑިއާއިން ބޭރަށް ކުރާ ހުރިހާ ދަތުރެއްގައި އޭނާ އާއެކު އާނަންދް ބައިވެރިވެ އެވެ.

ސޯނަމްގެ އާއިލާ އަށް ވެސް އާނަންދް ވަރަށް ކަމުދާއިރު، ސޯނަމްގެ ބައްޕަ އަނިލް ކަޕޫރު އެދެމީހުން އަވަހަށް ކައިވެނިކުރާން ބާރުއަޅާ ކަމަށްެ އެވެ.

ސޯނަމް މިހާރު އަންނަނީ އޭނާގެ ދައްތަ ރީއާ ކަޕޫރާއި އެކްތާ ކަޕޫރު ގުޅިގެން ޕްރޮޑިއުސްކުރާ "ވީރޭ ދި ވެޑިން" ކުޅެމުންނެވެ. ބަތަލާއިންނަށް ހާއްސަކޮށްގެން އުފައްދާ މި ފިލްމުގައި ސޯނަމާ އެކު ފެނިގެންދަނީ ކަރީނާ ކަޕޫރާއި ސްވަރާ ކަޕޫރާއި ޝިކާ ޓަލްސާނިއާ އެވެ.