ހަބަރު

ރައީސް ކުޅުދުއްފުއްޓަށް ވަޑައިގެންފި

ހދ. ކުޅުދުއްފުއްޓަށް ރައީސް އަބްދުﷲ ޔާމީން ވަޑައިގެންފި އެވެ. އެމަނިކުފާނު ކުޅުދުއްފުއްޓަށް ވަޑައިގެންނެވީ މިއަދު ހަވީރު، އެ ރަށުގައި އެއާޕޯޓް އެޅުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފާއިވާއިރު އެ މަޝްރޫއު މިއަދު ރައީސް އިފްތިތާހުކޮށްދެއްވާނެ އެވެ. އެމްޓީސީސީއިން ބަނދެގެން ގެނެސްފައިވާ މަހާ ޖައްރާފު ވެސް ރައީސް ޔާމީން އިފްތިތާހުކޮށްދެއްވާނެ އެވެ.

މީގެއިތުރުން މިރޭ އެ ރަށުގައި ބާއްވާ ޕީޕީއެމްގެ ހަވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވެސް ރައީސް ބައިވެރިވަޑައިގަންނަވާނެ އެވެ. އެ ޖަލްސާގައި އެ ރަށުގެ ގިނަ ރައްޔިތުންތަކެއް ބައިވެރިވާނެ ކަމަށް ޕީޕީއެމްއިން ވަނީ ބުނެފަ އެވެ.

މިއީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން ކުޅުދުއްފުއްޓަށް ވަޑައިގަންނަވާ ދެވަނަ ފަހަރެވެ. އެ ރަށުގެ އެއާޕޯޓަކީ ރައީސް ޔާމީންގެ މެނިފެސްޓޯގައި ހިމަނާފައިވާ ރިޔާސީ ވައުދެކެވެ.