ހަބަރު

"ކުޅިން ނުހިއްކާ 70 ޕަސެންޓުން އިގްތިސޯދީ ފައިދާ ހޯދާނަން"

ހދ. ކުޅުދުއްފުށީގައި އަޅާ އެއާޕޯޓް ހިއްކަން ބޭނުންވާ ބިން ހިއްކުމަށް އެ ރަށު ކުޅިން ބޭނުން ކުރާނީ 30 ޕަސެންޓް ކަމަށާއި ބާކީ އޮންނަ 70 ޕަސެންޓް ބޭނުން ކުރާނީ އެހެނިހެން އިގްތިސޯދީ ފައިދާ ހޯދުމަށް ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުން އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ކުޅި ހިއްކައިގެން އެއާޕޯޓެއް އަޅާތީ އިދިކޮޅު ގިނަ ފަރާތްތަކަކުން ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުން ކަމަށެވެ. އެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ކުޅީގައި ނުހިއްކާ ބާކީ އޮންނަ 70 ޕަސެންޓުން ބޭނުންވާ މަންފާތައް ހޯދާނެ ގޮތްތައް މި ސަރުކާރުން ރާވާނެ ކަމަށެވެ. އަދި ވިދާޅުވީ، ކުޅިއާ ގުޅިގެން ހެދި އެންވަޔަރުމަންޓް އެސެސްމެންޓްގައި ފާހަގަ ކުރި އެންމެ ބޮޑު މައްސަލައަކީ ވާރޭ ވެހިގެން ހެދޭ ފެންގަނޑު ކުޅިއަށް މިހާރު ހިނދޭތީ، ކުޅި ހިއްކައިފި ނަމަ ފެންބޮޑުވުމުގެ މައްސަލަ ދިމާވުން ކަމަށެވެ. ނަމަވެސް އެމައްސަލަ ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކުޅި ހިއްކައިގެން އެއާޕޯޓް އަޅާތީ ވަރަށް ގިނަ އިދިކޮޅު ފަރާތްތަކުން ދަނީ ފާޑު ކިޔަމުން، މިރަށު މީހުންނެއް ނޫން، މިރަށު ބޭރު މީހުން، ހާއްސަ ކޮށް އިދިކޮޅު މީހުން ދަނީ ފާޑު ކިޔަމުން، އެއާޕޯޓް އަޅަން ކުޅީން ހިއްކަނީ 30 ޕަސެންޓް އަދި ބާކީ 70 ޕަސެންޓުން ބޭނުންވާ މަންފާތައް ނުވަތަ އިގްތިސޯދީ ބޭނުންތައް ނުވަތަ އެނޫންވެސް އެހެން މަންފާތައް ލިބޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރީޖަނަލް އެއާޕޯޓްގެ ފަރާތުން ޕްލޭން ކޮށްފައިވާ ގޮތަށް ކުޅުދުއްފުށީގެ މަސައްކަތް ކުރިއަށްދާ ނަމަ އަންނަ އަހަރު މެދު ތެރޭގައި އެއާޕޯޓްގެ މަސައްކަތް ނިމޭނެ ކަމަށެވެ. އަދި ވިދާޅުވީ، ކުޅުދުއްފުށީ އެއާޕޯޓް އަޅާ ބިން ހިއްކަނީ ރީޖަނަލް އެއާޕޯޓްގެ ބަޖެޓުން ކަމަށާއި އަންނަ އަހަރު މަސައްކަތްތައް ވެސް ކުރިއަށް ދާނީ ރީޖަނަލް އެއާޕޯޓްގެ ބަޖެޓްގެ ތެރެއިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"30 މިނެޓްގައި ލޯންޗެއްގައި އެއާޕޯޓަށް ދެވޭނެ ގޮތަށް ބޭއްވުމަކީ ރައްޔިތުންނަށް ފަސޭހަތަކެއް ހޯދާ ދިނުމުގެ އިތުރަށް ޓޫރިޒަމް ފުޅާވެ ގެސްޓްހައުސްތައް އިތުރުވެ އިގްތިސޯދީ ފައިދާ އިތުރުކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ރައީސް ޔާމީން ވެރިކަމާ ހަވާލުވީއްސުރެ ދެކެމުންދާ އެއް ހުވަފެނަކީ މާލެއިން އުތުރުގެ އެންމެ މައި ރަށަށް ކުޅުދުއްފުށި ހަދައި އެރަށް ތަރައްގީ ކުރުން ކަމަށެވެ. އަދި ކުޅުދުއްފުށީގައި އެއާޕޯޓް ހެދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށާއި އެގޮތުން މަހާ ޖައްރާފު ރާއްޖެ ގެނެސް ފުރަތަމަ ހިއްކާނެ ބިމަކީ ކުޅުދުއްފުށީ އެއާޕޯޓް އަޅަން ހިއްކާ ބިން ކަމަށް ރައީސް ނިންމެވި ކަމަަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ކުޅުދުއްފުށީގައި ކުރިއަށް ރާވާފަހުރި ތަރައްގީގެ މަސައްކަތްްތަކާއި މިއަދު ފެށިގެންދާ އެއާޕޯޓްގެ މަސައްކަތަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތަރައްގީއަށް ފެން ބޮވވައިގެންފައި ތިބި ރައްޔިތުންނަށް ނަމޫނާ ރަށެއް ކަމަށެވެ. އަދި ރައީސް ޔާމީން ގެންނަ ތަރައްގީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ބަލައިގަންނަ މަންޒަރު ދަނީ ފެންނަމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިތަނުގެ މަސައްކަތް ނިންމާފަ ދާއިރު ފުނަދޫއަށް ކައިރިކޮށް ފުނަދޫގެ ވެސް އަޅަންޖެހޭ ވެލި އަޅަ ނިންމާފަ ދާނީ، ހަދަން ހުރި އެއާޕޯޓްތައް އަދިވެސް ވަރަށް ގިނަ، ދެން ރާވާފަ ހުރި އެއާޕޯޓްތައް ހއ، ށ، ނ، ރ، ޅ، ފ، ގދ އެއާޕޯޓްގެ މަސައްކަތް ނިމިގެންދާނީ ރޮކެޓް ސުޕީޑްގައި،" މިނިސްޓަރު ވިދާޅުވި އެވެ.