ބޮލީވުޑް

އަނުޝްކާ ކަރަންގެ ފިލްމު ދޫކޮށްލީ ޕަރްބާސްގެ ލަފަޔަށް

Nov 13, 2017
1

މަޝްހޫރު ޑައިރެކްޓަރު އަދި ފިލްމު އުފެއްދުންތެރިޔާ ކަރަން ޖޯހަރުގެ ފިލްމެއް ކުޅޭނެ ފުރުސަތެއް ލިބޭތޯ ބޮލީވުޑްގެ ތަރިން އޭނާ ފަހަތުން ދުވަމުން އަންނައިރު ސައުތް ފިލްމު އިންޑަސްޓްރީގެ ތަރިންނަށް ކަރަންގެ ފިލްމުތަކުން ފުރުސަތު ލިބުނަސް އެ ތަރިން އެ ފިލްމުތައް ދޫކޮށްލަނީ އެވެ.

"ބަހޫބަލީ" ގެ ލީޑްރޯލުން ފެނިގެންދިޔަ ސައުތްގެ ސުޕަސްޓާ ޕްރަބާސް ބޮލީވުޑަށް ނެރެން ކަރަން ހުށަހެޅި ފިލްމަށް އޭނާ ކީ އަގު ބޮޑުވުމުން ކަރަަން ވަނީ ޕަރްބާސް ބޮލީވުޑަށް ނެރުމުގެ ހިޔާލު ދޫކޮށްލައި، އޭނާ އާއެކު އެ ފިލްމުގައި ބަތަލާގެ ރޯލުން ފެނިގެންދިޔަ އަނުޝްކާ ޝެޓީ ބޮލީވުޑަށް ނެރުމުގެ މަސައްކަތް ފަށާފަ އެވެ.

އަނުޝްކާ އާއެކު ފިލްމެއް އުފައްދަން ކަރަން ދެކެމުން އައި ހުވަފެން އޭނާ ފުނޑުފުނޑުކޮށްލީ ކަރަން ހުށަހެޅި ފިލްމުގެ ރޯލާ މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ އެ ފިލްމު ދޫކޮށްލަމުންނެވެ.

ހަބަރުތައް ބުނާގޮތުން އަނުޝްކާ އެ ފިލްމު ދޫކޮށްލީ ގާތްއެކުވެރިޔާ އަދި ކޯ-ސްޓާ ޕްރަބާސްގެ އެދުމަކަށެވެ. އަނުޝްކާ އަށް ކަރަންގެ ފިލްމަކުން ފުރުސަތު ލިބުމުން އޭނާ އެކަން ހިއްސާކޮށްފައިވަނީ ޕްރަބާސް އާ އެވެ. ނަމަވެސް އެ ފިލްމުގައި ކުޅެން ލިބުނު ރޯލާ މެދު ޕްރަބާސް ހިތްހަމަނުޖެހި އެ ވާހަކަ އަނުޝްކާ ކުރަން ބުނުމުން ވަނީ ކަރަންގެ ހުށަހެޅުން ދޫކޮށްލާފަ އެވެ.

މީގެކުރިން އަނުޝްކާ އަށް 2015 ވަނަ އަހަރު ނިކުތް "ތަމާޝާ" ކުޅެން ލިބުނު ފުރުސަތު ވެސް އޭނާ ދޫކޮށްލީ ރޯލާ މެދު ހިތްހަމަނުޖެހޭތީވެ އެވެ. އެ ރޯލު ފަހުން ކުޅެފައިވަނީ ދިޕިކާ ޕަދުކޯން އެވެ. އަދި އަޖޭ ދޭވްގަން އާއެކު "ސިންގަމް" އާއި "ގޯލްމާލް" ސީރީޒްގެ ފިލްމެއް ކުޅެން ލިބުނު ފުރުސަތު ވެސް ދޫކޮށްލާފަ އެވެ.

ޕްރަބާސް އާއި އަނުޝްކާ އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށް އަޑުތައް އެރި ނަމަވެސް އެ ދެތަރިން އަބަދުވެސް ބުނަމުން އަންނަނީ އެމީހުންނަކީ ގާތް އެކުވެރިން ކަމަށެވެ.

ބޮލީވުޑްގެ ފިލްމުތަކުން އަނުޝްކާ އާއި ޕްރާބާސް އަށް ކިތަންމެ ވަރަކަށް ހުށަހެޅުން ލިބެމުން އައި ނަމަވެސް ސައުތް ފިލްމު ދޫކޮށް ބޮލީވުޑަށް މިސްރާބު ޖެހުމުގެ ވިސްނުމެއް އެ ދެތަރިންގެ ނެތެވެ.