ހަބަރު

ކުޅުދުއްފުށީގައި އެއާޕޯޓެއް ނާޅާނެ، ދައްކަނީ މަންޒަރެއް: އެމްޑީޕީ

ހދ. ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަށް ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ފެއްޓެވި ނަމަވެސް މި ސަރުކާރުން އެރަށުގައި އެއާޕޯޓު ނާޅާނެ ކަމަށާއި ސަރުކާރުގެ މަގްސަދަކީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމުގެ މަންޒަރު ދެއްކުން ކަމަށް އިދިކޮޅު އެމްޑީޕީއިން ބުނެފި އެވެ.

އެ ޕާޓީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރު ދުވަހުގެ ތެރޭގައި ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅާނެ ކަމަށް 2013 ގެ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ރައީސް ޔާމީން ވައުދުވެފައިވީ ނަމަވެސް، ރައީސް ޔާމީންގެ ސަރުކާރުގެ ހަތަރު އަހަރު ފާއިތުވެގެންދާއިރު އެކަން ނުކުރައްވާ ހުންނެވުމަށްފަހު މިހާރު އެއުޅުއްވަނީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ކަމަށެވެ. އެ ޕާޓީން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެމްޑީޕީން މިހެން ބުނި ނަމަވެސް މިރޭ ކުޅުދުއްފުށީގައި ބޭއްވި "އުދުހޭ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އަންނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި އެއެއާޕޯޓު ހުޅުވި، ދަތުރުތައް ފަށާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާފަ އެވެ. އަދި އެއާޕޯޓު މަޝްރޫއަށް ބޭނުންވާ ބަޖެޓު ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ ނޫސް ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކުޅުދުއްފުށީގެ ތަރައްގީގެ ތަސައްވަރެއް އެޕާޓީގައި އެބަ އޮތް ކަމަށެވެ. އަދި އެރަށަށް އެމްޑީޕީން އެކުލަވާލާނެ ތަރައްގީގެ ޕްލޭންގެ މައިގަނޑު އެއް ބަޔަކީ ކުޅުދުއްފުށީގެ ދަތުރުފަތުރުގެ ވަސީލަތް ތަރައްގީ ކުރުން ކަމަށެވެ.

"ކުޅުދުއްފުށްޓަކީ ރާއްޖޭގެ އުތުރުގެ އެންމެ ބޮޑު އާބާދީއަށް ވެފައި، މިޕާޓީގެ ތަރައްގީގެ ޕްލޭންގައި ކުޅުދުއްފުށްޓަކީ ރާއްޖޭގެ އުތުރުގެ އިގްތިސޯދީ ނާރެސް ކަމުގައި ވުމުން، ކުޅުދުއްފުށީގެ ދަތުރުފަތުރުގެ ވަސީލަތް ތަރައްގީ ކުރުމަކީ ކުޅުދުއްފުށްޓަށް މިޕާޓީން އެކުލަވާލާނޭ ތަރައްގީގެ ޕްލޭންގެ މައިގަނޑު އެއް ބައި. މި ޕާޓީގެ އެތަސައްވުރު ކުޅުދުއްފުށީގެ ތަރައްގީގެ ޕްލޭންގެ ގޮތުގައި ކުރެހިގެންދާނީ ކުޅުއްދުއްފުށީ ރައްޔިތުންގެ އާނބަހާއެކުގައި ކަމުގެ ޔަގީންކަން އަރުވަން." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކުޅުދުއްފުށީގެ އެއާޕޯޓު ގާއިމުކޮށް ދޭން ޖެހޭނީ އެރަށު ރައްޔިތުން އެދޭ ގޮތަށް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެއާޕޯޓަށް ކުޅުދުއްފުށީ ކުޅި ހިއްކާތީ، ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ބައެއް ސިޔާސީ ލީޑަރުން ވެސް އެކަމާ ދެކޮޅަށް އަޑު އުފުއްލެވި އެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ ތަރައްގީ ރައްޔިތުން ބޭނުންވާ ކަމަށާއި ތަރައްގީ ނުހުއްޓުވޭނެ ކަމަށެވެ. ކުޅި އެއްކޮށް ނުހިއްކާނެ ކަމަށާއި ހިއްކާނީ ކުޅީގެ 30 ޕަސެންޓް ކަމަށް ވެސް ބުނެފައިވެ އެވެ.