ހަބަރު

ކުޅުދުއްފުށީ ކުޅި ހިއްކުން ހުއްޓުވަން ސިވިލް ކޯޓަށް

ހދ. ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް އެ ރަށުގެ އުތުރު ކޮޅުގައި އޮންނަ ބޮޑު ކުޅީގެ ބައެއް އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ހިއްކާތީ އެކަން ހުއްޓުވުމަށް ސިވިލް ކޯޓަށް މިއަދު މައްސަލައެއް ވައްދައިފި އެވެ.

ކުޅުދުއްފުށީ ކުޅި ހިމާޔަތްކުރަން ވަކާލާތުކުރާ އިކޯކެއާއިން ސިވިލް ކޯޓަށް މައްސަލަ ވެއްދީ ކުޅުދުއްފުށީ އެއާޕޯޓުގެ މަޝްރޫއު ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީން ދޫކޮށްފައިވާ އެންވަޔަރަމެންޓަލް ޑެސިޝަން ސްޓޭޓްމަންޓްގައި ބަޔާންކޮށްފައިވާ
ޝަރުތުތައް ފުރިހަމަ ނުކޮށް، އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފައިވާތީ ކަމަށް ބުނެ އެވެ. -- އިކޯކެއާއަކީ ކުރީގެ ފޮޓޯގްރާފަރު އަދި ތިމާވެށީގެ ލިޔުންތެރިޔާ މަޝްހޫރު މުހައްމަދު ޒާހިރު (މީމުޒަވިޔަނި) ގެ ޖަމިއްޔާއެކެވެ. މީމުޒަވިޔަނި މަސައްކަތް ކުރައްވަނީ ވެސް ތިމާވެއްޓާބެހޭ މިނިސްޓްރީގަ އެވެ.

އެއާޕޯޓްގެ މަސައްކަތް ފަށާފައިވަނީ ގާނޫނު އަސާސީގެ 22 ވަނަ މާއްދާއާއި 67 ވަނަ މާއްދާގެ (އ) އާއި، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނާއި، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވައިދާ ހިލާފަށް ކަމަށް ވެސް މައްސަލާގައި ބުނެފައިވެ އެވެ.

މައްސަލާގައި އެދިފައިވަނީ ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ފިޔަވަޅުތައް އެޅުމަށް އެންވަޔަރަންމަންޓް މިނިސްޓްރީގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ.

އޭގެއިތުރުން މައްސަލާގައި ހުކުމެއް އިއްވެންދެން އެއާޕޯޓު ޑިވެލޮޕްމަންޓް ޕްރޮޖެކްޓްއާ ގުޅިގެން އެ ޕްރޮޖެކްޓް ހިންގުމަށް ހަމަޖެހިފައިވާ ތަނާއި ސަރަހައްދުގައި އެއްވެސް މަސައްކަތެއް ނުކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީ އާއި އެ މަސައްކަތުގައި ޝާމިލުވާ އެންމެހާ ފަރާތްތަކަށް އެންގުމުގެ އަމުރެއް ނެރެދިނުމަށް ވެސް ވަނީ އެދިފަ އެވެ.

ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް ހިއްކަނީ ދެ ސަރަހައްދެކެވެ. އެއީ މޫދުގެ ސަރަހައްދަކާއި ކުޅީގެ ސަރަހައްދެކެވެ. ޖުމްލަ 15 ހެކްޓަރު ހިއްކާއިރު، އެއީ ކުޅިން ނުވަ ހެކްޓަރު ބިމާއި މޫދުން ހަ ހެކްޓަރު ބިމެވެ. އެ ކުޅި ހިއްކާތީ ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބައެއް ސިޔާސީ ލީޑަރުން ވެސް އެކަމާ ދެކޮޅަށް އަޑު އުފުއްލެވި އެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ ތަރައްގީ ރައްޔިތުން ބޭނުންވާ ކަމަށާއި ތަރައްގީ ނުހުއްޓުވޭނެ ކަމަށެވެ. ކުޅި އެއްކޮށް ނުހިއްކާނެ ކަމަށާއި ހިއްކާނީ ކުޅީގެ 30 ޕަސެންޓް ކަމަށް ވެސް ބުނެފައިވެ އެވެ.